ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހިދު ކަޕޫރަށާއި އަންހެނުން މީރާއަށް ފިރިހެން ދަރިޔަކު އިއްޔެ ލިބިއްޖެއެވެ. މިއީ އެ ދެމަފިރިންގެ ދެވަނަ ދަރިފުޅެވެ.

ޝާހިދާއި މީރާއަށް ފުރަތަމަ ލިބިފައިވަނީ އަންހެން ދަރިއެކެވެ. މިހާރު އުމުރުން ދެ އަހަރުގެ އެ ކުއްޖާ އަށް ކިޔަނީ މީޝާ ކަޕޫރެވެ. މީރާ އިއްޔެ ވިހާފައވާއިރު ބޮލީވުޑްގެ ގިނަ ތަރިންނާއި ގާތް ރަހުމަތްތެރިން ވަނީ ސޯޝަލް މީޑިއާގައި އެ ދެެމަފިރިންނަށް މަރުހަބާ ކިޔާފައެވެ.

ބައެއް ހަބަރުތައް ބުނާ ގޮތުގައި މިފަހަރުގެ ދަރިފުޅަށް ކިޔާނީ މީރާ ބޭނުންވާ ނަމެކެވެ. އެއީ ކުރިން އަންހެން ދަރިފުޅަށް ޝާހިދު ބޭނުން ވެގެން މީޝާ ކިޔާފައިވާތީއެވެ. ދެވަނަ ދަރިޔަކު ލިބުނު އިރު ޝާހިދުގެ ފިލްމު ތަކެއް ކުރިޔަށް އެބަ ހުއްޓެވެ.

Articl Inline Image

މި މަހުގެ 21 ވަނަ ދުވަހު ޝާހިދުގެ "ބައްތީ ގުލް މީޓަރު ޗާލޫ" ރިލީޒް ކުރަން އަންނަނީ ތައްޔާރުވަމުންނެވެ. އަދި ވެސް އިތުރު ފިލްމަކަށް ޝާހިދު ވަނީ ރެޑީ ވެފައެވެ.

މީރާ ފިލްމީ ދާއިރާއިން ފެންނާނެ ކަމުގެ އުންމީދެއް ނެތެވެ. ނަމަވެސް ދާދި ފަހުން އޭނާ ވަނީ ކޮސްމެޓިކް އިސްތިހާރަކުން ފެނިގެން ގޮސްފައެވެ.