އިންސްޓަގްރާމްގެ "އާސްކު މީ" ފީޗާ ބޭނުންކޮށްގެން ފޭނުންގެ ސުވާލުތަކަށް ޖަވާބުދިނުން މިހާރު ބޮލީވުޑް ތަރިންގެ މެދުގައި އާއްމު ކަމަކަށް ވެއްޖެއެވެ.

ޝާހުރުކު ޚާނާއި ސޯނަމް ކަޕޫރު އަދި އަރުޖުން ކަޕޫރުވެސް މި ވަނީ އިންސްޓަގުރާމުން އަލަށް ތައާރަފުކުރި އެ ފީޗާގެ ބޭނުން ހިފާފައެވެ. ހަމައެހެންމެ އަރުޖުން ކަޕޫރުގެ ކޮއްކޮ އަންޝޫލާ ކަޕޫރުވެސް ދާދިފަހުން ވަނީ "އާސްކު މީ" ފީޗާ މެދުވެރިކޮށް ފޭނުންގެ ސުވާލުތަކަށް ޖަވާބުދީފައެވެ.

އެގޮތުން އަރުޖުންގެ ކޮއްކޮ އަދި ބޯނީ ކަޕޫރުގެ ދޮށީ އަންހެން ދަރިފުޅު އަންޝޫލާ އަށްވެސް ފޭނުން ވަނީ ގިނަ ސުވާލުތަކެއް ކުރިމަތި ކޮށްފައެވެ. އެގޮތުން އެ ހަތަރު ބެއިންގެ ތެރެއިން ބައްޕަ ބޯނީ ކަޕޫރުގެ އެންމެ ފެވަރިޓު ދަރިއަކީ ކާކުތޯ ސުވާލު ކުރުމުން އަންޝޫލާ ބުނީ، ބައްޕަގެ އެންމެ ފެވަރިޓަކީ ޚުޝީ ކަމަށެވެ.

" ޚުޝީ.... ސިއްރު ފަޅާއަރައިފި.. އަސްލު ތެދަށް ބުނަންޏާ ބައްޕަ އަހަރުމެން ހަތަރު މީހުން ދެކެވެސް އެއްވަރަކަށް ލޯބިވޭ،" ފޭނަކު ކުރި ސުވާލަކަށް ޖަވާބުދެމުން ޚުޝީ ބުންޏެވެ.

ހަމައެހެންމެ ބޭބެ އަރުޖުން އާއި ކޮއްކޮ ޖާންވީ އަދި ޚުޝީގެ ކިބައިން ފެންނަ ކަމުދާ އެއް ކަމަކީ ކޮބައިތޯ ސުވާލު ކުރުމުން އަންޝޫލާ ބުނީ، "އެމީހުންގެ ހިތް، އެމީހުންގެ ކުޅަދާނަކަން، ހިތާމައިގެ ވަގުތުތަކުގައިވެސް ދައްކާ ހިއްވަރު....،" އަންޝޫލާ ބުންޏެވެ.

އަރުޖުން ކަޕޫރާއި އަންޝޫލާ ކަޕޫރަކީ ބޯނީ ކަޕޫރުގެ ފުރަތަމަ ކައިވެންޏަށް ލިބިފައިވާ ދެ ދަރިންނެވެ. އަދި ޖާންވީ ކަޕޫރާއި ޚުޝީ ކަޕޫރަކީ، މިދިޔަ ފެބްރުއަރީ މަސްތެރޭގައި މަރުވި ބޮލީވުޑްގެ ކުރީގެ ތަރި ސްރީދޭވީ އިނދެގެން ލިބުނު ދެ ދަރިންނެވެ.