ބޮލީވުޑްގެ މަޝްހޫރު ތަރި ސައިފު އާލީ ޚާނާއި އަމްރިތާ ސިންގުގެ އަންހެން ދަރިފުޅު ސާރާ އަލީ ޚާން ހުރީ ބޮލީވުޑަށް ނުކުންނަން ތައްޔާރަށެވެ. އަދި އޭނާ އެންމެ ފުރަތަމަ ފެނިގެން ދާނީ ޑޭވިޑު ދަވަން ޑައިރެކްޓުކުރާ ފިލްމަކުން، ވަރުން ދަވަން އާއެކު ކަމަށް ބުނެ ހަބަރުތައް ވެސް ވަނީ ފެތުރިފައެވެ.

އެހެންނަމަވެސް އެންމެ ފަހުގެ ހަބަރުތައް ބުނާގޮތުން، ސާރާ ބޮލީވުޑަށް ނުކުންނަ ފުރަތަމަ ފިލްމު ކުޅޭނީ މިހާރު އަރަމުން އަންނަ ތަރި ސުޝާންތު ސިންގު ރާޖުޕުތު އާއެކުއެވެ. ވަރުންއާ އެއްކޮށެއް ނޫނެވެ.

ހަބަރުތައް ބުނާގޮތުން، ސާރާ ވަރުން އާއެކު ކުޅެން އުޅޭކަމަށް ބުނެ ހަބަރު ފެތުރުނު ފިލްމުގެ ސްކުރިޕްޓުވެސް އަދި ލިޔެ ނުނިމެއެވެ. އަދި ޑޭވިޑު އެ ފިލްމަށް ތަރިން ހޯދަން ފަށާނީވެސް ސްކްރީންޕްލޭގެ ކަންތައް ނިމުމުން ކަމަށްވެސް ހަބަރުތައް ބުނެއެވެ.

ބޮލީވުޑަށް ތައާރަފުވާ ފިލްމުގެ އިތުރުން ސަރާގެ އިތުރު ފިލްމެއްވެސް މި އަހަރުގެ ޑިސެމްބަރުގައި ރިލީޒު ކުރާނެ ކަމަށް ހަބަރުތައް ބުނެއެވެ. އަދި އެ ފިލްމުގައި ސާރަ ފެނިގެންދާނީ ރަންވީރު ސިންގުއާއެކު ކަމަށާއި އެއީ"ސިމްބާ" ނަމަކަށް ކިޔާ ފިލްމެއް ކަމަށްވެސް ހަބަރުތައް ބުނެއެވެ.

ހަބަރުތައް ބުނާގޮތުން "ސިމްބާ" ޑައިރެކްޓު ކުރަނީ ކާމިޔާބު ޑައިރެކްޓަރު ރޯހިތު ޝެޓީއެވެ. އަދި އެ ފިލްމުގެ ކޯ ޕްރޮޑިއުސަރަކީ ކަރަން ޖޯހަރެވެ.