އަނައިތާ ޝްރޮފުގެ "ދަ ފީޓު އަޕް ވިތު ދަ ސްޓާސް" ޝޯވގައި ސޯނަމް ކަޕޫރު އަހޫޖާ ވަނީ އޭނާގެ ލޯބީގެ ދިރިއުޅުމާ ގުޅޭގޮތުން ވަރަށް ގިނަ ވާހަކަތަކެއް ހިއްސާކޮށްފައެވެ.

އެގޮތުން ފިރިމީހާ އަދި މަޝްހޫރު ވިޔަފާރިވެރިޔާ އާނަންދު އަހޫޖާ، ސޯނަމް އެހެން މީހަކާ ގުޅުވަން އުޅުނު ވާހަކައިން ފެށިގެންގޮސް އެ ދެމީހުން ޕްރޮޕޯސް ކުރި ގޮތުގެ ވާހަަކަވެސް ސޯނަމް ވަނީ ކިޔައި ދީފައެވެ.

ސޯނަމް ބުނީ، އާނަންދު އެންމެ ފުރަތަމަ މަސައްކަތް ކުރީ އޭނާގެ ގާތް ރަހުމަތްތެރިއަކަށް ސޯނަމް "ސެޓު" ކޮށްދޭން ކަމަށާއި އެހެންނަމަވެސް އެކަން ނުވެ އެ ދެމީހުންގެ ގުޅުން ބަދަހި ވެގެން ދިޔައީ ކަމަށެވެ.

ހަމައެއާއެކު، އާނަންދު އޭނާއަށް ޕްރޮޕޯސްކުރީ އަނގޮޓިއަކާ ނުލައި ނިއުޔޯކުގެ މަގުމަތީގައި ކަމަށްވެސް ސޯނަމް ބުންޏެވެ.

"އަސްލު އެކަން އޮތީ އޮކްޓޫބަރުގައި ކުރާ ގޮތަށް. އެކަމަކު އޭގެ ކުރިން ނިއުޔޯކުގައި، އަހަރެން ފާޑަކަށް ރުޅި ގަދަވެފައި ހުރި ދުވަހެއްގައި އާނަންދު ޕްރޮޕޯސް ކުރީ.... އާނަންދު ދިޔައީ ބައިކުގައި، އަހަރެން ދިޔައީ އޭނާއާ އެއްވަރަށް ހިނގާފައި. ދެން އޭނާ ކުއްލިއަކަށް ބައިސްކަލުން ފައިބައިގެން އަހަރެންގެ ކުރިމަތީގައި އެއް ކަކޫ މައްޗަށް ތިރިވެ އެހީ އިންނަން،" ސޯނަމް ބުންޏެވެ.

ހަމައެހެންމެ، އެ ދެމީހުންވެސް އެކަކު އަނެކަކުގެ ކިބައިން ފެންނަ އެންމެ ފޫހިވާ ކަންތައްތައްވެސް ސޯނަމް ވަނީ އެ ޝޯވްގެ ތެރެއިން ކިޔައިދީފައެވެ.

ސޯނަމްއާއި އާނަންދު ކައިވެނި ކުރީ ތިން އަހަރު ދުވަހު އެކުގައި އުޅުމަށްފަހު މިދިޔަ މެއި މަހުގައެވެ. އެ ދެމީހުންގެ ކައިވެނި ހަފުލާގައި ބޮލީވުޑްގެ ގިނަ ތަރިންތަކެއް ވަނީ ބައިވެރިވެފައެވެ.