"ދަމް ލަގާކޭ ހައިޝާ"، "ޓޮއިލެޓު:އެކް ޕްރެމް ޚަތާ" ފަދަ ފިލްމުތަކުން ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ ބޫމީ ޕެދުނޭކަރު، ބޮލީވުޑްގެ ކާމިޔާބު ތަރި ޝާހުރުކު ޚާން އާއެކު ފިލްމު "ސެލިއުޓު" އިން ފެނިދާނެ ކަމަށް ހަބަރުތައް ބުނަން ފަށައިފިއެވެ.

އިންޑިއާއިން ސްޕޭސްއަށް ދިޔަ އެ ގައުމުގެ ހަމައެކަނި އެސްޓުރަނޯޓު، ރާކޭޝް ޝަރުމާގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފެއްދުމަށް ހަމަޖެހިފައިވާ އެ ފިލްމުން ބޫމީއަށް ފުރުސަތު ދިނުމަށް އެ ފިލްމު އުފައްދާ ފަރާތުން ބޫމީ އާ ބައްދަލުކޮށް ސްކުރިޕްޓު އާ ބެހޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ހަބަރުތައް ބުނެއެވެ.

"ސެލިއުޓް" އުފެއްދުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތަކާ ހަވާލާދީ ހަބަރުތައް ބުނާގޮތުން، ބޮލީވުޑުގެ ކާމިޔާބު އެއްވެސް ބަތަލާއެއް ޝާހު އާއެކު އެ ފިލްމު ކުޅުމަށް އެއްބަސް ވެފައެއް ނުވެއެވެ.

"އެ ފިލްމު އުފައްދާ މީހުން މީގެ ދުވަސްކޮޅެއް ކުރިން ބޫމީއަށް ބައްދަލު ކުރި، ފިލްމުގެ ސްކްރިޕްޓު މަޝްވަރާ ކުރުމަށް. އެމީހުން ބޫމީ އެ ފިލްމަކަށް ކޮންފާމް އެއް ނުކުރޭ، އެކަމް އެމީހުންގެ ޗޮއިސަސް ތަކުގައި ބޫމީ ހިމެނޭ...އެއްވެސް ކާމިޔާބު އަންހެން ތަރިއަކު އެ ފިލްމު ކުޅުމަށް އެއްބަހެއް ނުވޭ،" ފިލްމު އުފެއްދުމުގެ މަސައްކަތުގައި އުޅޭ ފަރާތަކާ ހަވާލާދީ ހަބަރުތައް ބުނެއެވެ.

ހަބަރުތައް ބުނާ ގޮތުން، "ސެލިއުޓް"ގައި ފިރިހެން ލީޑު ރޯލު ކުޅުމުގެ ފުރުސަތު އެންމެ ފުރަތަމަ ހުށަހެޅީ އަމީރު ޚާން އަށެވެ.އެހެންނަމަވެސް ދިމާވި މައްސަލަތަކެއްގެ ސަބަބުން އާމީރު ފިލްމު ބޭނުން ނުވުމުން އެ ދެން ފުރުސަތު ދިނީ ޝާހު އަށް ކަމަށްވެސް ހަބަރުތައް ބުނެއެވެ.

"ސެލިއުޓް" އިން ބޫމީ އަށް ފުރުސަތު ދީފި ނަމަ، އެ ފިލްމު ވެގެންދާނީ ބޫމީ ޝާހު އާއެކު ކުޅޭ ފުރަތަމަ ފިލްމަށެވެ.