ހަމްސާތުސާތު ހޭ، މެއިނޭ ޕްޔާރް ކިޔާ ފަދަ ކާމިޔާބު ފިލްމުތަކުގައި ބައްޕަގެ ރޯލު އަދާކޮށްފައިވާ އަލޯކު ނާތުގެ މައްޗަށް މީހަކު ރޭޕު ކުރިކަމުގެ ތުހުމަތު ތަކެއް ކޮށްފިއެވެ.

އެގޮތުން އަލޯކުގެ މައްޗަށް ކޮށްފައިވަނީ، ލިޔުންތެރިޔާ އަދި ޕްރޮޑިއުސަރު ވިންތާ ނަންދާ ރޭޕު ކުރި ކަމުގެ ތުހުމަތެވެ. އަދި އެއީ މީގެ 19 އަހަރު ކުރިން ހިނގާފައިވާ ކަމެއް ކަމަށްވެސް ހަބަރުތައް ބުނެއެވެ.

ހަބަރުތައް ބުނާގޮތުން ނަމަ، ވިންތާ ވަނީ މީގެ 19 އަހަރު ކުރިން ހިނގައިދިޔަ އެކަންތަކުގެ ވާހަކަ އޭނާގެ ފޭސްބުކު ޕޭޖުގައި ޕޯސްޓުކޮށްފައެވެ. އަދި އޭނާގެ އެ ޕޯސްޓާ ގުޅިގެން ބޮލީވުޑް އިންޑަސްޓުރީގެ ގިނަ ބަޔަކު ވަނީ ވިންތާއަށް ހަމްދަރުދީވެ އޭނާއަށް އެއްކޮޅަށް ތެދުވެފައެވެ.

ވިންތާގެ އެ ޕޯސްޓާ ގުޅިގެން އަލޯކު ބުނީ، ވިންތާގެ ވާހަކަތަކަށް އާނއެކޭވެސް އަދި ނޫނެކޭ ވެސް މި ވަގުތު ނުބުނާނެ ކަމަށެވެ. އަދި ފަހަރުގައި މީހަކު ވިންތާ ރޭޕު ކޮށްފައިވެދާނެ ކަމަށާއި އެހެންނަމަވެސް އެކަން ވާނީ އެހެން މީހަކު ކުރި ކަމެއް ކަމުގައިވެސް އަލޯކު ބުންޏެވެ.

ހަމައެއާއެކު، ވިންތާ އޭނާއަށް ކުރާ ތުހުމަތު ތަކާ ގުޅޭގޮތުން މިވަގުތު ވާހަކަ ދައްކަން ބޭނުން ނުވާކަމަށާއި އެކަމާ ގުޅޭގޮތުން ވާހަކަ ދައްކައިފި ނަމަ އެ މައްސަލަ "ސްޓްރެޗު" ވެގެން ހިނގައިދާނެ ކަމަށްވެސް އަލޯކު ބުންޏެވެ.

އޭނާ އިތުރަށް ބުނީ، އަންހެނުންނަކީ ފިރިހެންނުންނަށް ވުރެ ބަލިކަށި ބަޔަކަށް ވުމުން އަބަދުވެސް އަންހެނުންގެ ވާހަކަތައް މީހުން އަޑުއަހާ ކަމަށެވެ.