ޓީ ސީރީސް މިއުޒިކު ލޭބަލްގެ ފައުންޑާ ގުލްޝަން ކުމާރުގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމު "މޮގުލް" އިން އާމިރު ޚާން ވަކިވެއްޖެއެވެ. އަދި އާމިރު ވަނީ އެކަން ރަސްމީކޮށް އިއުލާނުވެސް ކޮށްފައެވެ.

ހަބަރުތައް ބުނާ ގޮތުން ނަމަ "މޮގުލް"ގެ ކޯ ޕްރޮޑިއުސަރުކަން ވެސް ކުރަން ނިންމި އާމިރު އެ ފިލްމުން ވަކިވާން ނިންމީ، އެ ފިލްމުގެ ޑައިރެކްޓަރު ސުބާޝް ކަޕޫރުގެ މައްޗަށް ކުރެވުނު މީހަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުތަކާ ގުޅިގެންނެވެ.

އެގޮތުން އާމިރު ނެރުނު ބަޔާނެއްގައިވެސް ބުނެފައިވަނީ، އޭނާ މަސައްކަތް ކުރަން ނިންމާފައިވާ މީހަކުގެ މައްޗަށް މީހަކަށް ޖިންސީ ގޯނާ ކުރިމަކުގެ ތުހުމަތު ކުރެވިފައިވާ ކަމަށާއި އެފަދަ ކަންކަމަކީ އެއްވެސް ވަރަކަށް ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށެވެ.

"ޖިންސީ ގޯނާއާއި އެކަމާ ގުޅުން ހުރި އެއްވެސް އަމަލަކީ އާމިރު ޚާން ޕްރޮޑަކްޝަނުން އެއްވެސް ވަރަކަށް ބަލައިގަންނަ ކަމެއް ނޫން...މީގެ ދެ ވަރަކަށް ހަފުތާކުރިން މީޓޫ ކެމްޕެއިން ފެށުނުފަހުން، އަހަރުމެންނާއެކު މަސައްކަތް ކުރަން ނިންމާފައިވާ މީހެއްގެ ފަރާތުންވެސް ޖިންސީ ފުރައްސާރައާ ކުރިމަތިލާން ޖެހުނުކަމަށް ބުނާ ވާހަކައެއް އަހަރުމެންގެ ސަމާލުކަމަށް ގެނެވިފައި ވަނީ...،" އާމިރު ބުންޏެވެ.

އާމިރުގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މި ދަނޑިވަޅަކީ މީހުންކޮށްފައި ހުންނަ އެފަދަ ކަންތައްތައް ހޯދައި ދެނެގަނެ އެކަމާ ދެކޮޅަށް ހަރުދަނާ ފިޔަވަޅެއް އަޅަންވީ ވަގުތު ކަމަށެވެ. އަދި ގިނަ ދުވަސްތަކެއް ވަންދެން އަންހެނުންނަށް ޖިންސީ ފުރައްސާރައާ ކުރިމަތިލާން ޖެހިފައިވާ ކަމަށާއި އެކަން ހުއްޓަން ޖެހޭނެ ކަމަށްވެސް އާމިރު ބުންޏެވެ.