މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ޖިންސީ ފުރައްސާރައާ ދެކޮޅަށް 2017 ވަނަ އަހަރު ފެށި "މީޓޫ" މޫމަންޓަކީ ހުޅަނގުގެ ގައުމުތަކުގައި ވަރަށް ބޮޑަށް ވައިގައި ހިފި ކެމްޕެއިނެކެވެ. ހާއްސަކޮށް އެމެރިކާގައި މި ކެމްޕޭން ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދެއެވެ. ހޮލީވުޑުގެ ތަރިން ބައިވެރިވާ ބޮޑެތި އިވެންޓުތަކުގައި މި މޫމަންޓު ތަމްސީލުކޮށްދެއެވެ.

ބޮލީވުޑަށް މީޓޫ ދިޔަތާ އަދި އެހާ ދުވަހެއް ނުވެއެވެ. ޖިންސީ ފުރައްސާރައާ ދެކޮޅަށް އަޑުއުފުލަން ބޮލީވުޑުގައި ފެށިއިރު ބޮޑެތި ތަރިންގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރަންވެސް ވަނީ ފަށައިފައެވެ. ގިނަ ތަރިންތަކެއްގެ ފަތިފުށް ހާމަވެ ބޭޒާރުވާން ވަނީ ފަށައިފައެވެ. މީގެ ތެރޭގައި އަނޫ މާލިކް، އަލޯކް ނާތު، ސާޖިދު ޚާން، ކައިލޭޝް ކާރް ފަދަ ބޮޑެތި ތަރިން ހިމެނެއެވެ.

މީޓޫ މޫމަންޓް ބޮލީވުޑުގައި ފެށުމާއެކު ގިނަ ބަޔަކު ދަނީ ޖިންސީ ފުރައްސާރައާ ދެކޮޅަށް އަޑު އުފުލަމުންނެވެ. މިގޮތަށް އަޑުއުފުލާ ބައެއް ތަރިން ބޭޒާރުވާތަންވެސް ދަނީ ފެންނަމުންނެވެ. އެގޮތުން ބޮލީވުޑްގެ މެގަ ސްޓާރު އަމީތާބު ބައްޗަން މީޓޫ މޫމަންޓާ ގުޅިގެން ކުރި ޓްވީޓަކާއެކު އޭނާ ވަނީ ހޫނުފެނަށް ވެއްޓިފައެވެ.

ސެލެބްރިޓީ ހެއާ ސްޓައިލިސްޓު ސަޕްނާ ބާވަން ބުނެފައިވަނީ އަމީތާބުގެ ފަތިފުށް ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށެވެ. އަމީތާބަކީ ފަސްބައި ހުދު މީހެއް ނޫންކަމަށްވެސް ސަޕްނާ ވަނީ ބުނެފައެވެ. ސަޕްނާ ވަނީ ޖިންސީ ފުރައްސާރަ ކުރިމަތިވެފައިވާ ތަރިން އެވާހަކަ ދެއްކުމަށް ގޮވާލައިފައެވެ. އަދި އެކަން ކުރި މީހުން ހާމަކުރަންވެސް އޭނާ ގޮވާލާފައިވެއެވެ.

އިންޑިއާއަކީ އާންމުކޮށް މިފަދަ ވާހަކަތައް ފާޅުގައި ދައްކާ ގައުމަކަށް ނުވިނަމަވެސް ގިނަ އަދަދެއްގެ ބަޔަކު ދަނީ މީޓޫ މޫމަންޓާއެކު ސޯޝަލް މީޑިއާގައި ޖިންސީ ފުރައްސާރައާދެކޮޅަށް އަޑު އުފުލައި ވާހަކަ ދައްކަމުންނެވެ.