ބޮލީވުޑްގެ ކާމިޔާބު ތަރި ޕްރިޔަންކާ ޗޯޕުރާއާއި އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނިކް ޖޯނަސް އަންނަ ނޮވެމްބަރު މަހު ކައިވެނި ކުރަން ނިންމާފައިވާ ކަމަށާއި އެ ކައިވެނީގެ ހަފުލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ޖޯދުޕޫރުގައި ކަމަށް ހަބަރުތައް ބުނަން ފަށައިފިއެވެ.

އެގޮތުން އެ ދެ ތަރިންގެ ކައިވެނީގެ ހަފުލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ޖޯދުޕޫރުގެ އުމައިދު ބަވަންގައި ކަމަށާއި އެ ހަފުލާއަށް ދައުވަތު ދޭނީ އެންމެ 200 މީހުންނަށް ކަމަށްވެސް ހަބަރުތައް ބުނެއެވެ. އަދި އޭގެ ތެރޭގައި ހިމެނޭނީ އާއިލާގެ މެމްބަރުންނާއި ގާތް ރަހުމަތްތެރިން ކަމަށްވެސް ހަބަރުތައް ބުނެއެވެ.

ހަމައެހެންމެ، ކައިވެނީގެ ހަފުލާގެ ކުރިން ވަރަށް ހާއްސަ ބުރައިޑަލް ޝަވާއެއްވެސް ނިއުޔޯކުގައި ބާއްވަން ހަމަޖެހިފައިވާ ކަމަށްވެސް ހަބަރުތައް ބުނެއެވެ.

ޕްރިޔަންކާއާއި ނިކް ވަނީ ދާދި ފަހުން އެންގޭޖުވެސް ވެފައެވެ. އެ ހަފުލާ ބާއްވާފައިވަނީ މުމްބާއީގައި ހުންނަ ޕްރިޔަންކާގެ ގޭގައެވެ.