ކުޑަކުދިންނަށް ހާއްސަކޮށްގެން ހަދާފައިވާ ފިލްމު "ކަނޑު އިބިލީސް" އަންނަ ނޮވެމްބަރު މަހު ސިނަމާތަކަށް ގެންނާނެ ކަމަށް ފިލްމުގެ ޓީމުން ބުނެފިއެވެ.

ފިލްމީތަރި އަހުމަދު ޒިޔާ އާއި އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ)ގެ އިތުރުން މުހައްމަދު ރިއްފަތު ޕްރޮޑިއުސްކޮށްފައިވާ އެ ފިލްމުގެ ހުރިހާ މަންޒަރެއް ނަގާފައިވަނީ ހދ. ކުޅުދުއްފުށީގައެވެ.

"ކަނޑު އިބިލީސް"ގައި ކުޅުދުއްފުށްޓަށް ނިސްބަތްވާ 100އަށް ވުރެ ކުޑަ ކުދިން ފެންނާނެ ކަމަށް ޓީމުން ބުނެއެވެ.

ޕްރޮޑަކްޝަން ޓީމުން ބުނީ، އެ ފިލްމު އަންނަ މަހުގެ ފަހުކޮޅު ރިލީޒް ކުރާނެ ކަމަށާއި ފުރަތަމަ އަޅުވާނީ ކުޅުދުއްފުށީ ތިލަދެކުނު ސިނަމާގައި ކަމަށެވެ. އަދި ރަށްރަށުގައި ފިލްމު ދެއްކުމަށްފަހު މާލެ، ހުޅުމާލޭގެ ޝްވެކް ސިނަމާގައި ވެސް ފިލްމު ދައްކާނެ ކަމަށް ޓީމުން ބުންޏެވެ.

މިހާރު ކުރިޔަށް ދަނީ ފިލްމުގެ ޕޯސްޓަރުތައް ތައްޔާރުކޮށް އިސްތިހާރު ކުރުމުގެ މަސައްކަތް ކަމަށް އެ ފިލްމުގެ ޓީމުން ވަނީ ފާހަގަކޮށްފައެވެ. އަދި ވަރަށް އަވަހަށް ފިލްމުގެ ޕްރޮމޯޝަނަލް ލަވަ ރިލީޒް ކުރާނެ ކަމަށް އެ ޓީމުން ބުންޏެވެ.