ވަރުގަދަ ފަހުލަވާނުން ހަނގުރާމައިގެ މައިދާންތައް ފަތަހަކުރުމަށް މަސައްކަތް ކުރަމުންދާއިރު، ތިމާގެ އަރާމު ތަންމަތީގައި ނިންޖާ ހަނގުރާމަކުރާ މީހުންވެސް މަދެއް ނުވާނެކަން ކަށަވަރެވެ. ފަސޭހައިން ނިދާލުމަކީ ގިނަ މީހުންނަށް އެހާ ފަސޭހަކަމެއް ނޫނެވެ. ނަމަވެސް ބައެއް މީހުން، ހަމަ ތަނެއްގަ ޖެހޭއިރަށްވެސް ނިދިޖެހިގެން ވެއްޓޭފަހަރު އާދެއެވެ.

"ސްލީޕް ޑިޕްރިވޭޝަން" ނުވަތަ ހަމަނިދި ނުލިބުމަކީ މިހާރަކަށް އައިސް ވަރަށް އާންމު ކަމެކެވެ. އެއީ ތިމާ އުޅެންޖެހޭ މާހައުލުގެ ސަބަބުން، ނުވަތަ މާބޮޑަށް ފިކުރު ބޮޑުވުން، ކެއިންބުއިން ނުވަތަ ނަފްސާނީ ކޮންމެވެސް މައްސަލައަކާ ހުރެ ކަމަށްވެސް ވެދާނެއެވެ. ޔަގީންވާ ކަމަކީ ހަމަ ނިދި ނުލިބުމަކީ އިންސާނާއަށް ތަފާތު އުނދަގޫތައް މެދުވެރިކުރުވާ ކަމެއްކަމެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއް ގައުމުކަމަށްވާ، އެމެރިކާގައި އެކަނިވެސް 70 މިލިއަން މީހުން، " ސްލީޕިންގ ޑިސްއޯޑަރ" ތަހައްމަލުކުރަމުން ދެއެވެ. އެފަ މީހުން މި ހާލަތުން މިންޖުވުމަށް، ކޮޓަރީގެ ބޮކިތައް ނިއްވާލުން، ކޮޓަރީގެ ފިނިހޫނުމިން ބަދަލުކުރުން ފަދަ ތަފާތު ކަންކަން ކުރެއެވެ. ނަމަވެސް ގިނަ ފަހަރު ކާމިޔާބީއާ ހަމައަށް ވާސިލް ނުވެ އެތައް އިރެއް ހޭދަކުރާން ޖެހެއެވެ.

Articl Inline Image

ރޭގަނޑު އަރާމު ނިންޖަކުން ނިދާލެވިއްޖެ ނަމަ، އަނެއް ދުވަހު ތިމާއަށް ވަރަށް ތާޒާކަމާއެކު މަސައްކަތާ ކުރިމަތިލެވެއެވެ. އެހެންކަމުން ފަސޭހައިން ނިދާލެވޭނޭ އުކުޅެއް ހޯދުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެމެރިކާ ސިފައިން، ނިދަން ބޭނުންކުރާ މި އުކުޅުތަކުގެ އެހީގައި 120 ސިކުންތުގެ ތެރޭގައި އަރާމު ނިންޖަކުން ނިދާލެވިދާނެއެވެ.

"ދަ ސީކްރެޓް ޓު ފާސްޓް ރިލެކްސޭޝަން އެންޑް ސްލީޕް" އެންމެ ފުރަތަމަ ޝާއިއުކުރެވުނީ، "ރިލެކްސް އެންޑް ވިން: ޗެމްޕިއަންޝިލް ޕާރފޮމަންސް"ގެ ނަމުގައި 1981 ވަނަ އަހަރުއެވެ. ނަމަވެސް މި ތިއަރީއާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެވި، މިކަންކަން އަމަލީގޮތުން ކުރަން ފަށާފައި ވަނީ ވަރަށް ފަހުންނެވެ.

މިފަދަ ޚާއްސަ ޓެކްނިކްތަކެއް ހޯދަން ޖެހުނީ، އަސްކަރިއްޔާގައި މަސައްކަތްކުރާ ފަރާތްތަކަށް ޚާއްސަކޮށްގެންނެވެ. ބޭނުމަކީ، މިފަދަ މުހިއްމު މަސައްކަތްތަކެއްކުރާ ބަޔަކު ވަރުބަލިވެ، ކަންނެތްވެ ގޯސްތަކެއް ހެދުމުން ދުރުކުރުމަށެވެ. އެގޮތުން، މި ޓެކްނިކްތައް ހޯދާފައި ވަނީ، އެމެރިކާގެ އަސްކަރިއްޔާގެ އެންމެ އިސްވެރީންގެ ތެރޭގައި ހިމެނޭ ބޭފުޅުންކަމަށް ވެއެވެ. އަދި، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވަކި ކަންތައްތަކަކަށް ތައްޔާރު ކުރެވިފައިވާ މީހުން ހިމަނައިގެން 6 ހަފްތާއަށް ކުރިއަށް ގެންދިޔަ ދިރާސާގެ އެހީގައި މިއީ 96 އިންސައްތަ ކާމިޔާބު ގޮތެއް ކަަމަށް ބުނެފައިވެއެވެ.

ނިދަން ބޭނުންވުމުން، ބިސްމި ކިޔާފައި އޮށޯތުމަށް ފަހު ޝަހާދަތުގެ ދެކަލިމަ ކިޔައި، އަލްޙަމްދާއި ކުރުސިއާއި އަދި މިނޫންވެސް ބައެއް ދުއާތަކާއި ތަސްބީހަތައް ކިޔުމަށް ވަގުތުކޮޅެއް ހޭދަކޮށްލާށެވެ. ޖިސްމާނީގޮތުންނާއި ނަފްސާނީގޮތުން ތިމާގެ ނަފުސު ނިދަން ތައްޔާރުވުމަށް ހޭދަކުރާ ގާތްގަނޑަކަށް 1.5 މިނިޓެއްހާ ވަގުތަކީ، ކުރިން ބުނެވި ދިޔަ 120 ސިކުންތުގެ ތެރޭގައި ނުހިމެނޭނެއެވެ.

  • ބާލީހުގައި ރީއްޗަށް އުއްޑުން އޮށޯތުމަށް ފަހު ފުރަތަމަ، ދުލާއި، ދަތްދޮޅި އަދި ކަރު ހިމެނޭގޮތަށް، ތިމާގެ ލޮލުގެ ވަށައިގެންވާ ސަރަހައްދުގެ މޫނުގެ މަސްލްތައް ރިލެކްސްކޮށްލާށެވެ.
Articl Inline Image
  • އެއަށް ފަހު، ދެކޮނޑު ރީއްޗަށް އެނދުގައި ނުވަތަ އޮށޯވެ އޮތްތަނެއްގައި ފުރިހަމައަށް ޖައްސާށެވެ. އަދި ފަހަރަކު އަތެއް، މަތިން ތިރިއަށް ވާގޮތަށް ރީއްޗަށް ރިލެކްސްކޮށްލާށެވެ.
Articl Inline Image
  • މެއަށް ރިލެކްސްވާ ގޮތަށް ފުންނޭވާއެއް ބޭރަށް ދޫކޮށްލާށެވެ. އެއަށް ފަހު، ދެފައި ރިލެކްސް ކޮށްލާނީއެވެ. ފައިގެ ފަލަމަސްގަނޑުން ފެށިގެން އެންމެ ތިރިއަށް ވާގޮތަށެވެ.
Articl Inline Image

ދެން 10 ވަރަކަށް ސިކުންތުވަންދެން ރަނގަޅަށް ރިލެކްސް ވެލާށެވެ. ބުނެވިދިޔަ ކަންކަން ކޮށްލުމުން ތިމާގެ ސިކުނޑީގައިވާ ނުތަނަވަސްކަމާއި ހާސްކަން ފިލުވާލުމަށް އެހީތެރިވެދޭނެއެވެ. ދެން އުއްޑުން އޮވެ ދެލޯ މަރާލުމަށްފަހު، 10 ވަރަކަށް ސިކުންތުވަންދެން "އެއްވެސް ކަމަކާ ނުވިސްނުމަށް، ހުރިހާ ޚިޔާލުތަކާ ދުރުވުމަށް" މަސައްކަތްކޮށްލާށެވެ. މިފަދަ ހާލަތެއްގައި ތިމާ ހެއްދެވިފަރާތުގެ މަތިން އެކަނި ހަނދާކޮށް އެހެން ހުރިހާ ޚިޔާލުތަކާ ދުރުވާން މަސައްކަތްކޮށްލައިފި ނަމަ ހިތަށް އިތުރު ފިނިކަމެއް އިހްސާސްކުރެވިގެންދާނެއެވެ.

Articl Inline Image

ދިރާސާތަކުން ދައްކާގޮތުގައި، ނުނިދާ ގިނަ ވަގުތު ހޭދަކޮށްފި ނަމަ އަދި ނިދުމުގައި އުނދަގީތަކެއް ތަހައްމަލުކުރާ ނަމަ އެންމެ ބޮޑު މައްސަލަތަކެއް ކުރިމަތިވަނީ ތިމާގެ ސެންޓްރަލް ނާވަސް ސިސްޓަމަށާއި ދެފަޔަށެވެ. އަދި މީގެ އިތުރުން ދިފާއީ ނިޒާމް ބަލިކަށިވުމާއި، ހަނދާން ނެތުމާއި، ލޭމައްޗަށް ދިއުން، އަދި ބަރުދަން އިތުރުވުމް ފަދަ ކަންކަންވެސް ކުރިމަތިވެއެވެ. އެހެންކަމުން ބުނެވި ދިޔަ ގޮތަށް، މިފަދަ ކުޑަކުޑަ ހަރަކާތްތަކެއް ކޮށްލައިގެންވެސް ތިމާއަށް އަރާމު ނިންޖެއް ލިބިދާނޭކަމަށް ބެލެވޭނަމަ ދެން މިކަން ނުކޮށް ދޫކޮށްލަންވީ ކީއްވެ ހެއްޔެވެ.

އުންމީދަކީ، ބުނެވިދިޔަ، އަސްކަރީ އުކުޅުތައް ބޭނުންކޮށްގެން ތިބާއަށް އަވަހަށް، ފަސޭހަކަމާއެކު އަރާމު ނިންޖެއް ލިބޭނޭ ކަމަށެވެ. މިކަން ތިބާ ތަޖްރިބާކުރުމަށް ފަހު، ނަތީޖާ 247އާ ހިއްސާކޮށްލުމަކީ އަހަރެމެންގެ ވަރަށް ބޮޑު އެދުމެކެވެ.