ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހަކީ ބައިނަލްއަގުވާމީގޮތުން ފާހަގަކުރާ ފާޚާނާތަކާބެހޭ ދުވަސް ނުވަތަ ވޯލްޑް ޓޮއިލެޓް ޑޭއެވެ. އެގޮތުން އިއްޔެއަކީ އދ. އިން ރަސްމީގޮތުން ފާހަގަކުރާ ބައިނަލްއަގުވާމީ ފާޚާނާތަކާބެހޭ ދުވަހެކެވެ. ދުވަހުގެ ބޭނުމަކީ ރައްކާތެރިގޮތުގައި ގަޟާހާޖާތް ކުރުމަށް ބާރުއެޅުމެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން އެވްރެޖުގޮތެއްގައި ކޮންމެ ތިން މީހަކުން އެކަކީ ފާޚާނާ ބޭނުން ނުކުރާ މީހުންނެވެ. ނުވަތަ ގަޟާހާޖާތްކުރުމަށް ފާހާނާ ބޭނުންކުރުމުގެ ފުރުސަތު ނުލިބޭ މީހުންނެވެ.

ވޯލްޑް ޓޮއިލެޓްޑޭ ފާހަގަކުރުމުގެ އެއްބޭނުމަކީ ބަލިތަކަށް މަގުފަހިނުވާނެގޮތަކަށް، ސާފުތާހިރުތަނަކަށް ގަޟާހާޖާތް ކުރުމުގެ ފުރުސަތު ހުރިހާ އެންމެންނަށް ހޯދައިދިނުމާއި ރަނަގޅު ނަރުދަމާގެ ނިޒާމެއް ގާއިމް ކުރުމެވެ.

ބައެއް ތަފާސްހިސާބަށް ބަލާއިރު 2.3 ބިލިއަން މީހުންނަކީ ބޭސިކް ސެނިޓޭޝަން ފެސިލީޓީސް ނުލިބޭ މީހުންނެވެ. 1.8 ބިލިއަން މީހުން ބޯން ބޭނުންކުރާ ފެނަކީ އިންސާނުންގެ ކުޑަކަމުދާ ތަކެތި ނޫނީ ބޮޑުކަމުދާ ތަކެއްޗާ އެކުވެފައިވާ ފެނެވެ. 892 މިލިއަން މީހުން ފާޚާނާ ކުރަނީ ނިވައިކަމެއްނެތް ހާމަ ތަންތަނުގައެވެ.

ފާޚާނާ ކުރުމަށްފަހު ބޭރުވާ ނަޖިސް ނައްތާލުމަށް އޮތް އެންމެ ސާފު އަދި ރައްކާތެރިގޮތް ބޭނުންކުރަނީ ދުނިޔޭގެ އާބާދީގެ އެންމެ 39 ޕަސެންޓު މީހުންނެވެ. ސާފު ބޯފެން ނުލިބި، ރަނަގަޅު ސެނިޓޭޝަން ހިދުމަތް ނުލިބޭތީ އަހަރެއްގެ މައްޗަށް 842،000 މީހުން ދުނިޔެ ދޫކުރެއެވެ. ދުނިޔޭގައި ފާޚާނާގެ ވަސީލަތް ނެތް މީހުންގެ އަދަދު، މޯބައިލް ފޯނު ގެންގުޅޭ މީހުންނަށްވުރެ ގިނައެވެ.

ސާފުތާހިރުކަމާއި، ރައްކާތެރިގޮތުގައި ފާހާނާ ކުރުމުގެ މުހިއމުކަމާ ގޫޅޭގޮތުން އެއްނެ ފުޅާ ދާއިރާއެއްގައި ކެމްޕެއިނެއް ކުރިއަށްގެންދަނީ އިންޑިއާގައެވެ. އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު އެންމެ ބޮޑު ކެމްޕެއިނެއް ކުރިއަށް ގެންދަވަނީވެސް އެކަމާ ގުޅޭގޮތުންނެވެ. އާންމު ތަންތަނަށާއި ހާމަ ތަންތަނަށް ފާޚާނާ ކުރުމުގެ ސަބަބުން ފެތުރޭ ބަލިތަކާ މެދު ހޭލުންތެރި ކުރުވައި ފާޚާނާ އަށް ގަޟާހާޖާތް ކުރުމަށް ބާރުއެޅުމަށް ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

މިކަމާބެހޭގޮތުން ހޭލުންތެރިކުރުމަށް އިންޑިއާގެ ފިލްމު އިންޑަސްޓްރީ ބޮލީވުޑް އިން ވަނީ "ޓޮއިލެޓް"ގެ ނަމުގައި ފިލްމެއްވެސް އުފައްދައިފައެވެ. ލޯބި ހާމަކުރުމުގެ ގޮތުން ތާޖު މަހަލް އެޅި ހާދިސާ އަށް މިސާލުޖަހައި އެ ފިލްމުގައި ބުނަނީ ލޯބި ރައްކާތެރިކުރުމަށް އަޅާނީ ފާހާނާއެއް ކަމަށެވެ.

އެ ފިލްމުގައި ދައްކައިދެނީ އަންހެނުން ދުވާލުވަގުތު ފާހާނާ ނުކޮށްތިބެ ކޮންމެ ރެއަކު ފަތިހު ރަށްބޭރަށް ގޮސް ފާހަނާކުރާތަނެވެ. ހާމަ ތަންތަނަށް ފާހާނާ ކުރުމުގެ ގެއްލުމާއި ގޭތެރޭ ފާހާނާއެއް ހަދައި އެތަން ބޭނުންކުރުމަކީ ފާފައެއް ނޫންކަމެވެ.

އިންޑިއާގެ ސަރުކާރުން ކުރިއަށް ގެންދިޔަ ކެމްޕެއިނުގެ ދަށުން މިހާތަނަށް އެގައުމުގެ ފަގީރު އަވަށްތަކުގައި ނުވަ ކްރޯޑު ފާހާނާ ބިނާކޮށްފިއެވެ. އާންމު ފާހަނާތައް ހަދައި މަގުމައްޗަށް ގަޟާހާޖާތް ކުރުމުގެ ބަދަލުގައި ފާހާނާ ބޭނުން ކުރުމަށް ދަނީ ބާރު އަޅަމުންނެވެ.

އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވީ އިންޑިއާގައި ކުރިއަށް ގެންދިޔަ ކެމްޕެއިން ކާމިޔާބު ކަމަށެވެ. އެގައުމުގެ 94 ޕަސެންޓު އާބާދީއަށް ފާހާނާ އާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެވިފައިވާކަމަށް މޯދީ ވިދާޅުވިއެވެ.