އަވަށްޓެރި އިންޑިއާގެ ވައި ތަޣައްޔަރުވެ ނުސާފުވުމުގެ ސަބަބުން މިދިޔަ އަހަރު 1.24 މިލިއަން މީހުންގެ މަރުވެފައިވާ ކަމަށް ދިރާސައަކުން ދައްކައިފިއެވެ.
ލޭންސެޓް ޕްލެނެޓަރީ ހެލްތު ޖާނަލްގައި އާންމުކޮށްފައިވާ ދިރާސާ ބުނާ ގޮތުން، މިދިޔަ އަހަރު އިންޑިއާގައި މަރުވި މީހުންގެ ތެރެއިން 12.5 އިންސައްތަ މީހުންނަކީ ވައި ނުސާފުވުމުގެ ސަބަބުން މަރުވި މީހުންނެވެ. އަދި މީގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަކީ އުމުރުން 70 އަހަރުން ދަށުގެ މީހުން ކަމަށް ދިރާސާގައި ބުނެފައިވެއެވެ.
ވައި ނުސާފުވުމުގެ ސަބަބުން ކުރިމަތިވި އެކި ކަހަލަ މައްސަލަތަކާއި ގުޅިގެން މަރުވި މީހުންގެ ތެރެއިން 670،000 މީހުންނަކީ ހާމަ ތަންތަނުގެ ވައި ނުސާފުވެގެން މަރުވި މީހުން ކަމަށާއި، 480،000 މީހުންނަކީ ގޭތެރެގޭ ވައި ނުސާފުވެގެން މަރުވި މީހުން ކަމަށް މި ދިރާސާގައި ވަނީ ފާހަގަކޮށްފައެވެ.
މުޅި އިންޑިއާއަށް ބަލާއިރު، ވައިގެ ތަޣައްޔަރުކަން އެންމެ ބޮޑީ ވެރިރަށް ނިއު ދިއްލީގައެވެ. އެގޮތުން އިންސާނާގެ ސީދާ ފުއްޕާމެއަށް އެ ތަޣައްޔަރު ކަމުގެ އަސަރުކޮށް، ސިއްހީ ބޮޑެތި މައްސަލަތަކެއް ކުރިމަތިކުރުވުމަށް ނުރައްކާ ދަރަޖައަށް ފުރުސަތު އޮންނަކަމަށްވެސް ދިރާސާ ބުނެއެވެ.
އިންޑިއާގެ ވައިގެ ތަޣައްޔަރުކަން ކުޑަވެ، ވައި ސާފުވާނަމަ، އެ ގައުމުގެ މީހުން ދިރިއުޅޭނެ ކަމަށް ލަފާކުރާ އުމުރު ނުވަތަ ލައިފް އެކްސްޕެކްޓަންސީ އަށް 1.7 އަހަރު އިތުރުވާނެ ކަމަށްވެސް މި ދިރާސާގައި ވަނީ ފާހަގަކޮށްފައެވެ.
މިއަހަރުގެ ކުރީކޮޅު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ހާމަކުރި ގޮތުގައި ދުނިޔޭގެ އެންމެ ވައި ނުސާފު 18 ސިޓީ ނިސްބަތްވަނީ އިންޑިއާއަށެވެ.