މިދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުގައި ޑެންގީ ހުން ފެތުރޭ މިންވަރު އިތުރުވާތީ، އާއްމު ރައްޔިތުން ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ.
އެޗްޕީއޭއިން ނެރުނު ބާޔާނެއްގައި ބުނެފައިވަނީ ނޮވެމްބަރ މަހުން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކުގައި ޑެންގީ ހުން އިތުރުވަމުންދާކަމަށާއި އެގޮތުން ވޭތުވެދިޔަ ދެ ހަފްތާ ތެރޭގައި 186 ކޭސް އެ އެޖެންސީއަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ރިޕޯޓްކޮށްފައިވާ ކޭސްތަކުގެ ޖުމްލަ އަދަދާ އަޅާބަލާއިރު، ހަ ގުނަ އިތުރު އަދަދެއް އެޗްޕީއޭ ބުނެއެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ ޑެންގީހުން ފެތުރޭ މިންވަރު އިތުރުވަމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް ދުރާލާ އެޅުމަށާއި، މަދިރި ހެފުމުން ރައްކާތެރި ވުމަށާއި، މަދިރި މަދުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އިލްތިމާސްކުރާ ކަމަށެވެ.
"ޑެންގީން ރައްކާތެރިވުމަށް އެންމެ މުހިންމު ކަމަކީ މަދިރި އާލާވުން ހުއްޓުވުން، އެހެންކަމުން ފެންހަރުލާ ކުނި ރަށުތެރެއަށް އުކާ ނުލުމަށާއި، މިތަކެތި ރައްކާތެރި ގޮތުގައި ނައްތާލުމަށް ސަމާލުކަން ދިނުން އެދެން،" އެޗްޕީއޭއިން ބުންޏެވެ.
އެޗްޕީއޭއިން އިތުރަށް ބުނީ މަދިރި އާލާވާ ތަންތަން ބަލައި، އެތަންތަން ނައްތާލުމަށާއި، މަދިރި އާލާ ނުވާނެ ގޮތްތަކަށް އަމަލު ކުރުމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ. އަދި މަދިރި ކޮންޓްރޯލް ކުރުމަށް ރަށްތަކުގެ މުއައްސަސާތައް ގުޅިގެން އެޗްޕީއޭގެ ލަފާގެ މަތިން ޕްރޮގްރާމްތައް ހިންގުމަށާއި، މަދިރިއަށް ފޮގް ކުރާނަމަ އެ އެޖެންސީގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދިއުމަށް އެޗްޕީއޭއިން ބުނެއެވެ.
ޑެންގީ ހުން ޖެހުމުން ލަސް ނުކޮށް ފަރުވާ ހޯދައި ތިން ދުވަހަށްވުރެ ގިނަ ދުވަހު ހުން އަންނަ ނަމަ ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.