ޓެކްސީ ދަތުރުތަކުގެ އަގުބޮޑު ވާހަކަ މިވަނީ ގައުމީ މައްސަލައަކަށް ވެފައެވެ. އެންމެ އާދައިގެ ރައްޔިތު މީހާއާ ހަމައިން ފެށިގެން ކެބިނެޓް ވަޒީރުންނާ ހަމައަށް މިކަން މިވަނީ މައްސަލައަކަށް ވެފައެވެ. ޓެކްސީ ޑްރައިވަރުންގެ ބަސްނޭހުމާއި ކަމާ ގުޅުންހުރި މުއައްސަސާތަކަށް ކަންކަން ހައްލު ނުކުރެވި ދިގުލައިދާތީ ދުވަހެއް ދުވަހަކަށް މި މައްސަލަ ހަމަ ހޫނުވަނީއެވެ. އެކަމަކު އަހަރެން ބުނެލަން އޮތީ މައްސަލައެއް ހައްލުކުރާން އެދޭނަމަ، އެ މައްސަލައެއް މެދުވެރިވާ ހަގީގީ މަސްދަރު ހޯދައި އެކަމަށް ފިޔަވަޅު އަޅަން ޖެހޭނޭ ވާހަކައެވެ. އެނޫނީ ކިތަންމެ ބައިވަރު އުސޫލުތަކާއި ގަވައިދުތަކެއް ހެދިޔަސް، އަދި ކިތަންމެ މޮޅު ސިޔާސަތެއް ގެނަޔަސް، މައްސަލައަށް ހަގީގީ ހައްލެއް ނުހޯދޭނެއެވެ. ފަރުވާ ދޭންޖެހޭ ބަލި ނޭނގި ބޭސްތަކެއް ކެއުމުން އިއާދަ ނުކުރެވޭވަރުގެ ގިލަންވެރިކަމެއް ޖެހުމަކީވެސް ދުރެއް ނޫންދެއްތޯއެވެ.

މާލޭގައި ވެސް އަދި ރާއްޖެތެރޭގައިވެސް ޓެކްސީ ދަތުރުތަކުގެ އަގު ވަރަށް ބޮޑެވެ. އެކަން އެންމެންވެސް ގަބޫލުކުރެއެވެ. ޚޮދު ޓެކްސީ ޑްރައިވަރުންވެސް އެކަން ގަބޫލުކުރެއެވެ. އެކަމަކު އެގޮތަށް ބޮޑު އަގުގައި ދަތުރުތައް ކުރާން ޖެހެނީ ސަބަބުތަކެއް ހުރީމައެވެ. އެ ސަބަބުތައް ދެނެގަނެ، ފިޔަވަޅުތަކެއް އެޅިއްޖެ ނަމަ، ޓެކްސީ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނޭކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ.

ޓެކްސީ ތަކުގެ އާމްދަނީ

ރަނގަޅަށް ދަތުރުތައް ކުރާ ޓެކްސީ ޑްރައިވަރެއްގެ އާމްދަނީ، މަހެއްގެ މައްޗަށް 30,000 ރުފިޔާއިން މަތީގައި އުޅޭ ވާހަކަ ބުނުމުން އެންމެންވެސް ހައިރާންވެއެވެ. އަދި އެވަރު ބޮޑު އާމްދަނީއެއް ހޯދަނީ އާންމު ރައްޔިތުން ފެލައިގެން ކަމަށް ބުނެ ގިނަބަޔަކު ދަނީ އަޑުއުފުލަމުންނެވެ. އެހެންނަމަވެސް، އެ ލިބޭ 30,000 ރުފިޔާއަށް ހަދަނީ ކިހިނެއްތޯއެއް ނުބަލައެވެ. އެ ފައިސާ ހޭދަކުރާގޮތެއް ނުބަލައެވެ. ސަރުކާރުން ޓެކްސީ ދަތުރުތަކުގެ އަގުމަގުކުރުމުގައި ބެލީ، ޓެކްސީތަކުން ކުރާ ހޭދައާއި އެމީހުންނަށް ލިބޭ އާމްދަނީ އެކަންޏެވެ. އެ އާމްދަނީ ހޯދާ ޑްރައިވަރުގެ ހާލަތަށް ބަލައިފައެއް ނުވެއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން މީގެ ކުރިން ކުރި ބައެއް ދިރާސާތަކާއި ޓެކްސީ ސެންޓަރުތަކާއި ބައެއް ޑްރައިވަރުންގެ ވާހަކަތަކަށް ބަލާއިރު، ޓެކްސީއަކުން ދުވާލެއްގެ މައްޗަށް ތެލަށް އެންމެ ގިނަވެގެންވެސް ޚަރަދުކުރަނީ 300 ރުފިޔާއެވެ. އަދި އޭގެ އިތުރުން، އާންމު ގޮތެއްގައި ކޮންމެ މަހަކުވެސް ކާރުގެ ސަރވިސްކުރުމާއި އަޑީތެލަށް 500 ރުފިޔާ، އޭސީ މަރާމާތުކުރުމަށް 2000 ރުފިޔާ ކާރު ދޮވުމަށާއި ތެޔޮޖެހުމަށާއި އެނޫންވެސް ކުދިކުދި ފަރުވާދިނުމަށް މަހަކު ގާތްގަނޑަކަށް 550 ރުފިޔާ ވަރު ޚަރަދުވާނޭކަމަށް ބެލެވެއެވެ. އެހެންކަމުން އެއީ މަހެއްގެ މައްޗަށް ގާތްގަނޑަކަށް 12،000 ރުފިޔާއެވެ. ޓެކްސީ ދުއްވަނީ އޭގެ ވެރިފަރާތް ނޫންނަމަ، ޓެކްސީގެ ވެރިފަރާތަށް އާންމު ގޮތެއްގައި ދޭކަމަށް ވަނީ ދުވާލަކު 300 ރުފިޔާއެވެ. އެއީ 9000 ރުފިޔާއެވެ. އެހެންކަމަށް ވާނަމަ، ޚަރަދުގެ ގޮތުގައި 21،000 ރުފިޔާ ދާނެއެވެ.

މިހާރު ޓެކްސީ ދަތުރަކަށް ކަނޑައަޅާފައިވާ 25 ރުފިޔާގެ މަގުން، ދުވާލެއްގެ މައްޗަށް ހަ ގަޑިއިރާ އަށް ގަޑިއިރާ ދެމެދު ދަތުރުކުރާ ޓެކްސީ ޑްރައިވަރަކަށް ގިނަވެގެން ޖެހެނީ 1800 ރުފިޔާ ވަރުކަމަށް ޓެކްސީ ޑްރައިވަރުން ބުނެއެވެ. އެހެންކަމަށް ވާނަމަ، ހަފްތާއަކު އެއްދުވަސް އަރާމުކުރުމަށް ދޫކޮށްލާފައިވެސް މަހެއްގެ މައްޗަށް 46،000 ރުފިޔާ ލިބޭނެއެވެ. އަދި ޚަރަދަށް ކެނޑުމަށްފަހު، 35،000 ރުފިޔާވަރު ލިބޭނެއެވެ. އަމިއްލަ ޓެކްސީއެއް ނޫންނަމަ އޭގެ ވެރިފަރާތަށް ބައެއް އަޅާފައި، ޖީބަށްލާން 25،000 ރުފިޔާ ލިބޭނެއެވެ.

ހަގީގީ މައްސަލަ ހޯދަމާ؟

ދުވާލުގެ ބޮޑުބައެއް މަސައްކަތުގައި ހޭދަކުރުމަށްފަހު ޓެކްސީ ޑްރައިވަރުންނަށް ޖީބަށް ލާން މި ލިބެނީ މަހަކު 25،000 ރުފިޔާއެވެ. ގިނަ ޑްރައިވަރުންނަކީ މާލޭގައި ބޮޑު ކުލީގައި ދިރިއުޅޭ މީހުންނެވެ. އާއިލާގައި ދެ ކުދިން ތިބި ކަމަށް ވާނަމަވެސް އެއް ކޮޓަރީގެ އެޕާޓްމަންޓެއް ހޯދަން ޖެހެއެވެ. މާލޭން އެއް ކޮޓަރީގެ އެޕާޓްމަންޓެއް ލިބެނީ 10،000 ރުފިޔާ އާއި 14،000 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ. ކަރަންޓާއި ފެނަށް 5،000 ރުފިޔާ ވަރު ޚަރަދުވާނެއެވެ. މިވަރުގެ އާއިލާއެއްގެ ކެއުމަށް ގާތްގަނޑަކަށް މަދުވެގެން 7،000 ރުފިޔާ ބޭނުންވާނެއެވެ. ކުދީން ސްކޫލަށް ފޮނުވުމަށާއި އެހެނިހެން ކުދިކުދި ޚަރަދުތަކަށް މަހެއްގެ މައްޗަށް 3،000 ރުފިޔާ ވަރު ޚަރަދުވާނެއެވެ. އެހެންކަމަށް ވާނަމަ، މި މިންގަނޑުން ބެލިނަމަވެސް، ޚަރަދުގެ ގޮތުގައި މަހެއްގެ މައްޗަށް 29،000 ރުފިޔާވަރު އެބަ ބޭނުންވެއެވެ.

ޓެކްސީ ޑްރައިވަރު، އާންމު ރައްޔިތުންގެ ބަދުދުއާގައި ޖެހިގެންނާއި ގިނަބައެއްގެ ނަފުރަތާ ކުރިމަތިލާ ހާލު ބުރަމަސައްކަތުން ރައްޔިތުން ފެލައިގެން ހޯދި ފައިސާގެ ބޮޑުބައެއް ގެންގޮސް ލާން މިޖެހެނީ "މާލޭން ގެދޮރު ކުއްޔަށްދޭ މީހާ"ގެ ޖީބަށެވެ. ބާކީ ހުރި ފައިސާކޮޅުން ދެކޮޅެއް ނުޖެހެއެވެ. މަސްނިމޭއިރު މީހާ އޮންނަނީ ދަރަނިވެރި ވެފައެވެ.

ކުލީގެ މައްސަލައިގައި އާންމު ރައްޔިތުމީހާވެސް ދަރަނިވެރިވެފައެވެ. ޓެކްސީ ޑްރައިވަރުވެސް ދަރަނިވެރިވެފައެވެ. އެކަމަކު އެނޫން އެހެން ގޮތެއް އޮތީކީވެސް ނޫނެވެ. ނަމަވެސް މި ވާހަކަ ދައްްކާން ފޯރަމެއް ބާއްވާނޭ މީހަކުވެސް ނުވާނެއެވެ. އަދި މިފަދަ ސިޔާސަތެއްގެ ވާހަކަވެސް އިންތިޚާބަކާ ދިމާކޮށްފައި ނޫނީ ނުދައްކާނެއެވެ. އިންތިޚާބު ނިމި، ސިޔާސަތު ކަނޑައަޅައި ތަންފީޒުކުރާން ތިބި މީހުންނަށް ހިންދެމިލެވޭ އިރަށް މިކަންކަން ހަނދާންނެތި ދެއެވެ. ދެންވާނެ ގޮތަކީ ލޭމައްޗަށް ދާނީ ނޫންތޯއެވެ. ރުޅިވެސް ގަދަވާނީއެވެ. ވަޒީރާއި އަދި އެނޫން ފަރާތްތަކުގެ ކުރިމަތީގައިވެސް ބަސްނޭހުމާއި ބިރުދައްކާފަދަ ގޮތްގޮތަށްވެސް އުޅެވެނީއެވެ.

އުފަލާއެކު ބަލައިގަނެވޭނެ ހައްލު!

މިހާރު އޮތްގޮތުން އެންމެން އުފާވާގޮތަށް، އިންސާފާއެކު ޓެކްސީ ދަތުރުތަކުގެ އަގު ހެޔޮކުރުން ވާނީ ބޮޑު ގޮންޖެހުމަކަށެވެ. ނަމަވެސް، ހެޔޮ ނިޔަތެއްގައި މިކަން ހައްލުކުރާން ސަރުކާރުން ބޭނުންވާ ނަމަ، މިއީ ހަމަ އެއްވެސް ކަމެއް ނޫނެވެ. ގާތްގަނޑަކަށް މާލޭގެ އާބާދީގެ ތިންބައިކުޅަ ދެބައި މީހުންނަށް އަގުހެޔޮކޮށް ބޯހިޔާވަހިކަމެއް ހޯދައިދޭންވީއެވެ. "ގޭން ބޭރަށްލާފައި ތިބި" މާލޭ ގެދޮރުވެރީންގެ ގެދޮރު އެމީހުންނަށް އަނބުރާ ދޭންވީއެވެ. އިތުރަށް ބޯހިޔާވަހިކަން ދޭނީ، މިހާރު ދޭގޮތަށް، ގެދޮރުވެރި މީހުން ބަލާފައި އެމީހުންނަކަށް ނޫނެވެ. މާލޭގައި، ބޮޑުކުލީގައި ދިރިއުޅޭ މީހުންނަށެވެ. ބޯހިޔާވަހިކަން ދިނުމުން އެތަނުގައި ދިރިއުޅޭނޭ މީހުންނަށެވެ. ގެދޮރުގެ ތަނަވަސްކަން ނެތްމީހުންނަށެވެ.

ސަރުކާރުން މިހާރު މިވަނީ ޓެކްސީތަކުގައި މީޓަރު ހަރުކުރާން ނިންމައިފައެވެ. ދެން ހަދާންވީ ގޮތަކީ، އަވައްޓެރި ސްރީ ލަންކާގައި ބޭނުންކުރާ "ޕިކްމީ" ނުވަތަ ދުނިޔޭގެ ގިނަ ގައުމުތަކުގައި މަޝްހޫރު އޫބަރ ފަދަ އެޕްލިކޭޝަނެއް ތައާރަފްކުރާންވިއެވެ. އަދި ސިންގަޕޫރުގައި ކުރާ ގޮތަށް، ފުލީ އޯޑިޓްކުރެވޭ، ރަނގަޅަށް މޮނިޓަރކުރެވޭނޭ، މީޓަރުލީ ޓެކްސީ ނިޒާމެއް ހަމަޖައްސަންވީއެވެ. އަގުތައް ކަނޑައެޅުމުގައި މާލެއާއި ރާއްޖެތެރެވެސް ހަމަހަމަވާނޭ އުސޫލަކުން އެންމެންގެ މައްޗަށް ހިނގާނޭ އުސޫލެއް ނެރެންވީއެވެ. ރާއްޖެ ފަދަ ޖަޒީރާ ގައުމަކަށް، ބިޔަބޮޑު ޓެކްސީގެ ބަދަލުގައި "ނެނޯ ޓެކްސީ" ރަނގަޅުވާނެއެވެ. އެއަރޕޯޓް ޓެކްސީއާއި ލަގެޖް ދަތުރުތަކަށް ޚާއްސަ ޓެކްސީތައް ބޭއްވުމުން ޓްރެފިކަށްވެސް ހައްލެއް ލިބޭނެއެވެ.

ވިޔަފާރިވެރީން މުދަލުގެ އަގުބޮޑުކުރަނީ، އެމީހުންގެ ފިހާރަތައް ނުވަތަ ވިޔަފާރިތައް ހަދާފައިވާ ތަންތަނަށް ދައްކަންޖެހޭ ބޮޑު ކުލީގެ ސަބަބުން ކަމަށް އެމީހުން ބުނެއެވެ. ރަނގަޅު ބޯހިޔާވަހިކަމެއް ހޯދައި ދެވިއްޖެ ނަމަ، މާލެ ސަރަހައްދުގެ ކުލީގެ އަގު ތިރިވެ އެންމެނަށް އުފާވެރިކަން ލިބިގެން ދާނެއެވެ. އެއާއެކު އެއްކަލަ ޓެކްސީ ޑްރައިވަރުވެސް "ކުއްޔޭ އޭއްޗެކޭ މީއްޗެކޭ" ކިޔައިގެން ދައްކާނެ ވާހަކައެއް ނޯންނާނެއެވެ. އެހެންކަމުން މިހުރިހާ ކަމެއްގެ ހަގީގީ މައްސަލައަކީ ބޯހިޔާވަހިކަން ނޫން ހެއްޔެވެ؟

ބޭނުންވަނީ، މިކަންކަން ދިރާސާކޮށް، ސިޔާސަތުތައް މިގޮތަށް އެކުލަވާލައި، ގާނޫނާއި ގަވާއިދުތަކާއި އުސޫލުތައް ހަމަހަމަކަމާއެކު، އަމާނާތްތެރިކަމާއެކު ތަންފީޒުކުރާނޭ ސަރުކާރެކެވެ. އެހެންކަމަށް ވެއްޖެ ނަމަ ޓެކްސީގެ އަގުތައް ރައްޔިތުން ބޭނުންވާ ގޮތަކަށް އެއްވެސް މައްސަލައެއް ނެތި ތިރިކޮށްލެވޭނެއެވެ.