އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނޭހާ ކައްކަރް އާއި ބޮލީވުޑްގެ ތަރި ހިމާންޝް ކޯލީ އާ ދެމެދު އޮތް ލޯބީގެ ގުޅުން ނިމުމަކަށް އައި ހަބަރަކީ ގިނަ ބަޔަކަށް ސިހުން ގެނުވި ހަބަރެކެވެ.

ރައްޓެހިވެގެން އުޅޭކަން ހާމަ ކުރިތާ މާ ގިނަ ދުވަހެއް ނުވަނީސް ނިމުމަކަށް އައި އެ ގުޅުމުގެ ސަބަބުން ނޭހާ އަށް ވަނީ ވަރަށް ބޮޑު ހިތްދަތި ކަމަކާ ކުރިމަތިލާން ޖެހިފައެވެ. އަދި އޭނާ ތަހައްމަލު ކުރަމުން ދިޔަ ކަންތައްތައް އޭނާ ވަނީ ސޯޝަލް މީޑިއާއަށް ބަންޑުންވެސް ކޮށްލާފައެވެ.

ނޭހާ އާއި ހިމާންޝްގެ ގުޅުން ނިމުމަކަށް އައިތާ މިހާރު ކުޑަ ދުވަސްކޮޅެއް ވެފައިވާ އިރު، ބެލެވޭ ގޮތުގައި ނޭހާ މިހާރު ހުރީ ހަމައަކަށް އެޅި އެ ހިތްދަތިކަމުން އަރައިގެންފައެވެ.

އެކަން ހާމަވެގެން ދަނީ ނޭހާ ޔޫޓިއުބަށް ދޫކޮށްލި ލަވަ "ތޭރާ ގާޓާ" އިން ނެވެ. ބެލެވޭ ގޮތުގައި އެ ލަވަ އަކީ ނޭހާ، ހިމާންޝަށް ދިން ރައްދެކެވެ. އަދި އޭނާ އެ ހިތްދަތިކަމުން "ގެޓް އޯވާ" ވެއްޖެކަން ހިމާންޝަށް އަންގައިދިނުމަށް ކުރި އިޝާރާތެކެވެ.

ނޭހާ އާއި ހިމާންޝްގެ ލޯބީގެ ގުޅުން ނިމުމަކަށް އައި ނަމަވެސް އެ ދެ ތަރިން ވަކިވާން ޖެހުނީ ކޮން ސަބަބަކާ ހުރެ ކަމެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް، އެނގޭހާ ވެސް ކަމަކީ ހިމާންޝް ދެކެ ނޭހާ ވަރަށް ބޮޑަށް ލޯބިވި ކަމެކެވެ.