ބޮލީވުޑްގައި މިހާރު ރަނިކަންކުރަމުން އަންނަ ޒުވާން ތަރި އާލިއާ ބަޓްއާއި، ޒުވާން އެތަކެއް އަންހެންކުދީންގެ ހިތްތަކުގެ ރަސްގެފާނު ސިދާތު މަލްހަތުރާ (ސިދް)އަކީ ކުރީން ވަރަށް ލޯބިން އުޅުނު ދެ ޖޯޑެވެ. ނަމަވެސް އެ ގުޅުމަށް ނިމުންއައިތާ ދުވަސްތަކެއް ވެއްޖެއެވެ. އެހެނަސް އާލިޔާގެ ހިތުގައި އަދިވެސް ސިދްއަށް ލޯތްބާއި އިހްތިރާމް ނޫން އެއްޗެއް ނެތްކަމަށް އޭނާ ބުނެއެވެ.

އާލިއާ ބުނީ، އޭނާއާ ސިދް ފިލްމީ ދާއިރާއަށް ވަނީ އެކުއެކީ ކަމަށާއި އަދި އެދެމީހުންގެ މެދުގައި ލޯބީގެ ގުޅުންވެސް އުފެދުނީ އެދުވަސްވަރު ކަމަށެވެ. އަދި މިހާރު ރުޅިވިތާ ދުވަސްތަކެއް ވެފައި ވީ ނަމަވެސް އެދެމީހުންގެ ހިތުގައިވެސް އެކަކު އަނެކަކަށް އަދިވެސް އޮތީ ލޯތްބާއި އިހްތިރާމް ކަމަށް އޭނާ ބުންޏެވެ.

""އަހަންނަށް ވަރަށް ކުރިން ސިދް އެނގޭ. އަހަރެމެންގެ ގުޅުމުގައި ވެސް ވަރަށް ދިގު މާޒީއެއްވޭ،" އާލިއާ ބުންޏެވެ.

"އަހަރެންގެ ހިތުގައި އޭނައާ ދޭތެރޭގައި އެއްވެސް ރުޅިވެރިކަމެއް އަދި ނަފްރަތެއް ނުވޭ. އަހަރެންގެ ހިތިގައި އަދިވެސް އޭނާއާ މެދު އޮތީ ލޯތްބާއި އިހްތިރާމް. އަހަރެން ގަބޫލުކުރަނީ ސިދްވެސް އަހަންނާ ދޭތެރޭ ދެކެނީ ހަމަ އެގޮތަށް ކަމަށް."

އާލިޔާއާއި ސިދާތު ބޮލީވުޑަށް ނުކުތީ ކަރަން ޖޯހަރުގެ "ސުޓޫޑަންޓް އޮފް ދަ އިޔަރ" އިންނެވެ. އޭގެ ފަހުން އެދެމީހުންގެ މެދުގައި ވަނީ ލޯބީގެ ގުޅުން އުފެދިފައެވެ.

އާލިއާ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ރަންބީރު ކަޕޫރާއެވެ. އަދި ސިދް މިވަގުތު ގުޅިގެން އުޅެނީ، ކައިރާ އަދްވާނީއާއި ތާރާ ސުތާރިއާ އާ ކަމަށްވެސް އަޑުތައް ފެތުރިފައި ވެއެވެ. ނަމަވެސް ސިދް މިކަމާ ގުޅޭގޮތުން ވާހަކައެއް ނުދައްކައެވެ.