އަމީތާބް ބައްޗަން އަކީ ކާކުކަން ނޭނގޭ މީހަކު މަދުވާނެއެވެ. ހަމައެކަނި މުނިފޫހި ފިލުވުމުގެ ދާއިރާއަކުން ނޫނެވެ. އިޖްތިމާއީ ދާއިރާއިންވެސް މެއެވެ. ބޮލީވުޑްގެ "ގަދަ މީހުންގެ" ވާހަކަ ދެކެވޭ ހިނދު ހަމަ ޔަގީނުންވެސް އެނަމެއް ނައިސް ނުދާނޭ ނަމަކީ އަމީތާބުގެ ނަމެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. އޭނާގެ ޚިދުމަތް އެ ދާއިރާތަކަށް ލޯބިކުރާ މީހުން ބަލައިގަންނަނީ ލޯތްބާ އިޙްތިރާމާއެކުއެވެ. އެއީ ބޮލީވުޑްގެ ޝަހެންޝާހެވެ.

މިއަދަކީ އަމީތާބުގެ ފިލްމީ ހަޔާތުގައި ރަންއަކުރުން ލިޔެވޭނެ ދުވަހެކެވެ. ސަބަބަކީ މީގެ 50 އަހަރު ކުރީން، ފެބްރުއަކީ 15 ވަނަ ދުވަހު އޭނާ ފިލްމީދާއިރާއަށް ނުކުތަތީއެވެ. އާނއެކެވެ. މިއަދަކީ އަމީތާބު ފިލްމުކުޅެން ފެށިތާ 50 އަހަރު ފުރުނު "ރަންޔޫބީލް" ދުވަހެވެ.

Instagram Embeded

ފިލްމީދާއިރާގައި އަމީތާބު 50 އަހަރު ހޭދަކުރީ، ބުރަ މަސައްކަތާއެކުއެވެ. އެންމެ ފުރަތަމަ ފިލްމުކުޅޭން ފެށި ދުވަހެކޭ އެއްގޮތަަށް މިއަދުވެސް އޭނާ އެ މަސައްކަތުގައި ދެމިހުރުމަކީ، އޭނާއަށް ސަޕޯޓުކުރާ އެތައް މިލިއަން މީހުންގެ ހިތުގައި އޭނާއާމެދު ލޯތްބާ އިހްތިރާމު އުފެދުމުގެ އަސްލެވެ.

އަމީތާބުގެ އުމުރުން މިހާރު 76 އަހަރު ވީއެވެ. އޭނާ ފިލްމީ ދާއިރާއަށް ނުކުތީ 1969 ވަނަ އަހަރުއެވެ. އެއީ "ސާތު ހިންދުސްތާނީ" ކިޔާ ފިލްމަކުންނެވެ. ނަމަވެސް އޭނާ އެކްޝަން ސްޓާރަކަށް ވީ، 1972 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ޒަންޖީރު"ގައި އޭނާ އަދާކުރި ރޯލުންނެވެ.

ޒަންޖީރުގެ އިތުރުން އަމީތާބު ހަރަކާތްޔެރި ވެފައިވާ މަޝްހޫރު ބްލޮކްބަސްޓަރ ފިލްމުތަކުގެ ތެރޭގައި "ސައްތޭޕޭ ސައްތާ"، "ސުހާގު"، "އާނަންދު"، "ޗުޕްކޭ ޗުޕްކޭ" ފަދަ ފިލްމުތައް ހިމެނެއެވެ. މިއަދުވެސް އޭނާ ދަނީ އެންމެ ޒުވާން ބަޠަލާއިންނާއެކު ވެސް ވަރުގަދަ ފިލްމުތައް ކުޅެމުންނެވެ.

އަމީތާބުގެ ދަރިފުޅު އަދި ދުނިޔޭގެ ކުރީގެ ރީތީގެ ރާނީ އައިޝްވާރްޔާ ރާއީގެ ފިރިމީހާ އަބީޝެކް ބައްޗަން ބުނީ. ބައްޗަން އަކީ އައިކަންއެއް ކަމަށެވެ. އަދި އޭނާއަށް އެފަދަ ދެވަނައެއް ނެތްކަމަށެވެ. ބައްޗަންއަކީ އެއްގޮތަކަށްވުރެ ގިނަ ގޮތްގޮތުން އޭނާއަށް ވަރަށް މުހިއްމު މީހެއްކަމަށް އަބީޝެކް ބުންޏެވެ.

"... އަހަރެންގެ ބައްޕަ، އަހަރެންގެ އެންމެ ގާތް ރަހްމަތްތެރިޔާ، އަހަންނަށް މަގުދައްކައިދޭ މީހާ، އަހަންނަށް އެންމެ ރަނގަޅަށް ފާޑުކިޔާ މީހާ، އަހަންނަށް އެންމެ އެހީތެރިވެދޭ މީހާ އަދި އަހަރެންގެ އައިޑަލް... އަހަރެންގެ ހީރޯ!،" ލޯބިވާ ބައްޕަގެ ފިލްމީ ހަޔާތަށް 50 އަހަރު ފުރުން ފާހަގަކޮށް އަބީޝެކް އޭނާގެ އިންސްޓަގްރާމްގައި ލިޔެފައިވެއެވެ.

އަބީޝެކް ބުނީ، އެންމެ ފުރަތަމު ދުވަހެކޭ އެއްގޮތަށް މިއަދުވެސް އޭނާގެ ބައްޕަގެ ހިތުގައި ފިލްމީ ދާއިރާއަށް ލޯތްބާއި އިހްތީރާމު އެބައޮތް ކަމަށެވެ.

Instagram Embeded

އަބީޝެކް ބުނީ، މިއަދު އޭނާ ބައްޕައަށް މަރްހަބާ ކިޔަން ދިޔައިރު ބޭރަށް ދާން ތައްޔާރުވަނީ ކަމަށެވެ. އަދި ކޮންތާކަށްތޯ އަހާލުމުން އޭނާ ފިލްމީދާއިރާގައި ކުރަމުން އަންނަ މަސައްކަތްތައް ކުރުމަށް ކަމަށް ބައްޗަން ބުނި ކަމަށެވެ.

ބޮލީވުޑްގައި މަސައްކަތްކުރާ އެކި ފަރާތްތަކުންނާއި އަމީތާބުގެ އެތައް މިލިއަން ސަޕޯޓަރުން ދަނީ އޭނާގެ ފިލްމީ ހަޔާތުގެ ރަންޔޫބީލް ފާހަގަކޮށް ތަހްނިޔާ ކިޔަމުންނެވެ.