ޝާހުރުކް ޚާންގެ އަންހެން ދަރިފުޅު ސުހާނާ ޚާން އަކީވެސް ވަކި މަގުބޫލުކަން ކުޑަ ތަރިއެއް ނޫނެވެ. ބައްޕަ ޝާހުއެކޭ އެއް ފަދައިން އޭނާގެ ފޭނުންވެސް އެތަކެއް މިލިއަނުން ގުނާލެވެއެވެ.

ސުހާނާއަށް ލިބިފައިވާ މަޝްހޫރުކަމާ ހުރެ، އޭނާގެ ޒާތީ ދިރުއުޅުމާ ބެހޭގޮތުން އެނގެން ބޭނުންވާ އެތަކެއް ބަޔަކުވެސް އުޅެއެވެ. އެފަދަ ފަރާތްތަކަށް ދާދިފަހުން ސުހާނާ އެވަނީ ރަނުގެ ފުރުސަތެއް ވެސް ދީފައެވެ.

އެއީ އިންސްޓަގުރާމް މެދުވެރިކޮށް އޭނާ ކުރިއަށް ގެންދިޔަ ލައިވްޗެޓެވެ. އެ ޗެޓުން ގިނަ ބަޔަކު އެނގެން ބޭނުންވި މައުލޫމާތުތަކެއް ހާމަވެގެން ދިޔަ އިރު ގިނަ ބަޔަކު ލޮލުގަ އަޅައިގަން އެއް ޖަވާބަކީ "ޑޭޓު ކުރަން ބޭނުން ވަނީ ކޮން އެކްޓަރަކާތޯ"، މި ސުވާލަށް ސުހާނާ ދިން ޖަވާބެވެ.

އެގޮތުން އެ ސުވާލުގެ ޖަވާބަކަށް ސުހާނާ ބުނީ އޭނާ ޑޭޓު ކުރަން ބޭނުން ވަނީ ސައުތު ކޮރެއާގެ އެކްޓަރު ކިމް ޖުން މިޔޮން އާ ކަމަށެވެ.

ކިމް ޖުން މިޔޮން ނުވަތަ މަޝްހޫރު ނަމުން ނަމަ ސޫހޯ އަކީ، އެކްޓަރެއްގެ އިތުރުން ލަވަ ކިޔުންތެރިއެކެވެ. އަދި އޭނާ އަކީ ލަވަ ލިޔައިވެސް އުޅޭ، ހަމައެހެންމެ، "ބޯއި ބޭންޑު އެކްސޯ" ގެ ލީޑު ލަވަކިޔުންތެރިޔާ ވެސް މެއެވެ.

ކޮންމެއަކަސް ސުހާނާގެ އެ ޖަވާބު ވެގެން ގޮސްފައިވަނީ ގިނަ ބަޔަކަށް ސިހުން ގެނުވި ޖަވާބަކަށެވެ. އެހެންކަމުން ދެން އެންމެ ބަލާލަން ބޭނުންވަނީ މިކަމުގައި ޝާހުގެ ރިއެކްޝަނަކީ ކޮބައިތޯއެވެ.