މި އަހަރު ވެގެން ގޮސްފައިވަނީ ބޮލީވުޑްގެ މަޝްހޫރު ތަރި ރަންވީރު ސިންގަށް ވަރަށްވެސް ކާމިޔާބު އަހަރަކަށެވެ. ދާދިފަހުން މަޝްހޫރު ބަތަލާ ދީޕިކާ ޕަދުކޯން އާވެސް ކައިވެނީގެ ގޮށް ޖަހާލި ރަންވީރުގެ ދެ ފިލްމެއް މި އަހަރުގެ މިހާތަނަށް ރިލީޒުކޮށްފައި ވެއެވެ.

އެގޮތުން މި އަހަރު ރިލީޒު ކުރި އޭނާގެ އެންމެ ފުރަތަމަ ފިލްމަކީ "ސިމްބާ" އެވެ. ސައިފު އަލީ ޚާންގެ ދަރިފުޅު ސާރާ އަލީ ޚާން އާއެކު ކުޅުނު އެ ފިލްމަށް މިހާތަނަށް 293 ކުރޯޑު ރުޕީސް ލިބިފައި ވެއެވެ. މިއީ މިއަހަރުގެ ވެސް މިހާތަނަށް އެންމެ ބޮޑު އާއްމުދަނީއެއް ހޯދި ބޮލީވުޑްގެ ފިލްމެވެ.

"ސިމްބާ"އަށްފަހު ދެން އެންމެ ފަހުން ރިލީޒުކޮށްފައިވަނީ "ގަލީ ބޯއީ" އެވެ. އާލިއާ ބަޓް އާއެކު ރަންވީރު ފެނިގެންދާ އެ ފިލްމުގެ ފެށުންވެސް ވަރަށް ރަނގަޅެވެ. އެގޮތުން އެ ފިލްމު ރިލީޒު ކުރި ފުރަތަމަ ދުވަހު އެކަނިވެސް އެ ފިލްމަށް 19.40 ކުރޯޑު ރުޕީސް ލިބިފައި ވެއެވެ. އަދި މިހާތަނަށް ޖުމްލަ 32 ކުރޯޑު ރުޕީސް އެ ފިލްމަށް ލިބިފައި ވެއެވެ.

އަދި ލިބުނު އާއްމުދަނީގެ އިތުރުން، ކުރިޓިކްސް އިންވެސް އެ ފިލްމަށް ވަރަށް ޕޮޒިޓިވް ރެސްޕޯންސެއް ލިބިފައި ވެއެވެ. ކޮންމެއަކަސް މި އަހަރު ވެގެންގޮސްފައިވަނީ ރަންވީރު އަށް ވަރަށް އުފާވެރި އަހަރަކަށެވެ.