ދެހާސް ވަނަ އަހަރުން ފެށިގެން ދައްކަމުން އަންނަ "ހީރާ ފޭރީ" ފްރެންޗައިޒްގެ ތިން ވަނަ ފިލްމެއް އުފެއްދުމަށް ޑައިރެކްޓަރު އިންދަރް ކުމާރް ތައްޔާރު ވެއްޖެއެވެ.

ދާދި ފަހުން ރިލީޒް ކުރި "ޓޯޓަލް ދަމާލް"އަށް ލިބުނު ކާމިޔާބީ ފާހަގަ ކުރަމުން އަންނަ އިންދަރް ބުނީ، "ހީރާ ފޭރީ"ގެ ތިން ވަނަ ފިލްމުގެ މަސައްކަތް މި އަހަރު ފަހުކޮޅު ފަށާނެ ކަމަށެވެ. އެހެންނަމަވެސް އެ ފިލްމުގެ މަސައްކަތް ފަށާނެ ސީދާ ތާރީޚެއް އޭނާ ހާމަ ނުކުރެއެވެ.

"ހީރާ ފޭރީ"އާ ގުޅޭގޮތުން އިތުރަށް ވާހަކަ ދައްކަމުން އިންދަރް ބުނީ، މިހާރު ކުރަމުން އަންނަނީ ފިލްމުގެ ސްކްރިޕްޓު ލިޔުމުގެ މަސައްކަތް ކަމަށާއި މި ފަހަރުގެ ފިލްމު ކުރީގެ ފިލްމުތަކަށް ވުރެ ރަނގަޅު ވާނެ ކަމަށެވެ.

އެގޮތުން މިފަހަރުގެ ފިލްމުގައި ވިޜުއަލް އިފެކްޓުސް ހިމަނާފައިވާނެ ކަމަށްވެސް އިންދަރް ބުންޏެވެ.

"ހީރާ ފޭރީ" ފްރެންޗއިޒްގެ ފިލްމުތަކުގައި ލީޑު ރޯލު އަދާކުރަނީ އަކްޝޭ ކުމާރް އާއި ސުނިލް ޝެޓީ އަދި ޕަރޭޝް ރާވަލްއެވެ. އެ ފްރެންޗައިޒްގެ ފިލްމުތަކަކީ ގިނަ ބައެއްގެ މެދުގައި މަގުބޫލު ފިލްމުތަކެކެވެ.