ކޮންމެ އަހަރެއްގެވެސް މާރިޗުމަހުގެ އަށްވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ ގޮތުގައެވެ. އަންހެނުން ބާރުވެރި ކުރުވައި، އަންހެނުންނަށް އެމީހުންގެ ހައްގުތައް ކަށަވަރުކޮށްދިނުމުގެ ވާހަކަ ކޮންމެ އަހަރެއްގެވެސް މި ދުވަހު އިވެއެވެ. ޖެހިގެން އަންނަ ދުވަހު އެ އަޑު މަޑުވެ ދުވަސްކޮޅަކުން އެކަން ހަނދާން ނެތެއެވެ. އަންހެނުންގެ ހައްގުތަކުގެ މަތިން އަނެއްކާވެސް ހަނދާން ވަނީ ޖެހިގެން އަންނަ އަހަަރުގެ މާޗު އަށެއް ކައިރި ވުމުންނެވެ.

ބައިނަލްއަގުވާމީގޮތުން އަންހެނުންގެ ދުވަސް ފާހަގަކުރަންފެށީ 1975 ވަނައަހަރަށް ފަހުއެވެ. ވަނަ 1975 ވަނަ އަހަރު އދ. އިން ފާހަގަކުރީ އަންހެނުންގެ އަހަރުގެ ގޮތުގައެވެ. އޭގެ ފަހުން 1977 އަހަރު މެންބަރު ގައުމުތަކުން އދ. އާންމު މަޖިލީހުގައި ނިންމީ ކޮންމެ އަހަރެއްގެވެސް މާޗު އަށެއް އަންހެނުންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރުމަށެވެ.

އަންހެނުންގެެ ދުވަހަކީ ގިނަ ގައުމުތަކުގައި ފުޅާ ދާއިރާއެއްގައި ފާހަގަކުރާ ދުވަހެކެވެ. އެ ގައުމުތަކުގެ ސަރުކާރުން އަންހެނުންގެ ދުވަސް ކަނޑައަޅާފަައިވަނީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައެވެ. އޭގެ ތެރޭގައި އަފްޣާނިސްތާން، ކެމްބޯޑިއާ، ޗައިނާ، ޖޯޖިއާ، ކަޒަކިސްތާން، ނޭޕާލް، ޔޫކްރެއިން، ވިއެޓްނާމް އަދި އުޒްބަކިސްތާން ފަދަ ގައުމުތަކުގައި މާޗު އަށަކީ ރަސްމީ ބަންދު ދުވަހެކެވެ. މަޑަގަސްކަރައިގެ އަންހެނުންނަށް ވެސް މިދުވަަކީ ރަސްމީ ބަންދު ދުވަހެކެވެ. އެދުވަހު މަސައްކަތު ނިންކުންނަނީ މަޑަގަސްކަރައިގެ ފިރިހެނުން އެކަންޏެވެ.

ރާއްޖޭގައި ވެސް އަންހެނުންގެ ދުވަސް އެކި ފެންވަރުގައި ފާހަގަކުރެއެވެ. އަންހެނުންގެ ދުވަހާ ދިމާކޮށް އެކި ދާއިރާތަކުން ފާހަގަކުރެވޭ ކަނބަލުންނަށް ހާއްސަ އެވޯޑެއްވެސް ވަނީ ދޭން ފަށައިފައެވެ. ނަމަވެސް ފާހަގަކުރަންޖެހޭ ކަމަކީ އަންހެނުންނަށް އެކަނބަލުންގެ ހައްގުތައް އެންމެ ފުރިހަމަގޮތުގައި އަދިވެސް ލިބިފައިނުވާ ކަމެވެ.

ބައެއް ދާއިރާތަކުގައި އަންހެނުންނަށް ކުރިއަށް ދިޔުމުގެ ފުރުސަތު އޮތީ ހަނިކޮށެވެ. އަންހެނަކަށްވީތީ އެކަމެއް ނުކުރެވޭނެ ކަމަށް ބަލައި، ވަޒީފާ ދޭ ފަރާތްތަކުންވެސް އަންހެނުންނަށް ހަމަހަމަ ފުރުސަތުތައް ނުދޭކަން ފާހަގަކުރެވެއެވެ. އަންހެންމީހާ އަކީ މީހަކާ އިނދެގެން އުޅޭ މީހެއްތޯ އާއި ދަރިން ތިބޭތޯ އަދި ދަރިން ހޯދާނެ އިރެއް އިންޓަވިއުގައި އޮޅުން ފިލުވައި، އާއިލާއެއް ފަށާއިފިނަމަ އަންހެނުންނަކީ ވަޒީފާއަށް ފަރުވާކުޑަކުރާނެ ބަޔެއްކަމަށް ނިންމައި ވަޒީފާ ދޭން ފަސްޖެހޭތަންވެސް އާދެއެވެ.

އެހެންނަމަވެސް ހަގީގަތަކީ ރާއްޖޭގެ ވަޒފާގެ ބާޒާރުގައި ފިރިހެނުންނަށް ވުރެ އަންހެނުންގެ އަދަދު ނިސްބަތުން ގިނަކަމެވެ. އަދި ޕްރޮަޑަކްޓިވިޓީ ވެސް އަންހެނުންގެ އިތުރުކަމެވެ. ހާއްސަކޮށް ސަރުކާރު ވަޒީފާތަކުގައެވެ. ނަމަވެސް ގޮތް ނިންމާ ފެންވަރުގެ ވަޒީފާތަކުގައި އަންހެނުންގެ ހިއްސާ އަދިވެސް ކުޑައެވެ. ތައުލީމީ ގާބިލް އަންހެނުން ތިބި ނަމަވެސް، އަންހެނުންނަށް "ނުވާނެ" ކަމަށް ބަލައި އެފަދަ މަގާމުތަކަށް އަންހެނުން އިސްކުރުން އަދިވެސް މަދުކަން ފާހަގަ ކުރެވެއެވެ.

ރާއްޖެއަކީ ޒަމާނީ ޑިމޮކްރަސީއެއް ފައްކާ ކުރަމުން އަންނަ ގައުމަކަށްވާއިރު، ފުރިހަމަ ގޮތުގައި މިކަން ހާސިލް ކުރެވޭނީ ސިޔާސީ އިސްމަގާމު ތަކަށާއި ގޮތް ނިންމާ ފެންވަރުގެ މަގާމުތަކަށް އަންހެނުން އިސްކޮށްގެންނެވެ. އަންހެނުން މުޖުތަމައަށް ކޮށްދޭ ކަންތައްތަކުގެ އަގު ވަޒަންކޮށް، އިތުރަށް ކުރިއަށް ދިޔުމުގެ ފުރުސަތުތައް ތަނަވަސްކޮށްދީގެންނެވެ.

އަންހެނުންގެ އަގު ވަޒަންކުރަންވީ މާޗު އަށެއްގައި އެ ކަނބަލުންނަށް ދޭ މަލަކުން އެކަންޏެއް ނޫނެެވެ. އަހަރުގެ ބާކީ 364 ދުވަހުވެސް އަންހެނުންނަށް ހައްގު މަގާމައި ތައުރީފު އެކަނބަލުންނަށް ރައްދުކޮށް، ކުރިއަށް ދިއުމަށް މަގުތައް ފަހިކޮށްދީގެންނެވެ. ވަކި ޖިންސަކަށްވީތީ ޒިންމާ އުފުލޭނެ ގާބިލިއްޔަތުކަން ނުހުންނާނެ ކަމަށް ބަލައިގެން އެކަނބަލުންނަށް ކުރިއަށް ދިޔުމަށް ފުރުސަތު ހަނިކޮށްގެން ނުވާނެއެވެ.