ސްޓާ ޕްލަސް އިން ދައްކަމުން އަންނަ މަޝްހޫރު ސިލްސިލާ "ކަސޯޓީ ޒިންދަގީކޭ"ގެ ދެވަނަ ސީޒަނުން ބްރޭކެއް ނަގަން ނިންމާފައިވާ ކަމަށް އެ ސިލްސިލާގައި ކޮމޮލިކާގެ ރޯލު ކުޅެމުން އަންނަ ހީނާ ޚާން ބުނެފިއެވެ.

ހީނާ އެކަން ހާމަ ކުރީ، އޭނާއާއި އެ ސިލްސިލާގެ ބަތަލާ އެރިކާ ފެނާންޑޭޒްގެ ގުޅުމާ ބެހޭގޮތުން މީޑިއާ ގައި ވާހަކަދައްކަމުންނެވެ.

އެގޮތުން މީޑިއާގައި ވާހަކަ ދައްކަމުން ހީނާ ބުނީ، އޭނާއާއި އެރިކާއާއި ދިމާވިތާ އަދި މިވީ އެންމެ ދެ ތިން މަސްކަމަށާއި އެ ދެތަރިންގެ މެދުގައި ރަހުމަތްތެރިކަމުގެ ގުޅުމެއް ނެތް ކަމަށެވެ. އަދި އެ ފަދަ ގުޅުމެއް ދެ މީހުންގެ ދެމެދުގައި ބޭއްވޭނެ ހެން ހީ ނުވާ ކަމަށް ވެސް ހީނާ ބުންޏެވެ.

"...އަހަންނަކަށް ހިއެއް ނުވޭ އެރިކާއާއެކު ރަހުމަތްތެރިކަން އުފެއްދިދާނެހެން. އަހަރެން މިއުޅެނީ ދޮޅު މަހެއްހާ ދުވަސް ފަހުން އެ ސިލްސިލާއިން ވަކިވާން...،" ހީނާ ބުންޏެވެ.

ހަބަރުތައް ބުނާގޮތުން ނަމަ، "ކަސޯޓީ" އިން ހީނާ ބްރޭކް ނަގަން ނިންމާފައިވަނީ އޭނާގެ ފިލްމީ ކެރިއަރާއިގެން ކުރިއަށް ދިއުމަށެވެ. އޭނާ މިހާރުވެސް އަންނަނީ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ.

އެހެންކަމުން ދެން އެ ސިލްސިލާއިން ހީނާ ފެންނާނެ ކަމާމެދު މިހާރު ސުވާލު އުފެދެއެވެ. ފަހަރުގައި ހީނާގެ ބަދަލުގައި އެ ރޯލުން އެހެން ތަރިއަކު ފެނިގެން ދިއުންވެސް އެކަށީގެން ވެއެވެ.