ފިލްމުތަކުގެ ސީކުއެލް އުފެއްދުމަކީ މިހާރު ބޮލީވުޑްގައި ކުރަމުން އަންނަ އެންމެ ޓްރެންޑިންގ އެއް މަސައްކަތެވެ. އެގޮތުން "ސްޓޫޑަންޓް އޮފް ދި އިޔަރ" އާއި "ސަޅަކް" އަދި "ހައުސްފުލް" އާއި "ހިންދީ މީޑިއަމް"ގެ ސީކުއެލް އެއްވެސް އުފެއްދުމަށް މިހާރު ވަނީ ނިންމާފައެވެ.

ހަމައެހެންމެ، 2003 ވަނަ އަހަރު ރިލީޒް ކުރި "އިޝްގް ވިޝްގް" ވެސް މިހާރު އެ ވަނީ އެ ލިސްޓަށް އިތުރު ކުރެވިފައެވެ.

އެގޮތުން ލީޑު ރޯލުން ޝާހިދު ކަޕޫރާއި އަމްރިތާ ރާއޯ އަދި ޝެހްނާޒް ފެނިގެންދިޔަ އެ ފިލްމުގެ އިތުރު ފިލްމެއް އުފައްދަން ނިންމާފައިވާކަން އެ ފިލްމުގެ ޕްރޮޑިއުސަރުވެސް ވަނީ މީޑިއާ އަށް ކަށަވަރުކޮށްދީފައެވެ.

އަދި އަދަށް ދާން ދެން ވެސް ގިނަ ބައެއްގެ މެދުގައި މަގުބޫލު އެ ފިލްމާ ގުޅޭގޮތުން ވާހަކަ ދައްކަމުން ފިލްމުގެ ޕްރޮޑިއުސަރު ތައުރާނީ ބުނީ، މިހާރު ކުރަމުން އަންނަނީ އެ ފިލްމުގެ ސްކްރިޕްޓް ތައްޔާރު ކުރުމުގެ މަސައްކަތް ކަމަށެވެ.

"އަހަރެމެން އިޝްގް ވިޝްގްގެ ދެ ވަނަ ފިލްމެއް އުފައްދަން މިއުޅެނީ. މިހާރު ކުރަމުން އަންނަނީ ވާހަކަ ސްކްރިޕްޓު ކުރުމުގެ މަސައްކަތް. އެ ފިލްމަކީ ފުރާވަރުގެ ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމަކަށް ވެދާނެ...،" ތައުރާނީ ބުންޏެވެ.

އޭނާ އިތުރަށް ބުނީ، އެ ފިލްމުގެ ސްކްރިޕްޓުގެ މަސައްކަތް ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި ނިމޭނެ ކަމަށެވެ. އަދި އެއަށްފަހު ފިލްމަށް ޑައިރެކްޓަރަކާއި ކާސްޓުން ހޯދުމުގެ މަސައްކަތް ފަށާނެ ކަމަށްވެސް ތައުރާނީ ބުންޏެވެ.