ނަވާރަސަތޭކަ ނުވަދިހަ ތިންވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ މާޗު މަހުގެ 22 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަގުވާމީ ފެނުގެ ދުވަހުގެ ގޮތުގައެވެ. މި ދުވަސް ފާހަގަ ކުރުމުގެ ބޭނުމަކީ ފެނުގެ މުހިއްމުކަން ހަނދާންކޮށްދިނުމާއި ފެނާއި، ފެނާ ގުޅުންހުރި މައްސަލަތަކުގައި އަޑު އުފުލުމެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ދުނިޔޭގެ 2.1 ބިލިއަން މީހުންނަކީ އަދިވެސް ސާފު ބޯފެން ލިބުމުގެ ނަސީބު ނެތް މީހުންނެވެ. މީގެ އިތުރުން ދުނިޔޭގެ އާބާދީގެ ތިންބައިކުޅަ ދެބައި މީހުންނަކީ ސާފު ބޯފެން ލިބުނު ނަމަވެސް އަހަރުގެ ތެރޭ މަދުވެގެން އެއް މަހަށް ސާފު ފެން ލިބުމުގެ ދަތިކަން ކުރިމަތިވާ މީހުންނެވެ. ފެނުގެ ސާފުތާހިރުކަން ކުޑަވެ، ފެނުގެ ޒަރިއްޔާއިން ޖެހޭ ބަލިތަކުގެ ސަބަބުން އެވްރެޖުކޮށް އަހަރެއްގެ މައްޗަށް 700 ކުޑަކުދިން މަރުވެއެވެ.

އިންސާނާގެ ދިރިއުޅުމުގައި ފެނަކީ އަސާސީ އެއްޗަކަށްވީނަމަވެސް، އިންސާނީ ދަރިފަސްކޮޅަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑެތި ގޮންޖެހުމަކީ ސާފު ފެން ނުލިބުމެވެ. މޫސުމަށް އަންނަ ބަދަލުތަކާއެކު ގްލޯބަލް ވޯޓާ ސިސްޓަމަށް އޭގެ އަސަރުތައް ދަނީ ކުރަމުންނެވެ. ކޯރުތައް ހިކުމުގެ ސަބަބުން އެތައް ހާސް ބަޔަކަށް ފެން ލިބުމުގެ މަގު ދަނީ ބަންދުވަމުންނެވެ. އަނެއްކޮޅުން ބަލާއިރު ބޯކޮށް ވާރޭވެހި ކޯރުތައް ބަންޑުންވެ ފެން ތަޣައްޔަރު ވުމަކީވެސް ސާފު ބޯފެން ހޯދުމަށް އިންސާނީ ދަރިފަސްކޮޅަށް ކުރިމަތިވެފައިވާ ގޮންޖެހުމެކެވެ. މިއީވެސް މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ކުރިމަތިވާ ކަމެކެވެ.

ދުނިޔެ ހޫނުވެ ޖައްވު ނުސާފުވުމީ ވާރޭ ވެހުނު ކަމުގައިވިޔަސް، ވާރޭ ފެން ނަގައިގެން ބޯން އެކަށީގެން ނުވާވަރަށް ފެން ތަޣައްޔަރު ކުރުވާ ކަމެކެވެ. ޖައްވުގައި ހުންނަ ވިހަ ގޭސްތަކުގެ ސަބަބުން ފެނުގައި ނުރައްކާތެރި ކެމިކަލްތައް އެކުލެވެއެވެ. ނަތީޖާއެއްގެ ގޮތުން އެ ފެން ބޮއިފިނަމަ ހަށިގަނޑަށް އެ ކެމިކަލްތަކުގެ އަަސަރު ކުރެއެވެ.

ދުނިޔޭގެ އާބާދީގެ ބޮޑު ބަޔެއް ސާފު ބޯފެން ލިބުމުން މަހުރޫމުވެފައިވާއިރު މީގެ ނުވަ އަހަރު ކުރިން އދ އިން ކަނޑައަޅާފައިވަނީ ސާފު ބޯފެނާއި ނަރުދަމާ އަކީ އިންސާނީ އަސާސީ ހައްގެއް ކަމަށެވެ. ގުދުރަތީ މާހައުލަށް އަންނަ ބަދަލުތަކުގެ ސަބަބުން އަދި އިންސާނުންގެ އަމަލުތަކުގެ ސަބަބުން އިކޯ ސިސްޓަމަށް ލިބޭ ގެއްލުންތަކުގެ ސަބަބުން ފެން ލިބޭ މިންވަރަށް އަދި ފެނުގެ ކޮލެޓީއަށް ބަދަލު އަންނަ ކަމަށް އދ. އިން ބުނެއެވެ. އޭގެ ސަބަބުން އެ މީހުންގެ ސިއްހަތަށް ނުރައްކާވާ ކަމަށާއި މިއީ ދިރިއުޅުމަށް ވެސް ކުރިމަތިވާ ނުރައްކަލެއް ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

މިއަހަރުގެ ފެނުގެ ޝިއާރުގެ ގޮތުގައި ދުވަހުގެ "އެއްވެސް މީހަކު ބާކީ ނުކުރާނަން" ނުވަތަ ލީވް ނޯވަން ބިހައިންޑް ކަނޑައަޅާފައިވާއިރު، 2030ގެ ނިޔަލަށް ދުނިޔޭގެ އަބާދީގެ ހުރިހާ އެންމެންނަށް ސާފު ބޯފެން ފޯރުކޮށްދިނުމުގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑި ހާސިލް ކުރެވޭނީ އެކަން ހާސިލް ކުރުމަށް މުޅި ދުނިޔޭގެ ލީޑަރުންނާއި ގައުމުތަކުގެ ވެރިން އަދި ރައްޔިތުންވެސް މަސައްކަތް ކޮށްގެންނެވެ. ދުނިޔެ ހޫނުވުން ކުޑަކޮށް މޫސުމަށް އަންނަ ބަދަލުތައް ކުޑަކޮށްގެންނެވެ. ނުރައްކާތެރި ވިހަ ގޭސްތައް ޖައްވަށް ދޫކުރާ މިންވަރު މަދުކޮށް ވާރޭ ފެނަކީ ބޯން ކަމުދާ އެއްޗަކަށް ހަދައިގެންނެވެ. އެކި ކަންކޮޅުތަކުގައި ހިނގާ ހަނގުރާމަތައް ހުއްޓާލައި، ރެފިއުޖީންގެ އަދަދު މަދުކޮށް ދިރިއުޅުމުގެ ހާލަތު ރަނގަޅުކޮށްގެންނެވެ.