ކުރިމަތިވަމުން އަންނަނީ ބަރަކާތްތެރި ރޯދަމަހެވެ. ރޯދަމަހަކީ އަޅުކަމުގެ މައްސަރެއްގެ އިތުރުން އެހެން މަސްމަހާ އަޅައިބަލާއިރު ދިރިއުޅުމަށްވެސް ބަދަލުތައް އަންނަ މަހެކެވެ. ކެއިން ބުއިމަށްވެސް ބަދަލުތައް ގެންނަންޖެހޭ ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ޒަމާނުއްސުރެ ދިވެހިން ގިނަ ކަންތައްތަކެއް ކޮށްއުޅުނެވެ.

ގެއަށް ވެލިލުން:

ރޯދައަށް ތައްޔާރުވުމަށް ގެއަށް ދޮންވެލިލައި ރީތި ކުރުމަކީ އެތައް އަހަރެއް ކުރިން ދިވެހިން ކުރަމުން އައިސްފައިވާ ކަމެކެވެ. ގެއާއި ގޯތިތެރެ އަދި ގޭދޮށު މަގުމައްޗަށް ކަށިވެލި އަޅައި ރީތިކުރެއެވެ. ބައެއްފަހަރު މުލަ ރޯދަ ވިލޭރޭގައެވެ. ނޫނީ ރޯދަ އައުމުގެ ދެތިން ދުވަހެއް ކުރިންނެވެ. ކަށިވެލިން އެ ދުވާ ވަހަކީ "ރޯދަ ފީލް" އެއް ގެނެސްދިން ކަމެކެވެ. ނަމަވެސް ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުވެ، ގޭގެ އިމާރާތްކޮށްފައި ހުންނަ ޑިޒައިނަށް ބަދަލު އައިސް މިހާރު ވެލިކޮޅެއް ލާނެ ތަނެއް ގިނަ ގޭގެއަކު ނޯވެއެވެ. ތަން އޮތްނަމަވެސް ކަށިވެލި ހޯދަން އުނދަގޫވުމުގެ ސަބަބުން ވެލި ނުލެވެނީއެވެ. ބައެއް ރަށްރަށުގައި ރޯދަ އާއި ދިމާކޮށް ކަށިވެލި ނެގުމުގެ ހުއްދަވެސް ދީއުޅެއެވެ.

ގޭތެރެ އާބާތުރަ ފިލުވައި ކުލަލުން:

ރޯދައަށް ތައްޔާރުވުމަށް ކޮށް އުޅޭ އަނެއް ކަމަކީ ގޭގެ އާބާތުރަ ފިލުވައި ކުލަ އާކޮށްލުމެވެ. ކިލާ ފޮޅާ ރީތިކޮށްލުމެވެ. ބައެއް ގޭގޭގައި ފަރުނީޗަރާއި ހިފާ ގެންގުޅޭ ސާމާނުވެސް ރޯދަ އާއި ދިމާކޮށް ބަދަލުކޮށްލައެވެ. ބައެއްފަހަރު ފެންނަ މަންޒަރަކީ ގޭތެރެ ސާފުކޮށް އުކާލަން ހުންނަ ތަކެތި މަގުމައްޗަށް ނެރެ އަޅާނުލާ ބެހެއްޓުމެވެ. ގޭތެރެ ސާފުކުރުމަށްފަހު އެންމެން ބޭނުންކުރަން އޮންނަ މަގުމަތި ގޮނޑުކޮށްލެވެނީއެވެ. ގޭތެރޭގެ ސާމާނު ބަދަލުކުރުމުގައި ހައްދަ ފަހަނައަޅައި ދިޔުމާއި އިސްރާފު ކުރުންވެސް މަދުކުރަން ޖެހެއެވެ.

މާހެފުން:

މިއީ ރޯދައަށް މަރުހަބާ ކިޔުމަށްޓަކައި ދިވެހިން ކުރަމުން އަންނަ ކަމެކެވެ. އާދަކާދައިގެ ތެރޭގައި ހިމެނޭ މާހެފުންވެސް ޒަމާނާއެކު މިވަނީ ބަދަލުވެފައެވެ. މީގެ ކުރިން މާފުށާއި، ބަތްމާ، ކާއްޓާއި ކަދުރުން މާހެފުން ކުރިއަށް ގެންދިޔަނަމަވެސް، ޒަމާނީ ކެއުންތައް މިވަނީ މާހެފުމުގެ ތެރެއަށް ބަދެފައެވެ. އެކިފާޑުފާޑުގެ ބަތާއި ޕާސްތާ ސްޕެގެޓީ އަދި ޕިއްޒާއެވެ. މާހެފުމަކީ ރޯދަ އަންނަން މަހެއް ވުމުން އާންމުކޮށް ކުރާ ކަމެކެވެ. ރޯދަ މަސް ފެށުމުގެ ކުރީ ދުވަހާއި ހަމައަށް މިކަންތައް ކުރިއަށް ދެއެވެ. ގާތް އެކުވެރިންނާއެކު، އާއިލާ އާއެކު، އޮފީސްމީހުންނާއެކު ކްލާސްކުދިންނާއެކު މާހެފުން ހަފަންޖެހެއެވެ. ކޮންމެ ގްރޫޕަކާއެކުވެސް މާހަފާނުލެވިއްޖެނަމަ އެކަން ކުރެވުނު އިހުސާސެއް ނުވެއެވެ. އާންމުކޮށް ވެފައި އޮންނަގޮތަކީ މުލަރޯދަ ވިލޭރެއާއި ހަމައަށްވެސް މާހެފުންތައް ހަފައި ނުނިމުމެވެ. އެންމެ ފަހުން ދެން ޕްލޭން ބަދަލުކުރަންޖެހެނީ ރޯދަ ވީއްލުމަކަށެވެ. މިހާރަކަށް އައިސް ރެސްޓޯރެންޓުތަކުގައިވެސް ތަފާތު ޕެކޭޖުތަކާއެކު މާހެފުންތައް ބާއްވައެވެ.