ފާހަގަކުރަމުން މިދަނީ "މޭ ޑޭ" އެވެ. ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ މަސައްކަތްތެރީންގެ ދުވަހެވެ. ކޮންމެ އަހަރެއްގެ ވެސް މޭ މަހުގެ ފުރަތަމަ ދުވަސް މަސައްކަތްތެރީންނަށް ޚާއްސަކުރެއެވެ. ދުނިޔޭގެ ފެންވަރުގައި މިފަދަ ދުވަހެއް ފާހަގަކުރުމުގެ އެންމެ މުހިންމު ބޭނުމަކީ، މަސައްކަތްތެރީން އެކުރާ މަސައްކަތުގެ އަގު ވަޒަންކުރުމެވެ. އަދި އެފަރާތްތަކަށް ލިބިދޭ އަސާސީ ހައްގުތަކާއި މިނިވަންކަން ހޯދައިދިނުމުގެ އިތުރުން އެ ހައްގުތަކާއި މިނިވަންކަމުގެ ދިފާއުގައި ތެދުވެ ވަކާލާތުކުރުމަށް ހިތްވަރު ދިނުމެވެ.

މަސައްކަތްތެރީންގެ ހައްގުތައް ހޯދައި ދިނުމުގެ ވާހަކައަކީ، އަބަދުވެސް ދެކެވޭ، އެހެނަސް އަމަލީގޮތުން އެކަން ފުރިހަމަ ނުކުރެވި ހުންނަ ވާހަކަތަކުގެ ތެރޭން ވާހަކައެކެވެ. އެކަން ނުކުރެވެނީކީ، ކޮންމެހެން އެކަމުގައި މާކަބޮޑެތި ގޮންޖެހުންތަކެއް ހުރެގެނެއް ނޫނެވެ. ނަމަވެސް، ގައުމުގައި ހައްލުކުރާން ހުރި މިފަދަ އެތަކެއް ބައިވަރު ކަންތައްތަކުގެ ތެރޭން، މިކަންކަން ކުރާން ތިބި މީހުންގެ ނަޒަރުގައި މިކަން މުހިންމު ނުވާތީއެވެ. ނުވަތަ އެކަމުގެ އިހްލާސްތެރިކަމެއް ނެތީމައެވެ.

ބައިނަލްއަގްވާމީ މަސައްކަތްތެރީންގެ ޖަމިއްޔާ، އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައިއެލްއޯ)ގެ މެމްބަރަކަށް ދިވެހިރާއްޖެ ވީ 15 މެއި 2009ގައެވެ. ކޮންމެއަކަސް، ދުނިގޭޔެ ގިނަ ގައުމުތަކެކޭ އެއްފަދައިން، "މަސައްކަތްތެރީންގެ ދުވަސް" ރާއްޖޭގައިވެސް ބަންދެވެ. ސަރުކާރެވެ. އަމިއްލަ ފަރާތްތަކަށް ބަންދެއް ނޫނެވެ. ނަމަވެސް، މި ދުވަހަކީ، ގިނަ ގައުމުތަކުގައި ހަމަ ރަސްމީ ބޮޑު ބަންދު ދުވަހެކެވެ. މަސައްކަތްތެރީން އެބައިމީހުންގެ ހައްގުގައި ވަކާލާތުކުރާން ހިތްވަރު ދޭ ދުވަހަކަށް ވާތީ، މިއީ ހަމަ އެކަނި ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި އޮތުމުން އެކަމާ ވަރަށް ގިނަ ބަޔަކު އަޑުއުފުލައެވެ. ޚާއްސަކޮށް އަމިއްލަ ކުންފުނިތަކާއި ވިޔަފާރި ތަކުގައި ހަރަކާތްތެރިވާ މަސައްކަތްތެރީން މިދުވަސް ބަންދު ނުކުރެޔޭ ކިޔާފައި ހިތްހަމަ ނުޖެހުންވެސް ފާޅުކުރަމުން ދެއެވެ. އެކަމަކު ވަޒީފާއާ ބެހޭ ގާނޫނުންވެސް މިދުވަހަކީ، ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައި ނުވާތީ، މި ބަންދު އޮންނަނީ އިހްތިޔާރީ ކަމަކަށް ވެފައެވެ.

Articl Inline Image

ގާނޫނީގޮތުން ބާރު ލިބިދޭ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި މިދުވަސް ކަނޑައަޅާ ނަމަ، ވިސްނާން ޖެހޭ ބައިވަރު ކަންކަންވެސް ހުންނާނެއެވެ. މިސާލަކަށް އެދުވަހު އަސާސީ ބޭނުންތައް ފުއްދޭނޭ ގޮތެއް ނެތި، ފިހާރަތަކާއި، އެފަދަ އެހެނިހެން ތަންތަން ތަޅުއަޅުވާ ހާލަތައް ގޮސްފާނެތޯ މިއީވެސް އުފައްދާން ޖެހޭނޭ ސުވާލެކެވެ. އަދި މިފަދަ ކުރިހާ ކަމެއް ފުރިހަމަ ވެގެން ނޫނީ، މިކަން ރަނގަޅުކަމަކަށް ނުވާނޭކަންވެސް ވިސްނުމުގައި ބަހައްޓާން ޖެހެއެވެ.

ވަޒީފާއާ ބެހޭ ޤާނުނުން ލިބިދޭ ރަސްމީ ބަންދު ދުވަސްތައް

  1. ހުކުރު ދުވަސް،
  2. ޤައުމީ ދުވަސް،
  3. ކީރިތި ރަސޫލާގެ ޢީދުމީލާދު ދުވަސް،
  4. ރާއްޖެ އިސްލާވި ދުވަސް،
  5. މިނިވަން ދުވަސް،
  6. ރަމަޟާންމަހުގެ ފުރަތަމަ ދުވަސް،
  7. ފިޠުރު ޢީދު ދުވަސް،
  8. ނަޞްރުގެ ދުވަސް،
  9. ޖުމްހޫރީ ދުވަސް،
  1. ޙައްޖު ދުވަސް،
  2. އަޟްޙާ ޢީދު ދުވަސް

ބައިނަލްއަގްވާމީ މަސައްކަތްތެރީންގެ ދުވަހުގެ މުނާސަބަތުގައި ރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި، އެންމެހާ ލޮބުވެތި މަސައްކަތްތެރީންނަށް 247ގެ ފަރާތުން ވަރަށް ހޫނު މަރުހަބާއެއް ކިޔަމެވެ. އަތި ހިތުގެ އެންމެ ފުންމިހުން، ތިޔަ އެންމެހާ ލޮބުވެތި މަސައްކަތްތެރީންނަށް ކާމިޔާބާއި އުފާފާގަތިކަމަށް އެދި ދުއާކުރަމެވެ.