ތިޔަބޭފުޅުންގެ "247" އަބަދުވެސް ބައްޓަންކުރެވިގެން މިދަނީ ތިޔަބޭފުޅުން ބޭނުންފުޅު ވާގޮތަށެވެ. ތިޔަ ބޭފުޅުން އެވަގުތަކު އެންމެ ބޭނުންވާ ރަހަތަކެއް ލައްވައިގެންނެވެ. ސިޔާސީ ރަހަ މެނުވީއެވެ. އެގޮތުން މިހާރު 247ގެ ކިޔުންތެރީންގެ ތެރޭން ގިނަ ބަޔަކު ދަނީ އަނެއްކާވެސް ރީތި ވާހަކައެއް ގެނެސްދިނުމަށް އެދެމުންނެވެ. އެފަރާތްތަކަށް މިއޮތީ އުފާވެރި ހަބަރެކެވެ. މުޅިން އާ ވާހަކައެއް 247އަށް އަންނަނީއެވެ.

ކުރިޔަށް އޮތީ އަސަރުގަދަ ވާހަކަ "ނޫރާ" އެވެ. މުޅިން އަލަށް 247އަށް ވާހަކަ އެއް ގެނެސްދޭ ލިޔުންތެރިއެއްގެ ވާހަކަ އެކެވެ. މުހައްމަދު މުސްތަފާ (މުންމު)ގެ ވާހަކައެއް މި ނޫހަށް އަންނަނީ އަލަށެވެ. ނަމަވެސް އޭނާ އަކީ ލިޔުންތެރިކަމަށް އާ މީހަކަށް ނުވާނެއެވެ. ގިނަ އަހަރުތަކެއް ވަންދެން ވަނީ މީޑިއާގެ ދާއިރާގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ.

"އަސްލު މިވާހަކަ މީ ސްކޫލްގަ ގްރޭޑް 8 ގަ އުޅުނު އިރު ސްކޫލް މުބާރާތަކަށް ލިޔުނު ވާހަކައެއް. ދެން އެކަމަކު ހިތަށް އެރި މި ވާހަކަ ކިޔާލަން ކިޔުންތެރިންނަށް ދޫކޮށްލަން ވީއޭ. އަނެއްހެން ވާހަކަ ލިޔެއެއް ވެސް ނޫޅެން. މީ ދެން އޭރު ލިޔެފައި އޮތް ކުރު ވާހަކަ އެއް،" މީ މުންމު ގެ ބަސްކޮޅެކެވެ.

މުންމު ބުނީ ކުރު ވާހަކައެއްގެ ގޮތުގައި ކިޔުންތެރިންނަށް މި ވާހަކަ ދޫކޮށްލަނީ ރޯދަ ހަދިޔާއެއްގެ ގޮތުގައި ކަމަށެވެ. އޭނާ ބުނީ މި ވާހަކައަކީ ކަމުދާނެ ވާހަކައަކަށް ވާނެކަމަށް އުންމީދު ކުރާ ކަމަށެވެ. އަދި ސްކޫލް ދައުރުގައި ލިޔުނު އެ ވާހަކައަށް މުބާރާތުން ވަނަ ލިބުނު ކަމަށް ވެސް އޭނާ ބުނެއެވެ.

"ނޫރާ"އަކީ ތަފާތު ހާދިސާ ތަކެއްގެ މައްޗަށް ލިޔެފައިވާ ހިޔާލީ ވާހަކައެކެވެ. ވާހަކަ ބިނާ ކޮށްފައިވަނީ ފަގީރު ކަމާއި ޔަތީމު ހާލުގައި ބޮޑުވަމުން އައި މުރާލި ހިތްވަރުގަދަ އަހުލާގު ރަނގަޅު އަންހެން ކުއްޖެއްގެ ހަޔާތުގައި ދިމާވަމުން އައި ކަންތައްތަކެއްގެ މައްޗަށެވެ.

ނޫރާ ދިރިއުޅުމުގައި ކުރިމަތިލާން ޖެހުނު ހިތްދަތި ކަންތައްތަކުން މިންޖުވަމުން، ވޭނާ ކެކުޅުންތަކުން ހިތްވަރާއެކު އަރައިގަންނަމުން އަންނަ ތަން ވާހަކައިގައި ގެނެސްދޭނެއެވެ.

"އަސްލު ބޭނުންވޭ މި ފުރުސަތުގައި ޝުކުރު އަދާކޮށްލަން ޕޭރެންޓްސް އެންޑް ފެމިލީއަށް... އޭރު ސްކޫލްގަ އުޅުނު އިރު ވާހަކަ ލިޔަން އިންނަ އިރު މަންމަ ވަރަށް ހެލްޕްވާނެ. ކުށް ވެސް ފިލުވަދޭނެ. ދެން ވަރަށް ބޮޑަށް ޝުކުރިއްޔާ ޝިއޫއަށް" މުންމު ބުނެލިއެވެ.

ވާހަކަ ގެނެސްދޭނީ ކޮންމެ ހަފްތާ އެއްގެ އާދިއްތަ އަދި ބުރާސްފަތި ދުވަހުއެވެ. މުންމުގެ އުންމީދަކީ އޭނާ ވަރަށް ކުރިން ލިޔެފައިވާ ވާހަކަ އަކަށް "ނޫރާ" ވީ ނަމަވެސް އެ ވާހަކަ މީހުންނަށް ކަމުދިޔުމެވެ.