ފަހު މެޗުގައި ރޭ ބްރައިޓަން އަތުން ފަހަތުން އަރައި 4-1 އިން މޮޅުވެ މެންޗެސްޓާ ސިޓީން އެއް ޕޮއިންޓުގެ ފަރަގަކާ އެކު ލީގު ޗެމްޕިއަންކަން ޖެހި ޖެހިގެން ދެވަނަ ފަހަރަށް ހޯދައިފިއެވެ.

ފަހު މެޗަށް ނުކުތް އިރު، ސިޓީއާ އެންމެ ކައިރިން ވާދަކުރި ލިވަޕޫލް އާ ދެމެދު އޮތީ އެންމެ ޕޮއިންޓެއްގެ ފަރަގެކެވެ. އެގޮތުން ސިޓީ 95 ޕޮއިންޓާއެކު އެއްވަނައިގައި އޮތް އިރު، ލިވަޕޫލް ދެވަނައިގައި އޮތީ 94 ޕޮއިންޓާއެކުގައެވެ. ރޭ ވުލްވްސްއާ ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗު 0-2 އިން އެޓީމުން ކާމިޔާބުކުރި ނަމަވެސް، 29 އަހަރުގެ ތެރޭ ފުރަތަމަ ފަހަރަށް ލީގު ހޯދަން ލިވަޕޫލް ކުރި މަސައްކަތް ވަނީ ފެނަށް ގޮސްފައެވެ.

އެއް ވަގުތެއްގައި ކުޅެމުން ދިޔަ މެޗުތަކުގެ ތެރެއިން، ސިޓީ އާއި ބްރައިޓަން ކުޅުނު މެޗުގެ 27 ވަނަ މިނެޓުގައި ގްލެން މުރޭގެ ލަނޑުން ބްރައިޓަން ކުރި ހޯދި އެވެ. އޭރު ލިވަޕޫލް އޮތީ ވުލްވްސް ކޮޅަށް ލަނޑެއް ޖަހާފައި ކަމުން އެ ޓީމަށް އުއްމީދެއް ލިބުނެވެ. އެކަމަކު ސިޓީން ވަނީ ޖެހިގެން އައި މިނެޓުގައި ސާޖިއޯ އަގުއޭރޯގެ ލަނޑުން އެއްވަރުކޮށް އަދި ހާފު ނިމުމުގެ ކުރިން އައިމެރިކް ލަޕޯޓޭގެ ލަނޑުން ލީޑު ނަގައިފައެވެ.

ދެ ވަނަ ހާފުގައި ރިޔާޒް މާރޭޒާއި އިލްކޭ ގުންޑޮގާން ޖެހި ލަނޑުތަކާ 4-1 އިން ކުރި ހޯދައި ސިޓީން ތަށި ޔަގީންކުރިއެވެ. ވުލްސް ކޮޅަށް ލިވަޕޫލުގެ ދެ ވަނަ ގޯލް 81 ވަނަ މިނެޓުގައި ޖެހީ ސަޑިއޯ މާނޭ އެވެ.

ލިވަޕޫލުން އިނގިރޭސި ފުރަތަމަ ޑިވިޝަންގެ ތަށި އެންމެފަހުން ނަގާފައި ވަނީ ޕްރިމިއާ ލީގަށް ރީބްރޭންޑް ކުރުމުގެ ކުރިން 1990 ވަނަ އަހަރުއެވެ. އޭގެ ފަހުން ލިވަޕޫލަށް ލީގު ނެގިފައިނުވާ އިރު، މިއީ އެޓީމަށް ލިބުނު އެންމެ ބޮޑު ފުރުސަތެވެ. ލީގު ފެށުނީއްސުރެ ސިޓީއާ ވާދަކުރަމުން ލިވަޕޫލް ދިޔަ އިރު، އެޓީމު ލީގުގައި ބަލިވީވެސް ސިޓީ އަތުން އެކަންޏެވެ.