ހޮލީވުޑްގެ ލެޖެންޑަރީ ތަރި ޑޯރިސް ޑޭ މަރުވެއްޖެއެވެ. އުމުރުން 97 އަހަރުގައި ޑޯރިސް މަރުވި އިރު އޭނާ އަކީ 1950 ގެ އަހަރުތަކުގައި ހޮލީވުޑުން ވިދާލި ތަރިއެކެވެ.

ޑޯރިސް އަކީ އެކްޓްރެސްއެއްގެ އިތުރުން ލަވަކިޔުންތެރިޔެއް ވެސް މެއެވެ. އަ ސީކްރެޓް ލަވް، ސެންޓިމެންޓަލް ޖާނީ، ކިޔު ސެރާ ސެރާ ފަދަ ލަވަތަަކަކީ އޭނާގެ ފާހަގަ ކުރެވޭ ލަވަތަކުގެ ތެރޭ ހިމެނޭ ލަވަތަކެކެވެ.

ޑޯރިސް މަރުވީ ކެލިފޯނިޔާގެ ކާމަލް ވެލޭގައި ހުންނަ އޭނާގެ ގޭގައެވެ. ޑޯރިސްގެ ފައުންޑޭޝަނުން ނެރުނު ސްޓޭޓްމެންޓެއްގައި ބުނީ ޑޯރިސް އަކީ ފަހަކާ ޖެހެންދެންވެސް ސިއްހަތު ރަނގަޅަށް ހުރި، ހެލިފެލިވެ އުޅުނު މީހެއް ކަމަށެވެ. ނަމަވެސް ވަރަށް ފަހަކުން ނިޔުމޯނިޔާގެ ޝިކާރައަކަށް ވީ ކަމަށާޢި އޭނާ މަރުވީ އެ ބަލީގައި ކަމަށް ސްޓޭޓްމެންޓުގައި ބުންޏެވެ. ޑޯރިސް މަރުވި އިރު އޭނާއާއެކު އެކުވެރިން ތިބި ކަމަށް ޑޯރިސްގެ ފައުންޑޭޝަނުން ބުންޏެވެ.

ޑޯރިސް އެންމެ ފުރަތަމަ ބޭނުންނީ ނެށުންތެރިއަކަށް ވާށެވެ. ނަމަވެސް ޅަ އުމުރުގައި ކާރު އެކްސިޑެންޓެއްވެ ފަޔަށް ލިބުނު އަނިޔާ އެއްގެ ސަބަބުން އެ ހުވަފެން ދޫކޮށްލަން ޖެހުނެވެ. ޑޯރިސް ފަހުން ލަވަކިޔުމުގެ ދާއިރާއަށް ވަނީ އުމުރުން 15 އަހަރުގައެވެ. ޑޯރިސް ގެ ފާހަގަ ކުރެވޭ ފިލްމުތަކުގެ ތެރޭގައި "އަ މޭން ހޫ ނިއު ޓޫ މަޗް ހިމެނެއެވެ. 2008 ވަނަ އަހަރު ގްރޭމީ އެވޯޑްގެ ލައިފްޓައިމް އެޗީވްމެންތު ލިބުނު ޑޯރިސްގެ ޕާސަނަލް ހަޔާތަށް ބަލާއިރު އޭނާ ވަނީހަތަރު ކައިވެންޏެއް ކޮށްފައެވެ. އެތަނުން އެއް ކައިވެންޏަށް ލިބުނު ފިރިހެން ދަރިފުޅު ވެސް ވަނީ މަރުވެފައެވެ.

ޑޯރިސް އަކީ އެނިމަލް ވެލްފެއާ އެކްޓިވިސްޓެކެވެ. އެނާގެ ފައުންޑޭޝަނަކީ ޖަނަވާރު ހިމާޔަތްކުރުމަށް އުފެއްދި ފައުންޑޭޝަނެކެވެ. ޑޯރިސްގެ މަރާއެކު ހޮލީވުޑުން ދަނީ ތައުޒިޔާ ފޮނުވަމުންނެވެ.