ހަފްތާ ބަންދުގައި މެޑިސަން ސްކްވެއާ ގާރޑެންގައި ބޭއްވި ބޮކްސިން މެޗު ވެގެން ދިޔައީ ގިނަމީހުން ސިއްސުވާލި މެޗަކަށެވެ. އެންތެނީ ޖޮޝުއާ އަދި އޭންޑީ ރުއީޒް ވާދަ ކުރި މި މެޗުގައި ޖޮޝުއާ ބަލިވެގެން ދިޔައީ ހީނުކުރާ ފަދަ ގޮތަކަށެވެ. އޭނާ އަކީ ރުއީޒްއާ ބަލާއިރު މާ ގިނަ މެޗުތަކުން ކާމިޔާބީ ހޯދާފައިވާ މީހެކެވެ.

ޖޮޝުއާ އާއި ފުރަތަމަ ވާދަ ކުރަން ހަމަ ޖެހިފައިވާ މިލާރގެ ޑްރަގް ޓެސްޓު ޕޮޒިޓިވް ވުމުން އެ މެޗު ކެންސަލް ވެގެން ދިޔައެވެ. އޭގެ ފަހުން ރުއީޒް އެދިގެން އޭނާއާއި ވާދަ ކުރަން ހަމަޖެހުނެވެ. ރުއީޒްގެ މޮޅުވުން އިތުރަށް ހައިރާން ކުރުވަނިވި ކަމަކަށްވީ މިހެންވެގެންނެވެ. މެޗަށް ތައްޔާރުވާން ރުއީޒަށް ލިބުނީ އެންމެ މަހެއްހާ ދުވަސް ކަމަށްވާތީއެވެ.

ޖޮޝުއާގެ ފަރާތުން ރުއީޒްއަށް ތައުރީފުގެ ބަސްތަކެއް ނުލިބުނު ކަމުގައި ވިޔަސް މެޗު ނިންމާލުމަށްފަހު ދެމީހުން އެކީގައި ފޮޓޯތަކެއްވެސް ނަގާފައިވެއެވެ. އަދި ހިތްވަރު ދޫ ނުކޮށް ކުރިޔަށް ދާނެކަމަށް ވައުދުވިއެވެ. މޮޅު ވުމަށްފަހު ރުއީޒް ދެއްކި ވާހަކައެއްގައި ބުނެފައިވަނީ އޭނާ ބޭނުންވީ އޭނައަށް މިކަން ވާނޭ ކަން ދައްކާލުމަށެވެ.