އާންމު ގޮތެއްގައި ގިނަ މުސްލިމް ޤައުމުތަކުގައި އުޅޭ މީހުން ކަދުރު ކައި އުޅެނީ ރަމަޟާން މަހު ރޯދަވީއްލާ ގަޑީގައި ޚާއްސަ އެއްޗެއްގެ ގޮތުގައެވެ. ކަދުރުން ލިބޭ ގިނަ ފައިދާތައް އިނގޭނަމަ އާންމު ދުވަސްތަކުގައިވެސް ކަދުރު ކައިއުޅޭ މީހުން ގިނަވާނޭ ކަމަކީ ޝައްކެއް އޮތް ކަމެއް ނޫނެވެ. އެގޮތުން މިފަހަރު އަލި އަޅުވައިލާނީ ކަދުރުން ލިބޭ ސިއްހީ މުހިންމު ތިން ފައިދާ އަކަށެވެ.

މީހާގެ ޑައިޓުގައި ކަދުރު ހިމެނުމުން ބަނޑުގެ ބަލިތަކުން ރައްކާތެރި ކޮށްދެއެވެ. އެއީ ކަދުރުގެ ފައިބާރ ކޮންޓެންޓް މަތިވުމުގެ ސަބަބުންނެވެ. އަދި މި ފައިބަރުގެ ސަބަބުން ލޭގެ ހަކުރު ހުންނަ މިންވަރުވެސް ދަށްކޮއްލަދެއެވެ.

ބޭނުންވާވަރަށް ތަހުލީލުތައް ކުރެވިފައި ނެތްކަމުގައި ވިޔަސް ކަދުރު ކެއުމުން ސިކުނޑިއަށް ފައިދާކުރާ ކަމުގެ ހެކިތަކެއް ފެނިފައިވާ ކަމަށްވެސް ސައިންސުވެރިން ޤަބޫލުކުރެއެވެ. ފަރުވާއެއް ހޯދިފައިނުވާ ބައްޔެއް ކަމަށްވާ އަލްޒައިމާސް ޑިޒީސްއަށް ކަދުރު ކެއުމުގެ ރަގަޅު އަސަރުތަކުގެ ސަބަބުން އެ ބަލިން ސަލާމަތްވާ ކަމުގެ ހެކިތަކެއް ހޯދިފައިވެއެވެ. އެހެންނަމަވެސް މިކަމުގެ ތަހުލީލުތައް އަދި ކުރިޔަށް ދަނީއެވެ.

ކަށީގެ ބަލިތައް ހުންނަމީހުންވެސް ކަދުރަކީ އެމީހުން ގިނައިން ކާ އެއްޗެއްގެ ގޮތުގައި ވާން އެބަޖެހެއެވެ. އެއީ ކަދުރުގައި އެކުލެވޭ މާއްދާތަކެއް ކަމަށްވާ ޕޮޓޭސިއަމް ކެލްސިއަމް އަދި މެގްނީސިއަމް އަކީ ކަށިތައް ވަރުގަދަ ކުރުމައި އެހީތެރިވާ މާއްދާ ތަކެއް ކަމުގައި ވާތީއެވެ.

މިހުރިހާ ފައިދާ ތަކެއްގެ އިތުރުން ކާއެއްޗެހީގެ ރަހަވެސް އިތުރަށް މީރުކޮށްލަދެއެވެ. މިސާލަކަށް އާދައިގެ ބަޓަރުގެ ކޭކަކަށް ކަދުރު އަޅާލައިގެން، އޯޓްސް އާއިއެކީ ނުވަތަ ސެލެޑު ތަކުގައިވެސް ބޭނުންކޮށް ލެވިދާނެއެވެ. އެހެންނޫނަސް ކަދުރަކީ ހަމަ ހުހަށް ކާލަން ވެސް ރަނގަޅު ފައިދާހުރި " ސްނެކް " އެކެވެ.