ޗައިނާ އާއި އެމެރިކާ އާއި ދެމެދު އޮތް ވިޔަފާރީގެ ހަނގުރާމައިގެ އަސަރު އެންމެ ބޮޑަށް ކުރަނީ އެމެރިކާގެ އެޕަލް އަދި ޗައިނާގެ ވާވޭ އަށެވެ. އެންޑްރޮއިޑުން ވާވޭއަށް ދޭ ހުރިހާ އެޕްލިކޭޝަނެއް އަދި އޮޕަރޭޓިން ސިސްޓަމުވެސް ހުއްޓާލަން ނިންމާފައިވާއިރު އެމެރިކާގެ އެޕަލްއިން މިހާރު ވަނީ ޗައިނާއިން ބޭރުގައި އައިފޯނު އުފައްދާނެ ގޮތްތައް ހޯދަން ފަށައިފިއެވެ.

އެމެރިކާގެ އުފެއްދުމެއް ނަމަވެސް އައިފޯނުގެ ބައިތައް އުފައްދައި އެސެމްބްލް ކުރަނީ ޗައިނާގައި އެގައުމުގެ ފެކްޓްރީތަކުގައެވެ. އެޕަލް އިން ބުނީ އައިފޯނު ޕްރޮޑަކްޝަނުގެ 25 ޕަސެންޓަކި ޗައިނާއިން ބޭރުގައި އުފައްދާ އެއްޗެހި ކަމަށާއި ބާކީ ޕްރޮޑަކްޝަންތައްވެސް އެހެން ގައުމަކަށް ބަދަލު ކުރުން އުނދަގޫ ނުވާނެ ކަމަށެވެ.

އެޕަލް އިން މި ފަދަ ވިސްނުމަކަށް ދާން ނިންމީ މި މަހުގެެ ފަހުން ޗައިނާއިން އުފައްދައިގެން އެމެރިކާއަށް އެތެރެކުރާ ފޯނު، ލެޕްޓޮޕް އަދި އެހެން އިލެކްޓްރޯނިކްސް އިން 25 ޕަސެންޓުގެ ޓެރިފެއް ނަގަން އެމެރިކާ ސަރުކާރުން ނިންމާފައިވަނިކޮށެވެ. މި ނިންމުމާއެކު ފޯނު، ލެޕްޓޮޕުގެ އަގު އުފުލޭނެއެވެ.

އެޕަލްގެ ފޯނުތައް އިންޑިއާގައި އުފައްދާނެ ގޮތްތަކެއް ހޯދަން ފަށާފައިވާއިރު މި ނިންމުމަކީ މިހާރު އިންޑިއާއަށް އެތެރެކުރާ ފޯނުތަކުން ނަގާ 20 ޕަސެންޓުގެ ޑިއުޓީ މާފުވެ އިންޑިއާ މާކެޓުގައި އަގު ހެޔޮކޮށް އެޕަލް ފޯނު ވިއްކަން ލިބޭނެ ފުރުސަތަކަށް ވާނެއެވެ.