ރާއްޖެ ފަދަ ހޫނު ގައުމެއްގައި އުޅޭ އިރު މޫނުގެ ހަންގަނޑު ރީތިކޮށް ބަހައްޓަން ބޭނުންނަމަ ވަރަށް ފަރުވާތެރިވާންޖެހޭނެއެވެ. ވިދަ ވިދާ ހުންނަފަދަ އޮމާން މޫނެއްގެ ވެރިއަކަށް ވާން އެދޭ ނަމަ ކުރެވޭނެ ބައެއް ކަންތައް އެބަ ހުއްޓެވެ. މިއީ ކޮންމެހެން މާ އަގު ބޮޑު، އަގު ދީފައި، އެއްޗެއް ގަނެގެން ނޫނީ ގިނަ ވަގުތު ދޭން ޖެހޭ ކަންތަކެއް ނޫނެވެ. ކިތަންމެ އަވަދި ނެތިކޮށް އުޅެމުން ވެސް މިކަންތައް ފަސޭހައިން ކޮށްލެވިދާނެއެވެ.

ކޮންމެ ދުވަހަކު މަދު ވެގެން އެއްފަހަރު ރަނގަޅަށް މޫނު ދޮވެލުން ދުވަހުގެ ތާވަލުގައި ހިމަނައި އަދި ރޭގަނޑު ނިދުމުގެ ކުރިން ދޮވެލުމަށް ހާއްސަ ސަމާލު ކަމެއް ދޭންޖެހެއެވެ. އެއީ ނިދާ ގަޑި ޖެހެންވާއިރަށް މޫނު މަތީގައި ހިރަފުހާއި ދަލާއި މަރުވެފައިވާ ސްކިން ސެލްތަކާއި މޭކް އަޕް އަދި އެނޫންވެސް ހަންގަނޑަށް ރަނގަޅު ނޫން އެކި މާއްދާތައް ގިނަވެފައިވާނެތީ އާއި ނިދާ ގަޑީގައި ހަންގަނޑުގެ ލޯވަޅުތައް މިގޮތަށް ކުނިޖެހިފައި ހުރުމަކީ އެދެވިގެންވާ ކަމަކަށް ނުވާތީއެވެ.

ވަކި އަގުބޮޑު ފޭސްވޮޝް އެއް ބޭނުން ކުރާކަށް ނުޖެހެއެވެ. ނަމަވެސް ތިމާގެ ހަންގަނޑާ ގުޅޭއެއްޗަކަށް ވާން ޖެހެއެވެ. އަދި މޫނު ދޮވެ ނިމިގެން ކޮންމެވެސް ކަހަލަ މޮއިސްޗަރައިޒާއެއް ބޭނުންކޮށްލާނީއެވެ.

ގިނަ މީހުންނަށް ނޭނގުނު ކަމުގައި ވިޔަސް ކިތަންމެ ހޫނު ގައުމެއްގައި ދިރިއުޅުނަސް މިއީވެސް ކުރަން ޖެހޭކަމެކެވެ. މޫސުމާ ގުޅޭ ފަދަ އެއްޗެއް ބޭނުން ކުރުމުން އިތުރަށް ހޫނުވެގެން ދިމާވެދާނެ މައްސަލަތަކަކުން ދުރުކޮށްލަދެއެވެ.

Articl Inline Image

މިއީ ކޮންމެ ދުވަހަކު ކުރަންޖެހޭ ކަންތަކެއެވެ. އެއަށްފަހު އަންނަނީ ކޮންމެ ހަފްތާ އަކު އެއްފަހަރު ކޮށްލުމުން ފުދޭނެ ކަންތައްތަކެވެ. އެގޮތުން ފާހަގަ ކޮށްލެވޭ ދެކަމަކީ އެކްސްފޯލިއޭޓް ކުރުމާއި ފޭސް މާސްކް އެޅުމެވެ. މިކަންތައްތަކަކީ އަދި ވަރަށް ފަސޭހައިން ގޭގަ ތިބެގެން ކޮށްލެވޭނެ ކަންތަކެވެ. ސަބަބަކީ އާންމުކޮށް ފްރިޖުގައި އެހެންނޫނީ ބަދިގޭގައި ލިބެން ހުންނަ ސާމާނު ބޭނުންކޮށްގެންވެސް ސްކްރަބްއެއް ނުވަތަ ފޭސް މާސްކެއް ހެދިދާނެތީއެވެ. ޔޯގަޓް، ދޮންކެޔޮ މާމުއި އަދި އޮރެންޖާއި ލުނބޯހުތް ބޭނުން ކޮށްގެން ވަރަށް ފަސޭހައިން ހަދާލެވޭނެއެވެ.

މިފާހަގަ ކޮށްލިކަންތަކުގެ އިތުރުން ވެސް ފާޑުފާޑުގެ ސީރަމް ތަކާއި ފޭސް އޮއިލް ބޭނުން ކުރުމާއި ފޭޝަލް ހެއްދުން ފަދަކަންތަކީ ވެސް ވަގުތާއި ލާރި ލިބޭވަރަކުން ކޮށްލަން ރަނގަޅު ކަންތަކެއެވެ. އަދި ބޭނުން ކުރާ މިފަދަ އެއްޗެއްސަށް ސަމާލުވާ މިންވަރަށް ތިމާގެ ހަށިގަނޑު ތެރެއަށް ދާ ތަކެއްޗާ މެދުވެސް ސަމާލުވާންޖެހެއެވެ. އެހެންކަމުން ގިނައިން ފެން ބޯން އާދަކޮށް މޭވާ އާއި ތަރުކާރީވީހާވެސް ގިނައިން ކެއުމާއި "ޖަންކް ފުޑް" ކެއުން މަދު ކުރަންޖެހެއެވެ.