އެންމެ އަގުބޮޑު އެއް ކުންފުނި، އެޕަލްގެ ޑިޒައިނަރ އެ ކުންފުނި ދޫކޮށްލަން ނިންމައިފިވއެވެ.

ޓެކް ދުނިޔޭގައި އެއްވަނަ މަގާމުގައި ގިނަ ދުވަސްތަކެއްވަންދެން ރަސްކަން ކުރި އެޕަލްގެ ޑިޒައިނަރު ޖޮނީ އައިވް 30 އަހަރަށްފަހު ކުންފުނި ދޫކޮށްލަން ނިންމީ އަމިއްލަ ޑިޒައިން ފާމެއްގެ މަސައްކަތް ކުރުމަށެވެ.

ޓެކް ދުނިޔޭގެ އެންމެ ނުފޫޒުގަދަ އުފެއްދުންތަކުގެ ޑިޒައިނަރު އެޕަލް ދޫކޮށްލާނީ މިއަހަރުގެ ފަހުކޮޅުއެވެ. 1996 އިން ފެށިގެން އެޕަލްގެ ޑިޒައިން ޓީމު މެނޭޖުކުރާ އައިވްއަކީ ސްމާޓްފޯނުގެ ރަސްގެފާނު، އެޕަލް އައިފޯނުގެ ޑިޒައިނަރުވެސްމެއެވެ. އައިވް، އެޕަލް ދޫކޮށްލި ނަމަވެސް އެޕަލްގެ އުފެއްދުންތައް ޑިޒައިން ކުރުމުގެ މަސައްކަތް އޭނާ ކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެގޮތުން އައިވްގެ އަމިއްލަ ކުންފުނީގެ އެކްސްްކްލޫސިވް ކްލައިޔެންޓެއްގެ ގޮތުގައި އެޕަލް އަބަދުވެސް އޮންނާނެ ކަމަށް އޭނާ ބުންޏެވެ. އެޕަލްގެ ސީއީއޯ ޓިމް ކުކް ބުނީ އެތައް އަހަރަކަށްފަހު އައިވް ކުންފުނި ދޫކޮށްލި ނަމަވެސް ގުޅުން އޮންނާނެ ކަމަށާއި އެކުގައި މަސައްކަތް ކުރުން މަތީ ދެމި ތިބޭނެ ކަމަށެވެ.

އައިޕެޓް، އައިޕޮޑް، އެޕަލް ވޮޗް، މެކް އަދި އައިފޯނުތަކުގެ ޑިޒައިން ކޮށްފައިވާ އައިވް އަކީ އެޕަލް ރީޓެއިލް ފިހާރަތަކުގެ ޑިޒައިންތައް ކުރި ފަރާތްވެސްމެއެވެ. އައިވް އަކީ އެޕަލްގެ ކޯ ފައުންޑަރު ސްޓީވް ޖޮބްސްގެ ވަރަށް ގާތް މީހެކެވެ. ދެމީހުން އެކުގައި 1998 ގައި އައިމެކް ލޯންޗުކުރިއެވެ.