އެތުލެޓިކޯ މެޑްރިޑްގެ ފްރާންސް ތަރި، އެންޓޮއިން ގްރީޒްމަން އާއި ބާސެލޯނާއާ ދެމެދު ޓްރާންސްފަރ މަޝްވަރާތަކެއް ކުރެވިފައި ވަނީ، އެތުލެޓިކޯއަށް "ވަގަށް" ސިއްރުންކަމަށް ބުނެ އެކަމަށް ވަރަށް ބޮޑަށް އެ ކްލަބުން ފާޑުކިޔައިފިއެވެ.

އެތުލެޓިކޯއިން ތުހުމަތުކޮށްފައިވާ ގޮތުން، ބާސާއިން ވަނީ، މިދިޔަ މާޗު މަހުގެ ތެރޭގައި ގްރީޒްމަންއާއެކު އެއްބަސްވުމަކަށް އައިސްފައެވެ. އަދި އެކަންކޮށްފައި ވަނީ، އެންމެ ފަހުގެ ޗެމްޕިއަންސް ލީގުން އެތުލެޓިކޯ ކެޓިތާ މާކަ ގިނަ ދުވަސްތަކެއް ނުވަނީސް ކަމަށާއި، ބާސާގެ މި އަމަލުގެ ސަބަބުން އެކްލަބަށް ދެވިފައިވާ ގަދަރާއި އިހްތިރާމަށްވެސް އަސަރުކޮށްފައިވާ ކަމަށެވެ.

ބާސާއާއެކު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައި ވީ ނަމަވެސް، ގްރީޒްމަންއަށް އެތުލެޓިލޯއިން މިހާރު ވަނީ، ކްރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުޅޭ ޕްރީސީޒަން މެޗުތަކުގައި ބައިވެރިވުމަށް ޓީމާ ގުޅުމަށް އަންގައިފައެވެ.