ޖަޕާނުގެ ސަރަހައްދަކުން ނުވަ ފުއްލާ މަރުވެފައި ތިއްބާ ފެނުނު އިރު، އެސޮރުމެންގެ ބަނޑުގައި ހުރީ ހުސް ޕްލާސްޓިކް ކަމަށް ބުނެފިއެވެ.

ފުއްލާގެ ވެލްފެއާ މަސައްކަތް ކުރާ ގްރޫޕަކުން ބުނީ ޖަޕާނުގެ ޕާކަކުން މިދިޔަ ފަސް މަސް ތެރޭ 14 ފުއްލާ މަރުވި ކަމަށާއި އޭހެ ތެރެއިން ނުވަ ފުއްލާގެ ބަނޑު ފުރިފައި ހުރީ ހުސް ޕްލާސްޓިކް ކޮތަޅު ކަމަށެވެ. އެ ގްރޫޕުން ވަނީ އެތަނުން ފުއްލާއެއްގެ ބަނޑުން ނެގި ތިން ކިލޯގެ ޕްލާސްޓިކް ކޮތަޅުގެ ފޮޓޯވެސް އާންމުކޮށްފައެވެ.

ނަރާ ޑިއާ ޕްރެވެންޝަން ފައުންޑޭޝަނުގެ ސެކްރެޓަރީ ޖެނެރަލް ޔޮޝީޓަކާ އަޝިމުރާ ވިދާޅުވީ އެ ފުއްލާތައް މަރުވީ ޕްލާސްޓިކް ކެއުމުގެ ސަބަބުން ހަޖަމު ކުރުމުގެ ނިޒާމަށް މައްސަލަތައް ދިމާވެގެން ކަމަށެވެ. ޖަޕާނުގެ ނަރާ ޕާކުގައި 1000 އަށް ވުރެ ގިނަ ފުއްލާ އުޅޭއިރު، އެއީ އެގައުމުގެ ނޭޝަނަލް ޓްރެޒާ އެއްގެ ގޮތުގައި ބަލައެވެ. އެ ޕާކަށް ދާ މީހުން ފުއްލާއަށް ކާންދޭން ބޭނުންނަމަ، ކާންދެވޭނީ ވަކި ހާއްސަ ރައިސް ކްރެކާއެކެވެ.

ފުއްލާގެ ހިމާޔަތުގައި މަސައްކަތް ކުރާ ގުރޫޕުން ވަނީ ޕާކަށް ދާ ފަތުރުވެރިންނާއި ޒިޔާރަތް ކުރާ ފަރާތްތަކުން ފުއްލާއަށް ކާންދޭ ކްރެކާގެ ހުސް ޕެކެޓުތައް ޕާކު ތެރެއަށް އުކާފައި ނުބެހެއްޓުމަށް އިލްތިމާސް ކޮށްފައެވެ. އެއީ ވަސް ދުވައިގެން ފުއްލާ ގޮސް އެ ކެޕެޓުތައް ކާތީއެވެ. ގިނަ ފުއްލާތަކެއް މަރުވުމުން އެ ޕާކު ސާފުކުރުމަށް ވަނީ ޕްރޮގްރާމެއް ފަށައިފައެވެ.