ދުނިޔޭގެ އާބާދީގައި ފަސް ބިލިއަން ހަމަވީ އެތައް ހާސް އަހަރަކުންނެވެ. އެއީ 1989 ވަނަ އަހަރުގެ ތެރޭގައެވެ. އޭގެ 32 އަހަރު ފަހުން ދުނިޔޭގެ އާބާދީގައި އަށް ބިލިއަން ހަމަވުމާ ގާތްވެއްޖެއެވެ.

ކޮންމެ އަހަރެއްގެވެސް ޖުލައިމަހުގެ 11 ވަނަ ދުވަސް އދ.އިން ފާހަގަ ކުރަނީ ދުނިޔޭގެ އާބާދީ ދުވަހުގެ ގޮތުގައެވެ. މި ދުވަސް ފާހަގަ ކުރަންފެށީ އާބާދީ އިތުރުވުމުގެ ސަބަބުން ދުނިޔެއަށް ކުރިމަތިވާ އެކި މައްސަލަތަކާމެދު ހޭލުންތެރި ކުރުމަށެވެ. އދ ގެ ތަފާސްހިސާބުތަކަށް ބަލާއިރު މިހާރު ދުނިޔޭގެ އާބާދީ އަކީ 7.7 ބިލިއަނެވެ. މިހާރު އާބާދީ އިތުރުވަމަުންދާ ނިސްބަތަށް ބަލާއިރު 2050 އަންނައިރު ދުނިޔޭގެއާބާދީއަށް އިތުރު ދެ ބިލިއަން މީހުން އިތުރުވާނެ ކަމަށް އދ އިން ލަފާކުރެއެވެ.

އޯވާ ޕޮޕިއުލޭޝަނުގެ ސަބަބުން އިޖުތިމާއީ، އިގްތިޞާދީ އަދި ތިމާވެށީގެ އެތައް މައްސަލައެއް މިހާރުވެސް އެބަ ކުރިމަތިވެއެވެ. އާބާދީ އިތުރުވަމުންދާ ސްޕީޑަށް ބަލާއިރު، ކުރިއަށްއޮތްތަަނުގައި ދުނިޔެއަށް ކުރިމަތިވާނެ ބޮޑެތި މައްސަލަތައް އަންދާޒާކޮށްލަންވެސް ނޭނގެއެވެ.

އދގެ ތަފާސްހިސާބުތަކަށް ބަލާއިރު ފާއިތުވި ނުވަ ވަރަކަށް އަހަރު ތެރޭ އާބާދީ އިތުރުވާ މިންވަރު ދަށްވީ ދުނިޔޭގެ 27 ގައުމުގައި ނުވަތަ ސަރަހައްދުގައެވެ. އޭގެ ތެރޭގައި ޖަޕާން އަދި ޗައިނާ ހިމެނޭއިރު މިއީ އާއިލާ ރޭވުމުގައި ހޭލުންތެރި ކުރުވުމުގެ ސަބަބުން ދަށްވި ދަށްވުމެއް ކަމަށް އދ އިން ފާހަގަ ކުރެއެވެ. ނަމަވެސް މި ސަރަހައްދުތަކުގައި އާބާދީ އިތުރުވުން މަދުވީ އެންމެ ޕަސެންޓެކެވެ. އދ އިން ލަފާކުރާގޮތުގައި ބައެއް ސަރަހައްދުތަކުގައި ފާޓިލިޓީ ރޭޓް ދަށްވިނަމަވެސް އަނެއްބައި ހިސާބުތަކުގައި އާބާދީ ޑަބަލް ވުމަށް ނަގާނީ މަދު އަހަރުތަކެކެވެ. އޭގެ ތެރޭގައި ސަބް ސަހާރަން އެފްރިކާގެ ގައުމުތައް ހިމެނެއެވެ. 2050 އަންނައިރު އެ ސަރަހައްދުގެ އާބާދީ ޑަބަލް ވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު 2050 އަންނައިރު ދުނިޔޭގެ އާބާދީގެ ބޮޑުބަޔެއް ހިއްސާކުރާނީ އިންޑިއާ، ނައިޖީރިއާ، ޕާކިސްތާން، ކޮންގޯ، އިތިއޯޕިއާ، އެމެރިކާ އަދި ޓެންޒޭނިއާ، އިންޑޮނޭޝިއާގެ އިތުރުން މިސްރެވެ.

އާބާދީ އިތުރުވާ ރޭޓް މައްޗަށް ޖެހިފައިވާއިރު ލައިފް އެކްސްޕެކްޓެންސީ ރޭޓް ވަނީ ދަށްވެފައެވެ. މީގެ އަހަރުތަކެއް ކުރިން އެވްރެޖް ލައިފް އެކްސްޕެކްޓެންސީ އަކީ 77.1 އަހަރު ނަމަވެސް މި އަދަދު މިހާރު ވަނީ 72.6 އަހަރަށް ދަށްވެފައެވެ. ހާއްސަކޮށް ފަގީރު ގައުމުތަކުގައި މީހުން މަރުވާ އުމުރު ހަގެވެ. ސަބަބަކީ އެ ގައުމުތަކުގައި ލިބެންހުންނަ ސިއްހީ ހިދުމަތްތައް މަދުވެފައި ފެންވަރު ދަށްވުމާއި ދިރިއުޅުމުގެ ވައްޓަފާޅިިއެވެ.

އދގެ ތަފާސްހިސާބުތައް ދައްކާގޮތުން 2050 އަންނައިރު ދުނިޔޭގެ އާބާދީގެ ބޮޑު ބަޔަކީ 65 އަހަރުން މަތީގެ މީހުންނަށް ވާނެއެވެ. ކޮންމެ އަހަރަކުވެސް އެވްރެޖުކޮށް އާބާދީއަށް 85 މިލިއަން މީހުން އިތުރުވާކަމަށްވެސް އެ އިދާރާ އިން ބުނެއެވެ.