ދުނިޔޭގެ އެންމެ ވަރުގަދަ ޕާސްޕޯޓުތައް އާންމު ކުރި އިރު ލިސްޓުގެ ގަދަ ތިނެއްގައި އޭޝިއާގެ ތިން ގައުމެއްގެ ޕާސްޕޯޓު ހިމެނިއްޖެއެވެ.

މި ލިސްޓުގެ އެއްވަނަ ލިބެނީ ޖަޕާން އަދި ސިންގަޕޫރަށެވެ. އެ ދެގައުމުގެ ޕާސްޕޯޓުގައި ވިސާއާއި ނުލައި 189 ގައުމަށް އެތެރެ ވެވެއެވެ. ދެވަނައިގައި ހިމެނެނީ ދެކުނު ކޮރެއާ އާއި ފިންލޭންޑްގެ އިތުރުން ޖަރުމަނު ޕާސްޕޯޓެވެ. އެ ގައުމުތަކުގެ ޕާސްޕޯޓުގައި 187 ގައުމަށް ވިސާ އާއި ނުލައި އެތެރެވެވޭނެއެވެ.

ލިސްޓުގެ ތިންވަނައިގައި ހިމެނެނީ ޑެންމާކާއި އިޓަލީ އަދި ލަގްޒަންބާގެވެ. އެގައުމުތަކުގެ ޕާސްޕޯޓުގައި 186 ގައުމަށް ވިސާ އާއި ނުލައި ދަތުރު ކުރެވޭއިރު މި ލިސްޓުގައި ދެން ވާދަކުރަނީ ފްރާންސް އާއި ސްވިޑްން އަދި ސްޕެއިންއެވެ. މި ތިންގައުމަށް ހަތަރުވަނަ ލިބެނީ 185 ގައުމަށް ވިސާ އާއި ނުލާ އެތެރެވެވޭތީއެވެ.

ލިސްޓުގެ ދަގަފަހެއްގެ ފަހު ޖާގަ ލިބެނީ އޮސްޓްރިއާ، ނެދަލޭންޑްސް ޕޯޗުގަލް އަދި ސްވިޒަލޭންޑްގެ ޕާސްޕޯޓަށެވެ. އެއީ ވިސާ އާއި ނުލައި 184 ގައުމަށް އެތެރެ ވެވޭތީއެވެ.

އެމެރިކާ އަދި އިނގިރޭސިވިލާތުގެ ޕާސްޕޯޓުގައި ވިސާ އާއި ނުލައި އެރެވެވެނީ 183 ގައުމަށެވެ. 2014 ގައި އިނގިރޭސި އަދި އެމެރިކާ ޕާސްޕޯޓަކީ ދުނިޔޭގެ އެންމެ ވަރުގަދަ ޕާސްޕޯޓުތަކެވެ. ލިސްޓުގެ ހަވަނައިގައި މި ދެގައުމާއެކު ދެން ހިމެނެނީ ބެލްޖިއަމް، ގްރީސް، ކެނެޑާ،އަޔަލޭންޑް އަދި ނޯވޭގެ ޕާސްޕޯޓެވެ.

އެންމެ ބާރުދަށް ނުވަތަ ވިސާ އާއި ނުލައި އެންމެ މަދު ގައުމަކަށް އެތެރެވެވެނީ އަފްގާނިސްތާނު ޕާސްޕޯޓުގައެވެ. އެއީ 25 ގައުމަކަށެވެ. ވޯސްޓް ޕާސްޕޯޓުތަކުގެ ތެރޭގައި އިރާގު (27 ގައުމު)، ސީރިޔާ (29 ގައުމު) އަދި ޕާކިސްތާން (30 ގައުމު) ގެ ޕާސްޕޯޓު ހިމެނެއެވެ.