ކޭތަ ހިފުމަކީ ވަކި ކަމެއް ހިނގަން އުޅޭކަމުގެ އަލާމާތެއް ނޫންކަމަށާއި ކޭތައަކީ ވަކި މީހެއްގެ މަރަށްޓަކައި ނުވަތަ ދިރިހުރުމަށްޓަކައި ހިނގާ ކަމެއްވެސް ނޫން ކަމަށް ހަނދު ކޭތަ ނަމާދުގެ ހުތުބާގައި ބުނެފިއެވެ.

ރޭ ހިފި ހަނދުކޭތަ ރާއްޖެއަށްވެސް ފެނިފައިވާތީ ހަނދުކޭތަ ނަމާދު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިއެވެ.

ހަނދުކޭތަ ނަމާދުގެ ހުތުބާގައި ބުނީ ކޭތަ އަކީ ދުނިޔޭގެ ދަޅައަށް ހެއްލޭ އިންސާނުންނަށް، ދުނިޔެއަކީ ދާއިމީ ގޮވައްޗެއް ނޫންކަމާއި މިދުނިޔެއަށްފަހު އެހެން ދުނިޔެއެއްވާކަން ހަނދާންކޮށްދީ، މަހުޝަރުގެ މަތިން ހަނދާންކޮށްދިނުމަށް ގުދުރަތުން ރާއްވަވާފައިވާ ރޭއްވެވުމެއް ކަމަށެވެ.

ރަސޫލާ صلى الله عليه وسلم ހަދީސްފުޅެއްގެ މާނަ ހުތުބާގައި ބަޔާންކުރިއެވެ.

"ހަމަކަށަވަރުން އިރާއި ހަނދަކީ ﷲގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ދެ ހެއްކެކެވެ. އެއްވެސް މީހެއްގެ މަރަށްޓަކައި ނުވަތަ އެމީހަކު ދިރިހުރުމަށްޓަކައި އެދޭތީ ކޭތަ ނުހިފާނެއެވެ. ތިޔަބައިމީހުންނަށް އެކަން (އެބަހީ ކޭތަހިފާތަން) ފެނިއްޖެނަމަ ކޭތަ ވީއްލައިފުމަށްދާންދެން ތިޔަބައިމީހުން ﷲ އަށް ދުއާކޮށް ނަމާދު ކުރާށެވެ."

މި ހަދީސަކީ ރަސޫލާ صلى الله عليه وسلمގެ ދަރިކަލުން އިބްރާހިމްގެފާނު އަވަހާރަވީ ދުވަހު އިރުކޭތައެއް ހިފުމުން ކޭތަ ނަމާދު ކުރައްވައި އެކަލޭގެފާނު ދެއްވި ހުތުބާގައި ހަދީސްކުރެއްވި ބަސްފުޅެއް ކަމަށް ރޭގެ ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ އިސްލާމްދީނަކީ ކޮންމެ ހިނދެއްގައިވެސް، ކޮންމެ ކަމެއްގައިވެސް ﷲގެ ކުޅަދުންވަންތަކަމުން ރާޢްވަވާފައިވާ ގުދުރަތީ ކަންތައް ގަބޫލުކުރާ ދީން ކަމަށާއި އަސްލެއް ނެތް ފުލޯކު ކަންތައްތަކުން ދުރުހެލިވުމުގެ ދީން ކަމަށެވެ.

އިރުހަނދު އަރައި އޮއްސުމާއި އިރުހަނދުގައި ހިފާ ކޭތައާއި މިފަދަ އެންމެހައި ކަންތައްތަކަކީ ގުދުރަތުގެ ހަމަތަކުގެ މަތިން ހިނގާ ކަންތައް ކަމަށް ހުތުބާގައި ބުންޏެވެ.

ކޭތަ ހިފާ ވަގުތުގައިވެސް ﷲ އަށް ތަގުވާވެރިވުމަށް ހުތުބާގައި ގޮވާލިއެވެ. ދީންވެރިކަމުގައި ހިފާފައިވޭ ކޭތަ އާއި އެޅިފައިވާ ފަރުދާ ހާމަކޮށްދެއްވައި އިސްލާމްދީނުގެ އަލިން ހިތްތައް އަލިކޮށްދެއްވުމަށް ދުއާ ކުރުމަށް ވެސް ހުތުބާގައި ގޮވާލިއެވެ.