މައިންބަފައިންނަށް އިހާނަތިކޮށް ހިތުމަކީ އާހިރަތުގެ އިތުރުން ދުނިޔެމަތީގައިވެސް އެކަމުގެ އުގޫބާތް ލިބޭނެ ކަމެެކެވެ. ނިމިދިޔަ ހަފްތާގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައި ވަނީ، މައިންބަފައިންނަށް ކަމޭހިތުމުގެ މައްޗަށެވެ. އެގޮތުން ދަރިން ބޮޑު ކުރުމަށް މައިންބަފައިން ބޮޑެތި ގުރުބާނީ ތަކެއްވާކަމަށާއި އެކަމުގެ އަގު އަދާކުރުމަށް ދަރިންނަކީ ހެޔޮލަފާ ބަޔަކަށް ވާންޖެހޭނެ ކަމަށް ބުނެފައިވެއެވެ.

އިންސާނީ ނަސްލު ދެމިއޮތުމަށް މާތްﷲ މިންވަރު ކުރައްވާފައިވަނީ މައިންބަފައިން ކަމަށާއި މައިންބަފައިންނަށް ކަމޭހިތުމަކީ އިސްލާމްދީނުގައި މަތީ ދަރަޖައެއް ދެއްވާފައިވާ ކަމެއް ކަމަށް ހުތުބާގައި ބުންޏެވެ. މާތްﷲ އަށް އަޅުކަން ކުރުމަށް އެންގެވުމާ ވިދިގެން ގުރުއާނުގެ އެތައް އާޔަތެއްގައި މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް އަމުރުކުރައްވާފައިވެއެވެ.

މާތްﷲ ސުބްހާނަހޫ ވަތައާލާއަށްފަހު އެކަލާނގެ އަޅުންގެ މައްޗަށް އެންމެ އޯގާވެރިވާނެ ބަޔަކީ މައިންބަފައިންނެވެ. އެއްވެސް އިންސާނަކަށް، އެމީހެއްގެ މައިންބަފައިން ފިޔަވައި ވަކިންބޮޑު ހެޔޮކަމެއް ކޮށްދޭނެ ބަޔަކު ވުޖޫދުގައި ނުވާނެއެވެ. ކުޑައިރުން ފެށިގެން ބަލައި ބޮޑުކޮށް، އެދެމީހުންގެ އަރާމާއި އުފަލަށްވުރެ ދަރިންގެ އުފަލަށް އިސްކަންދިނީ މައިންބަފައިން ކަން ހަނދާންކުރާން ޖެހެއެވެ.

މައިންބަފައިންގެ ތެރެއިން އެންމެ ހައްގުކަން ބޮޑީ މަންމަ ކަމަށާއި ބައްޕައަށްވުރެ މަންމަގެ ހައްގު ތިންގުނަ ބޮޑު ކަމަށް ހުތުބާގައި ބުންޏެވެ. މައިންބަފައިންނެކޭ އެއްފަދައިން ކާފަ އާއި މާމަ އަކީވެސް ކަމޭހިތަންޖެހޭ ބައެއް ކަމަށާއި ފިރިމީހާ ނުވަތަ އަނބިމީހާގެ މައިންބަފައިންނަކީވެސް ހަގީގީ މައިންބަފައިން ކަމުގައި ނުވި ނަމަވެސް އެ މަގާމުގައި ތިބި ބައެއްކަން ދަންނާން ޖެހެއެވެ.

ރަސޫލާ (ސ.ޢ.ވ) ހަދީސް ކުރެއްވި ބަސްފުޅެއްގެ މާނާގައި ވެއެވެ.

"ފާފަތަކުގެ ތެރެއިން އަނިޔާ ކުރުމާއި މައިންބަފައިންނަށް ނުކިޔަމަންތެރިވުމާއި ގާތްތިމާގެ ކަމުގެ ގުޅުން ކަނޑާލުން ފިޔަވައި ފާފަތަކުގެ ޖަޒާ ގިޔާމަތާއި ހަމައަށް މާތްﷲ ފަސްކުރައްވަތެވެ. ނަމަވެސް މިތިންކަމުގެ ޖަޒާ މަރުވުމުގެ ކުރިން ދުނިޔެމަތީގައި ވެސް އެމީހަކަށް އެކަލާނގެ ދެއްވަތެވެ،"

މަންމައެކޭ އެއްފަދައިންވެސް ބައްޕަގެ ހައްގުތަކެއްވެސް ވާކަމަށާއި ބައްޕަ ބުރަ މަސައްކަތްކޮށްގެން ހޯދާ ފައިސާއިން ދަރިންނަށް ކޮށްދެންޖެހޭ ކަންތައް ކޮށްދީ ހަދާކަން ހުތުބާގައި ފާހަގަ ކުރިއެވެ.

މިއަދުގެ މުޖުތަމައިން މައިންބަފައިންނަށް އިހުތިރާމު ނުކުރުމުގެ ހިތާމަވެރި މަންޒަރު ފެންނެއެވެ. މައިންބަފައިން މުސްކުޅިވިމުން އެމީހުންނަށް އަޅާލާ ލޯބިދިނުމުގެ ބަދަލުގައި ގެއިން ބޭރުކޮށްލާ މަންޒަރު ފެންނަލެއް މަދެއް ނޫނެވެ. މައިންބަފައިން މުސްކުޅިވާ ދުވަހު އެމީހުންގެ ކިބައިން ފެންނަ ކަންތަކަށް ކެތްތެރިވާން ޖެހޭނެ ކަމަށް ހުތުބާގައި ފާހަގަކޮށްފައިވެއެވެ.

މައިންބަފައިންނަކީ ޣައިރު މުސްލިމުންނަށް ވީނަމަވެސް، އެމީހުންނަށް އިހުތިރާމު ކުރުމަށް ދީން ބާރުއަޅާ ކަމަށާއި މާތްﷲ އަށް އުރެދޭ ކަމެއް ފިޔަވައި، މައިންބަފައިންގެ އެހެން ހުރިހާ އަމުރަކަށް ދަރިން ކިޔަމަންވާން ޖެހޭނެ ކަމަށްވެސް ހުތުބާގައި ބުންޏެވެ. އިސްލާމްދީނުގައި އަންގަވާފައިވަނީ މައިންބަފައިންގެ ކުރިމަތީ "އުއްފު" ވެސް ނުބުނުމަށެވެ. މައިންބަފައިންގެ ކުރިމަތީ އަދަބު އިހުތިރާމު އަދާކުރުމަށް އެބައިމީހުންގެ ކުރިމަތީ މަޑުމޮޅިވާން ޖެހެއެވެ.

މައިންބަފައިންނެކޭ އެއްވަރަސް ދަރިން ތަރުބިއްޔަތު ކުރުމުގައި ހަރަކާތްތެރިވާ މުދައްރިސުންނަށްވެސް އިހުތިރާމު ކުރަންޖެހޭނެ ކަމަށް ހުތުބާގައި ބުންޏެވެ. މުދައްރިސުންނަށް އިހުތިރާމު ކުރުމަކީ ދަރިވަރުންގެ މައްޗަށް އޮތް އަހުލާގީ ވާޖިބެކެވެ.