މިއަދަކީ ދިވެހިރާއްޖޭގެ އުފާވެރި 54 ވަނަ މިނިވަން ދުވަހެވެ. މި އުފާވެރި މިނިވަން ދުވަހުގެ މުނާސަބަތުގައި، މި ލޮބުވެތި ފަސްގަނޑަށް ނިސްބަތްވާ ދިވެހި އެންމެހާ ލޮބުވެތި އަޚުންނާއި އުޚުތުންނަށް، ދުވަހުގެ ހެޔޮއެދުމާއި ތަޙުނިޔާ އަރިސްކުރަމެވެ.

މިގައުމަށް އުފަން ލޮބުވެތި ފަޚުރުވެރި ދަރީންތަކެއްގެ މިންނެތް މަސައްކަތުން އަހަރެމެންނާ ހަމައަށް ގެނެސްދިން، މިނިވަންދުވަހެއްގެ އުފާވެރިކަން ފާޅުކުރަމުން އަންނައިރު، އެ މިނިވަންކަން، އަންނާން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ވާސިލްކުރުމަކީ އަހަރެމެން ކޮންމެ ދިވެއްސެއްގެވެސް އެންމެ ބޮޑު އެއް ވާޖިބުކަމުގައި ދެކޭން ވާނެއެވެ. އެހެންކަމުން ސިޔާސީ ގޮތުންނާއި އެނޫންވެސް ތަފާތު ގޮތްގޮތުން ގައުމުގައި، އަދި ޚާއްސަކޮށް ލޮބުވެތި ރައްޔިތުންގެ މެދުގައި އުފެދިފައިވާ ދެކޮޅުވެރިވުންތަށް ނައްތާލައި އެންމެން ގައުމާއި މި ލޮބުވެތި ގައުމުގެ ދީނާމެދު ރައްކާތެރިވާން ޖެހެއެވެ.