ރާއްޖޭގައި މުވާސަލާތީ ޚިދުމަތްދޭތާ އެންމެ ގިނަދުވަސްވީ، އަދި އެންމެ ފުޅާ ދާއިރާއެއްގައި މުވާސަލާތީ އަދި ޑިޖިޓަލް ޚިދުމަތް ފޯރުކޮށްދެމުން އަންނަ ކުންފުނި ކަމަށްވާ ދިރާގުން މުވާސަލާތީ ޓެކްނޮލޮޖީގެ ތެރެއިން މޮބައިލް އިންޓަނެޓް ކަނެކްޓިވިޓީގެ އެންމެ ފަހުގެ ޓެކްނޮލޮޖީ ކަމަށްވާ 5ޖީ ރާއްޖެއަށް ތައާރަފު ކޮށްފިއެވެ.

ދިރާގު 5ޖީ ޚިދުމަތް ތައާރަފުކުރެވިގެން ދިޔުމާއެކު ރާއްޖޭގެ އާބަދީ އެންމެ ގިނަ 3 ސަރަޙައްދަކަށް މި ޚިދުމަތް ލިބިގެންދާނެއެވެ.

މިވަގުތު ޚިދުމަތް ލިބޭ ސަރަހައްދުތައް

  1. މާލެ، ވިލިމާލެ، ހުޅުމާލެ އަދި އެއަރޕޯޓްގެ ބައެއް ސަރަހައްދުތައް
  2. އައްޑޫ، ހިތަދޫގެ ބައެއް ސަރަހައްދުތައް
  3. ހދ. ކުޅުދުއްފުށީގެ ބައެއް ސަރަހައްދުތައް

ދިރާގުން ބުނީ، މި ސަރަޙައްދުތަކުގައި 5ޖީ ސަޕޯޓްކުރާ ޑިވައިސް ގެންގުޅުއްވާ ކަސްޓަމަރުންނަށް އެއްވެސް އިތުރު ޑޭޓާ ޗާރޖަކާ ނުލައި އަދި މިހާރު ގެންގުޅުއްވާ ސިމް މެދުވެރިކޮށް މި ޚިދުމަތް ބޭނުންކުރެވޭނެ ކަމަށެވެ.

ދުނިޔޭގައި މިވަގުތު 5ޖީ ސަޕޯޓްކުރާ ޑިވައިސްތައް ވަރަށް މަދެވެ. ދިރާގުން ދަނީ ދުނިޔޭގެ ފޯނު އުފައްދާ ބޮޑު ކުންފުނިތަކާ ގުޅިގެން ރާއްޖޭގެ މާރކެޓަށް އެންމެ ފަހުގެ 5ޖީ ސަޕޯޓްކުރާ ފޯނުތަކާއި ޑިވައިސްތައް ގެނައުމުގެ މަސައްކަތް ކުރަމުން ކަމަށް އެކުންފުނިން ބުނެއެވެ. ރާއްޖޭގައި އެންމެ އަވަހަށް ތައާރަފުކުރެވިގެން ދާނެ 5ޖީ ޑިވައިސް އަކީ މީގެ 2 ދުވަސް ކުރިން މާރކެޓަށް ނެރުނު ހުއާވޭ މޭޓް 20އެކްސް 5ޖީ ފޯނުކަމަށް ދިރާގުން ބުނެއެވެ.

5ޖީ ޚިދުމަތަކީ ކޮބާ

5ޖީގެ ކަނެކްޓިވިޓީ އާދަޔާޚިލާފަށް ހަލުވިވާނެއެވެ. އެގޮތުން މިޚިދުމަތަކީ މިހާރުގެ 4ޖީ ޚިދުމަތުގެ ސްޕީޑަށްވުރެ ދިހަ ގުނަ އަވަސް ޚިދުމަތެކެވެ. މީގެ ސަބަބުން ކަސްޓަމަރުންގެ މޮބައިލް ކަނެކްޓިވިޓީގެ ތަޖުރިބާ މިހާރަށް ވުރެ ފުރިހަމަ ވެ، ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.