ކުރިއަށް އޮތް 2020 ވަނަ އަހަރުގެ މެދުތެރޭގައި މަޝްހޫރު އެޕަލް ކުންފުނިން ނެރުމަށް ތައްޔާރުވަމުންދާ އެޕަލް މެކްބުކްގައި އެންމެ ފަހުގެ ސެލިއުލަރ ނެޓްވޯކް ޓެކްނޮލޮޖީ، 5ޖީ ހިމަނަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޓެކްނޮލޮޖީގެ ޚަބަރުތައް ގެނެސްދޭ 9To5MAC ޕޯޓަލްގައި ރިޕޯޓުކޮށްފައި ވާ ގޮތުން، މުސްތަގުބަލްގައި ނެރުމަށް ތައްޔާރުވަމުން އަންނަ މެކްބުކްގައި 5ޖީ އެންޓަނާ ބޯޑު ތައްޔާރުކުރާނީ މެޓަލްގެ ބަދަލުގައި ސެރަމިކް މެޓީރިއަލް ބޭނުންކޮށްގެންނެވެ. މެޓަލްއާ އަޅައިބަލާއިރު، ސެރަމިކް މެޓީރިއަލްގެ އަގު ހަ ގުނަ ބޮޑުވާނެއެވެ.

އެޕަލްގެ ޚަބަރުތައް ދިރާސާކުރާ އެނަލިސްޓެއް ކަމަށްވާ މިންކިން ކުއޯއާ ހަވާލާދީ ރިޕޯޓުތައް ބުނެފައި ވަނީ، އެޕަލްއިން ދަނީ، 2020ގައި ނެރޭ އައިފޯނުތަކުގައިވެސް 5ޖީ ހިމެނުމަށް ތައްޔާރުވަމުން ކަމަށެވެ.

އަންނަ އަހަރު އެޕަލްއިން، ތިން މޮޑެލެއްގެ އައިޕޯން ނެރުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި، އޭގެތެރޭގައި އެޕަލް 6.7 އިންޗި، 5.4 އިންޗީގައި 5 ޖީ ހިމެނުމަށް ނިންމާފައިވާ އިރު، މެދުމިނުގެ 6.1 އިންޗީގެ ފޯނުގައި 5ޖީ ނުހިމެނޭނޭ ކަމަށާއި މި ފޯނު އަގުވެސް ހެޔޮވާނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.