މިއަދަކީ މިއަހަރުގެ (1440 ވަނަ އަހަރުގެ) ބަރަކާތްތެރި ޙައްޖު ދުވަހެވެ. މިއަހަރުގެ ޙައްޖުގެ މާތް އަޅުކަން އަދާކުރުމަށް، ދުނިޔޭގެ އެކި ކަންކޮޅުތަކުން ސަޢުދީ ޢަރަބިއްޔާއަށް 2 މިލިއަނަށް ވުރެ ގިނަ މީހުން ޖަމާވެފައި ވާއިރު، ސައުދީގެ އެތެރޭން ހައްޖުގައި ބައިވެރިވި މީހުންނާއެކު މިއަހަރު 2.4 މިލިއަނެއްހާ މީހުން މިއަދު ޢަރަފާތު ބިމަށް ޖަމާވެފައިވާ ކަމަށް ސައުދީ ރަސްމީ އިދާރާތަކުން ހާމަކުރެއެވެ.

ޢަރަފާތު ބިމުގައި މިއަދު ޙައްޖު ޚުތުބާ އިއްވަވައިދެއްވީ، ސަޢުދީ ޢަރަބިއްޔާގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ކޮމިޓީގެ މެމްބަރު އަދި ޚާދިމުލްޙަރަމައިނި އައްޝަރީފައިން ކޮމްޕްލެކްސް ފޯރ ޙަދީޘްގެ ރައީސް އައްޝައިޚް މުޙައްމަދު ބިން ޙަސަން އާލް އައްޝައިޚެވެ. މީސްތަކުންގެ މެދުގައި ދުނިޔަވީ ކަންތައްތަކާއި، ޢާއިލީ ގުޅުންތަކާއި އަދި ޢިޖްތިމާއީ ގުޅުންތަކުގެ މައްޗަށް ސަމާލުވުމަށް ބާރުއަޅައި ދެއްވި ޚުޠުބާގައި އިމާމް ވަނީ، މީސްތަކުންގެ މެދުގައި އޯގާތެރިވުމަށާއި، އެއްބަޔަކު އަނެއްބަޔަކަށް މާފު ދިނުމުގައި ކުރިހޯދުމަށް އިލްތިމާސްކުރައްވައިފައެވެ.

މީގެ 1400 އަހަރުކުރީން، ކީރި މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم، ޢަރަފާތު ބިމުގައި އިއްވި ޙައްޖަތުލް ވަދާޢު ޚުތުބާގެ ހަނދާންތައް ކޮންމެ އަހަރެއްގެ ޙައްޖު ޚުޠުބާގައި އާކުރެއެވެ. އެގޮތުން، އެ މާތް ނަބިއްޔާވެސް ވަނީ، މުސްލިމުންގެ މެދުގައި އެއްބައިވަންތަކަމާއި ހަމަހަމަކަން ގާއިމުކުރުމަށް ގޮވާލައްވައިފައެވެ.

ޢަރަފާތު ބިމުގައި މިއަދު އިއްވި ޚުތުބަގައި ބުނީ، މުސްލިމުންނަކީ އެއްބަޔަކު އަނެއްބަޔަކަށް އޯގާތެރިވާން ޖެހޭ ބައެއް ކަމަށެވެ. އެގޮތުން، ﷲ ސުބްޙާނަހޫ ވަތަޢާލާގެ ރަޙްމަތާއި އޯގާތެރިކަމަށް އެދޭނަމަ، މި ފަނާވަނިވި ދުނިޔޭގެ އެދުންތަކަށްވުރެ، އަހަރެމެންގެ މަތިވެރި އިސްލާމް ދީނުގައި އަންގަވާފައިވާ ކަންތައްތަކަށް ރައްކާތެރިވެ، އެއްބަޔަކު އަނެއް ބަޔަކަށް މައާފުކޮށް، މުއުމިނުންގެ ގޮތުގައި ދުނިޔެ ދޫކުރުމަށް އެއްބަޔަކު އަނެއްބަޔަކަށް ހެޔޮ ނަސޭޙަތްދީ، ޞަދަގާތްކުރުމާއި ތަޤުވާގެ މަގުގައި ކުރިއެރުމަށް އެކަކު އަނެކަކަށް ބާރުއެޅުމަށް ޚުޠުބާގައި ގޮވައިލިއެވެ.

މީގެ އިތުރުން، ޚުޠުބާގައި ބުނީ، މައިންބަފައިންނަށް ހެޔޮކޮށް ހިތައި، ތިމާމެން އެންމެ ޅަޢުމުރުއްސުރެ ބަލައި ބޮޑުކުރުމުގައި އެބައިމީހުން ރައްކައުތެރިވީގޮތަށް، ތިޔަބައިމީހުންވެސް އެބައިމީހުންގެ މައްޗަށް އޯގާތެރިވެ، މައިންބަފައިންނަށް ރަޙްމަތްލައްވައި އޯގާތެރިވެވޮޑިގަތުން އެދި މާތްﷲގެ ޙަޟްރަތުގައި ތާއަބަދު ދުޢާ ކުރާން ޖެހޭ ކަމަށެވެ. ދެމަފިރީންގެ މެދުގައާއި، ދަރީންނާއި، ތިމާގެ މީހުންނާއި، ރަހްމަތްތެރީންނަށްވެސް އޯގާތެރިވުމަށް ޚުތުބާގައި ވަސިއްޔަތްކުރިއެވެ.

ހަމަ އެހެންމެ، ފާފަތައް ކިތަންމެ ގިނަވި ނަމަވެސް، މާޔޫސް ނުވެ ތައުބާގެ މަގަށް ރުޖޫޢަވުމަށް ޚުޠުބާގައި ގޮވައިލިއެވެ. އެހެނީ، ފާފަތައް ކިތަންމެ ގިނަވިނަމަވެސް، މާތްﷲ ތައުބާގެ ދޮރުތައް ހުޅުވައި ދެއްވާ ކަމަށާއި، އެކަލާނގެއީ ގިނަގިނައިން ފާފަ ފުއްސަވާދެއްވާ ރަސްކަލާނގެ ކަމަށް ރަސޫލާ صلى الله عليه وسلمގެ ޙަދީޘަކާ ހަވާލާދީ ޚުޠުބާގައި ބުންޏެވެ. މީގެ އިތުރުން، "ތިމަން ރަސްކަލާނގެ ރަޙްމަތުން މާޔޫސްވެގެން ދާނީ މަގުފުރެދިގެންވާ މީހުން" ކަމަށް މާތްﷲ ވަޙީކުރައްވާފައި ވާ ކަމަށާއި، އެހެންކަމުން ﷲގެ ޙަޟުރަތުގައި ގިނަގިނައިން ދުޢާކުރުމުން އެކަލާނގެ ރަޙްމަތް ލައްވަވާނޭކަމަށް ޚުޠުބާގައި ބުންޏެވެ.

މިއަހަރު ރާއްޖޭންވެސް ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް، 2000 މީހުން މައްކާއަށް ގޮސްފައިވެއެވެ.

ޢަރަފާތު ދުވަހުގެ ހެޔޮ ދުޢާއާއި، އުފާވެރި އަޟްޙާ ޢީދުގެ ތަޙްނިޔާ، އެންމެހާ މުސްލިމް އަޚުންނާއި އުޚުތުންނަށް 247ގެ ފަރާތުން އަރިސްކުރަމެވެ.