ދިވެހީން ދިވެހީންގެ ގޮތުގައި މިއަދާހަމައަށް ގެނެސްދިން އެއްޗަކީ ކޮބައިހެއްޔެވެ؟ ޝައްކެއްވެސް ނެތެވެ. އެއީ އެބައިމީހުންގެ ދީނެވެ. އެމީހުންގެ ދެގޮތެއް ނުވާ ޢަގީދާއެވެ. އެމީހުންނަކީ އަބަދުވެސް އެއް ކަމެއް ހިމާޔަތްކުރުމުގައި ވަރަށް އެއްބައިވަންތަ ބައެކެވެ. އެއީ، އެބައިމީހުންގެ ދީން ހިމާޔަތްކުރުމެވެ. އެއީ މާތްވެގެންވާ އިސްލާމް ދީނެވެ. މާތްﷲ އަހަރެމެންގެ މަޗަށް ފޮނުއްވި ހަމައެކަނި ދީން ހިމާޔަތްކުރުމެވެ. އެހެނީ މިގައުމަކީ ހަމައެކަނި މުސްލިމުންގެ ގައުމެކެވެ.

މިގައުމުގެ ރައްޔިތުން ގަބޫލުކުރާ ގޮތުގައި ފުރިހަމަ މިނިވަން ދައުލަތެއްގެ ގޮތުގައި މިއަދާހަމައަށް ވެސް މިގައުމު ދެމިއޮތީ، އިސްލާމްދީނުގެ މަތިވެރި ހިޔަލުގައި، އިތުރު ފިކުރުތަކަކާއި ގަބޫލުކުރުންތަކެއް ނެތި އެއްބައެއްގެ ގޮތުގައި އުޅުނަތީއެވެ. ނަމަވެސް މިއަދު މިގައުމުގައި އެހެނިހެން ފިކުރުތައް ކުރިއަރުވާން ތަފާތު ސިފަސިފައިގައި މަސައްކަތްކުރެވެމުން ދާކަމީ ދިވެހީން ދިސާރި ހޭލައިތިބެ، ސަމާލުވާން ޖެހޭ ކަމެކެވެ. ރާއްޖޭގައި ދީނީ ކަންކަން ހިމާޔަތްކުރުމުގެ ޒިންމާ ކޮނޑުގައި އަޅައިގެން ތިބި އެންމެ އިސް ފަރާތްތަކުންވެސް މިވަނީ، މިކަން ދިވެހީންގެ ސަމާލުކަމަށް އަނެއްކާވެސް ގެނެސްދީފައެވެ. އަދި މިކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

ބުނަމުން މިދަނީ ބަރަކާތްތެރި އަޟްޙާ ޢީދުގެ އުފާވެރި ދުވަސްތަކެވެ. މިފަހަރުގެ ޢީދުނަމާދުގެ ޢީދު ޚުޠުބާގައި ވަނީ އިސްލާމް ދީނުގެ ޢަދުއްވުންނާ މެދު ސަމާލުވެ ރައްކާތެރިވުމަށް ގޮވާލައިފައެވެ.

މުޅި ރާއްޖޭގައި އިއްޔެ އިއްވި ޢީދު ޚުޠުބާގައި ބުނީ، މިފަހަކަށްއައިސް އިސްލާމްދީނަށާއި ކީރިތި ޤުރުއާނަށާއި ކީރިތި މާތްރަސޫލާ صلى الله عليه وسلمއަށް ފުރައްސާކޮށް ބައެއްމީހުން ހިންގާ ޢަމަލުތަކުގެ މަންޒަރުތައް ފެންނަމުންދާކަމަށެވެ. އިސްލާމީ ޤައުމުތަކުގެ އިންތަކުގެ ޙުރުމަތް ކަނޑަމުންދާކަމަށެވެ. މުސްލިމުންގެ މުޤައްދަސް ތަންތަނަށް އަރައިގަނެ އެތަންތަން ފޭރިގަންނަމުންދާކަމަށެވެ. އަދި މުސްލިމް ޢިލްމުވެރީންގެ ޤަދަރު ވައްޓައިލަމުންދާ ކަމަށެވެ.

މީގެ އިތުރުން، މިފަދަ ފަރާތްތަކުން ކުރަމުން އަންނަ އެންމެ ނުރައްކާތެރި އެއްކަމަކީ އިސްލާމީ ޔުނިވަރސިޓީތަކާއި އިސްލާމީ މަތީ ތަޢުލީމުދޭ މަރުކަޒުތަކުގެ މަންހަޖުތައް ބަދަލުކުރުމަށް އެކިކަހަލަ ފިއްތުންތައް ކުރިމަތި ކުރުންކަން ޢީދު ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން، މިއަދު އަހަރެމެން ބޭނުންވަނީ، އިސްލާމް ދީނާއި، އަހަރެމެންގެ މިނިވަންކަން ހިމާޔަތްކުރާން ކެރޭފަދަ ދަރީންތަކެއް ކަން ޚުޠުބާގައި ފާހަގަކޮށްފައި ވެއެވެ. އެގޮތުން، ތިމާމެންނަށް ލިބިފައިވާ ވަގުތުންނާއި މުދަލުންނާއި އުފައްދާ އެކިއެކި އީޖާދުތަކުން އިސްލާމްދީނަށްޓަކައި ޤުރުބާންވާން ކެރޭ މީހުންނަށް އަހަރެމެން ވާންޖެހޭކަމަށް ގޮވާލާފައިވެއެވެ.

އަދި ޚާއްސަކޮށް އިސްލާމްދީނުގެ ބުރުސޫރަ ހުތުރުކުރުވާ، އަދި އެފަދަ ވާހަތައް ދައްކައި، އެފަދަ ކަންކަން މިގައުމުގައި ފަތުރައި ރައްޔިތުންގެ ހިތްތަކަށް އެކަންކަން ވައްދާން މަސައްކަތްކުރާ މީހުންނަށް ނޫނެކޭ ބުނަން ކެރޭވަރުގެ މުސްލިމް ދަރީންތަކަކަށް އަހަރެމެން ބޭނުންވެފައިވާކަމަށްވެސް ޚުތުބާގައިވެއެވެ.

" އިސްލާމީ ޔުނިވަސިޓީތަކާއި މަތީ ތަޢުލީމުދޭ މަރުކަޒުތަކުގެ މަންހަޖުތައް ބަދަލުކުރުމަށް ފިއްތުންތައް ކުރިމަތި ކުރުވަމުން. އިސްލާމް ދީން މި ވަނީ އެ ދީނުގެ ވަޠަނުގައި ބީރަށްޓެހި ކޮށްފަ." ޢީދު ޚުޠުބާގައިވެއެވެ.

ދިވެހި ލޮބުވެތި ދަރީންނޭވެ. ހޭއަރާށެވެ. އަދި ހޭލައްވާށެވެ. އިސްލާމް ދީނާ ދެކޮޅަށް ހިންގޭ ކިތަންމެ ކުޑަ ނަމަވެސް ކަމެއް ފާހަގަކުރެވިއްޖެ ނަމަ އެކަމަށް ނޫނެކޭ ބުނާށެވެ. އެހެނީ، އެފަދަ ނުބައި ނޭއްގާނީ ޖަރީމާތައް ހިންގާ ފަރާތްތަކުން ފުރަތަމަ ކުރާ ކަމަކީ މީސްތަކުންގެ ހިތްތަކުން ޖާގަ ހޯދުމެވެ. އަދި އެއަށްފަހު މީސްތަކުންގެ މެދުގައި ފިތުނަ ފަސާދައާއި ނަފުރަތު އުފެއްދުމެވެ. އަދި ދީނީ ޢިލްމުވެރީންގެ ޢަބުރާއި އިއްޒަތް ކަތިލުމެވެ. އެކަންކަން ކާމިޔާބުކުރެވިއްޖެ ނަމަ، ދެން އެއަށްފަހު އެބައިމީހުންގެ ދެންހުރި ކަންކަމަށް މަޑުމަޑުން އެނބުރެނީއެވެ.

ޢީދު ޚުޠުބާގައި ބުނީ، މިއަދު އަހަރެމެންގެ ލޮބުވެތި ދީނާއި ގައުމު ސަލާމަތްކުރާން އެދޭނަމަ، ސަލާމްލެއްވި އިބްރާހީމް ޢަލައިހިއްސަލާމްގެ ޙަޔާތްޕުޅުން މިއަދު މުސްލިމު އުމްމަތް ޢިބްރަތް ޙާސިލްކުރާން ޖެހޭ ކަމަށެވެ. އެކަލޭގެފާނުގެ މުސްކުޅިފުޅު ޢުމުރުގައި ލިބިވަޑައިގެންނެވި ދަރިކަލުން އިސްމާޢީލް ޢަލައިހިއްސަލާމް، މާތްﷲއަށްޓަކައި ޤުރުބާން ކުރެއްވުމަށް އަމުރުކުރެއްވި ޙާދިސާއާއި، މި ވަރުގަދަ އިމްތިޙާނުން އެކަލޭގެފާނު ފާސްވެވަޑައިގަތް ގޮތާއި އެކަމުން ނުކުތް ނަތީޖާގެމައްޗަށް ޚުޠުބާގައިވަނީ އަލިއަޅުވާލާފައިވެއެވެ.

އިސްމާޢީލް ޢަލައިހިއްސަލާމް މާތްﷲއަށްޓަކައި އެކަލޭގެ ފާނުގެ ބައްޕާފުޅަށް ކިޔަމަންވެ ވަޑައިގެންނެވި ގޮތަކީ މިއަދުގެ ޒުވާނުންނަށް ލިބޭ ވަރުގަދަ ފިލާވަޅެއްކަން ޚުޠުބާގައިވެއެވެ. އަދި މި އަގުހުރި ފިލާވަޅުން އަދުގެ ޒުވާނުންގެ ޙަޔާތް އުޖާލާކޮށް އެކަމުން ޢިބްރަތް ޙާސިލްކުރުމަށް ޚުޠުބާގައި ގޮވާލާފައިވެއެވެ.