އިންޑިއާއާއި ޕާކިސްތާނާ ދެމެދު އޮންނަ ކަޝްމީރަކީ، އިނގިރޭސީންގެ އަޅުވެތިކަމުން އިންޑިއާއާއި ޕާކިސްތާނު މިނިވަންކުރި އިރު، ވަކިގޮތެއް ނުނިންމައި އޮތް މުސްލިމް އާބާދީއެކެވެ. އަދި މިހާތަނަށް ކަޝްމީރު ދެބަޔަކަށް ބަހާލައި އިންޑިއާއާއި ޕާކިސްތާނުން ދަނީ އެ ދެބައި ކޮންޓްރޯލްކުރަމުންނެވެ.

ކަޝްމީރު ދެބައިކޮށްލިއިރު އޭގެތެރޭން އިންޑިއާގެ ބާރުގެ ދަށުގައި އޮތް ފަޅިއަށް ކިޔަނީ ޖައްމޫ އެންޑް ކަޝްމީރެވެ. އަދި ޕާކިސްތާނުގެ ބާރުގެ ދަށުގައިވާ ފަޅިއަށް ކިޔަނީ އާޒާދު ކަޝްމީރެވެ. މީގެ ތެރޭން ޖައްމޫ އެންޑް ކަޝްމީރަށް، އިންޑިއާގެ ގާނޫނު އަސާސީން ދީފައިވާ، ބާރުތައް ހިމެނޭ "370 ވަނަ މާއްދާ" އުވާލުމަށް އިންޑިއާއިން ނިންމި ނިންމުމާ ގުޅިގެން އެ ސަރަހައްދުގައި ވަނީ، ވަރަށް ބޮޑަށް މަޝްރަހް ގޯސްވެ ހަނގުރާމައެއް ފެށިދާނެކަމުގެ ބިރުވެސް ހީވެފައެވެ.

ޖައްމޫ ކަޝްމީރަށް އިންޑިއާގެ ގާނޫނު އަސީން ލިބިދީފައިވާ ޚާއްސަ އިމްތިޔާޒުތަކުގެ ތެރޭގައި، އިންޑިއާގެ އެހެން ސްޓޭޓްތަކުގެ ރައްޔިތުންނަށް ކަޝްމީރުން ބިން މިލްކު ނުކުރެވުމާއި، އެ ސްޓޭޓްގެ ރައްވެހިކަން ނުލިބުމާއި، އަދި އެ ސްޓޭޓުގެ ސަރުކާރުގެ ވަޒީފާތަކުގެ އިތުރުން، ސަރުކާރުން ލިއްބައިދޭ ތައުލީމީ ފުރުސަތުތަކަށް ކުރިމަތި ނުލެވުންވެސް ހިމެނެއެވެ. އަދި ހަމަ އެހެންމެ ޖައްމޫ ކަޝްމީރަށް ވަކި ޤާނޫނުއަސާސީއަކާއި ވަކި ދިދައަކާއި ގައުމީ ސަލާމެއް އޮތުމުގެ އިހްތިޔާރުވެސް އިންޑިއާގެ ގާނޫނުއަސާސީން މީގެ ކުރީން ވަނީ ލިއްބައިދީފައެވެ.

ނަމަވެސް އިންޑިއާގައި މިހާރު ވެރިކަންކުރާ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބީޖޭޕީން ދެކޭ ގޮތުގައި، ކަޝްމީރުވެސް ވާން ޖެހޭނީ އިންޑިއާގެ އެހެން ސްޓޭޓްތައް ފަދައިން، އިންޑިއާގެ މައިސަރުކާރުގެ ފުރިހަމަ ބާރު ހިނގާ ތަނަކަށެވެ. އެގޮތުން، މިހާރު ވަނީ، ޖައްމޫ އެންޑް ކަޝްމީރުގެ ނަމުގައި ކުރީން އޮތް ސްޓޭޓް އުވާލައި، އެ ސްޓޭޓް ދެ ޔޫނިއަން ޓެރިޓަރީއަށް ބައިކުރުމަށް ނިންމައި، ގާނޫނުހަދާ މަޖިލީހަށް ގަރާރެއް ހުށަހަޅައިފައެވެ. އެއީ "ޖައްމޫ އެންޑް ކަޝްމީރު"ގެ އިތުން "ލަޑާކް" ޓެރިޓަރީއެވެ.

އިންޑިއާގެ މި ނިންމުމާއެކު ކަޝްމީރުގެ މަޝްރަހް ހޫނުވެ، ބޮޑު ހަނގުރާމައަކަށް ބަދަލުވުމުގެ ބިރު މިހާރު ވަނީ ހީވެފައެވެ. ކަޝްމީރަކީ އިންޑިއާގައި އޮތް ހަމައެކަނި މުސްލިމް އަޣްލަބިއްޔަތު އޮންނަ ސްޓޭޓެވެ. ކަޝްމީރީންނާއި އެހެނިހެން މުސްލިމުންވެސް ދެކޭގޮތުގައި، އިންޑިއާގެ މި ނިންމުމަކީ ކަޝްމީރުގައި އޮތް މުސްލިމް އަޣުލަބިއްޔަތު ނަގައިލުމެވެ. ނަމަވެސް މިކަމަށް ފުރުސަތު ނުދޭނޭ ކަމަށް ކަޝްމީރުގެ ވެރީންނާއި ރައްޔިތުންދަނީ، ބުނަމުންނެވެ. އަދި ޕާކިސްތާނުންވެސް ވަނީ، ކަޝްމީރީންގެ ވިންދާ އެއްގޮތަށް މަސައްކަތްކުރާނޭކަމަށް ބުނެފައެވެ.

އިންޑިއާގެ މި ޢަމަލުތަކާ ގުޅިގެން ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވެފައި ވަނީ، އިންޑިއާގެ މި ނިންމުމަކީ އެ ދެގައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކުގެ އިތުރުން، އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރުތަކާވެސް ސީދާ ޚިލާފު ކަމެއް ކަމަށެވެ.

މީގެ އިތުރުން ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޝާހު މަޙްމޫދު ޤުރައިޝީ ހޯމަދުވަހު މުޒައްފަރުއާބާދުގައި ދެއްވި ޕްރެސްކޮންފަރެންސެއްގައި ވިދާޅުވީ، ކަޝްމީރުގެ މިނިވަންކަމަށް ކުރަމުން ގެންދާ މަސައްކަތަށް ޕާކިސްތާނުގެ ފުރިހަމަ އެއްބާރުލުން ލިބޭނޭ ކަމަށެވެ. އަދި ކަޝްމީރާ މެދު އިންޑިއާއިން ހިންގަމުންދާ ޖަރީމާތަކަކީ އެ ގައުމުގެ ސިޔާސީ އަދި ދާޚިލީ ނިންމުންތަކަކަށްވުރެ ބޮޑަށް ބައިނަލްއަގްވާމީ މަސްރަހާ ގުޅިފައިވާ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. އަދި ޗައިނާގެ ފުރިހަމަ އެއްބާރުލުމާއެކު ޕާކިސްތާނުން ކަޝްމީރުގެ މައްސަލަ އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށްވެސް ޤުރައިޝީ ވިދާޅުވިއެވެ.

އިންޑިއާއާއި ޕާކިސްތާނުގެ އިތުރުން، މި ދެގައުމުގވެ އަވައްޓެރި ޗައިނާއަކީވެސް ކަޝްމީރުގެ ބޯޑަރު ހިއްސާކުރާ ގައުމެކެވެ. އަދި ކަޝްމީރުގެ މައްސަލައިގައި ޗައިނާއިން ވަނީ، އިންޑިއާއާއި ޕާކިސްތާނުންވެސް ދޫދިނުމަށް ގޮވާލައިފައެވެ. އަދި އަމިއްލަ މަސްލަހަތަށްވުރެ ބޮޑަށް ސަރަހައްދީ މަސްލަހަތު އިސްކުރުމަށް ޗައިނާއިން ވަނީ ގޮވާލައިފައެވެ.