އިންޑިއާގައި މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ހަމައެކަނި ސްޓޭޓް ކަމަށްވާ، ޖައްމޫ އެންޑް ކަޝްމީރަށް، އިންޑިއާގެ ގާނޫނު އަސާސީން ލިބިދީފައިވާ ޚާއްސަ އިމްތިޔާޒުތައް އުވާލާފައި މި ދަނޑިވަޅުގައި އިންޑިއާއިން ވަނީ އެ ސަރަހައްދުގެ މުވާސަލާތީ ޚިދުމަތްތައްވެސް މެދުކަނޑާލައިފައެވެ.

އިންޑިއާއިން ބުނެފައި ވަނީ، ކަޝްމީރުގެ މުސްލިމުންނަށް ބަރަކާތްތެރި އަޟްޙާ ޢީދުގެ އުފާފާޅުކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން، އެ ސަރަހައްދުގައި އަޅާފައިވާ ސަލާމަތީ ފިޔަވަޅުތަކާއި ފިއްތުންތައް ލުއިކުރާނޭ ކަމަށް ބުނެފައެވެ.

ނަމަވެސް، ކަޝްމީރަށް ޚާއްސަ އިމްތިޔާޒުތަކެއް ލިއްބައިދޭ މައްދާ އިންޑިއާގެ ގާނޫނުއަސާސީން އުނިކުރުމަށް ހޯމަދުވަހު އިންޑިއާއިން ނިންމުމާ ގުޅިގެން އެގައުމުން ވަނީ، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމަށްޓަކައި، ޖައްމޫ ކަޝްމީރު ސަރަހައްދުން އިންޓަރނެޓާއި ޓެލެފޯން ފަދަ މުވާސަލާތީ ޚިދުމަތްތައް މެދުކަނޑާލައި ބޮޑެތި ފިއްތުންތަކެއް ކުރިމަތި ކުރުވައިފައެވެ.

މުވާސަލާތީ ޚިދުމަތްތައް މެދުކަނޑާލުމުން، ކަޝްމީރީންނަށް އެބައިމީހުންގެ އާއިލާތަކާ މުއާމަލާތްކުރުމަށް ދަތިތަކެއް މެދުވެރިވުމުގެ އިތުރުން، އެ ސަރަހައްދުގެ ކަންކަން ދިރާސާކުރާ މީޑިއާގެ ގްރޫޕްތަކުންވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެހެނީ، އިންޓަނެޓާއި މޯބައިލް ފޯނުފަދަ ވަސީލަތްތަކަށް ބަރޯސާވެފައިވާ މިފަދަ ޒަމާނެއްގައި މި ޚިދުމަތްތައް ހުއްޓާލުމަކީ، މިނިވަން ނޫސްވެރިކަމެއް ކުރުމަށްވެސް ބޮޑު ގޮންޖެހުންތަކެއްގެ ގޮތުގައި މީޑިއާ ގްރޫޕްތަކުން ދަނީ ބުނަމުންނެވެ.

ކަޝްމީރު ދެބައިކޮށްލިއިރު އޭގެތެރޭން އިންޑިއާގެ ބާރުގެ ދަށުގައި އޮތް ފަޅިއަށް ކިޔަނީ ޖައްމޫ އެންޑް ކަޝްމީރެވެ. އަދި ޕާކިސްތާނުގެ ބާރުގެ ދަށުގައިވާ ފަޅިއަށް ކިޔަނީ އާޒާދު ކަޝްމީރެވެ. މީގެ ތެރޭން ޖައްމޫ އެންޑް ކަޝްމީރަށް، އިންޑިއާގެ ގާނޫނު އަސާސީން ދީފައިވާ، ބާރުތައް ހިމެނޭ "370 ވަނަ މާއްދާ" އުވާލުމަށް އިންޑިއާއިން ނިންމި ނިންމުމާ ގުޅިގެން އެ ސަރަހައްދުގައި ވަނީ، ވަރަށް ބޮޑަށް މަޝްރަހް ގޯސްވެ ހަނގުރާމައެއް ފެށިދާނެކަމުގެ ބިރުވެސް ހީވެފައެވެ.

މަސްދަރު: އަލްޖަޒީރާ