އޭޝިއާ ސަރަހައްދުގައި، ޚާއްސަކޮށް ސާރކް ސަރަހައްދުގައި މިހާރު އެންމެ ސީރިއަސް މައްސަލައަކީ، މަޝްހޫރު ކަޝްމީރުގެ މައްސަލައެވެ. މީގެ 48 އަހަރު ކުރީން އދ.ގެ ސަލާމަތީ މަޖިލީހުގެ ސަމާލުކަމަށް ގެނެވުނު ނަމަވެސް އޭރުވެސް ގޮތެއް ނުނިންމިފައިވާ މި މައްސަލަ އަނެއްކާވެސް މިވަނީ ހޫނުވެ، ހުޅުހިފާން ގާތްވެފައެވެ. ދުނިޔޭގެ ނިއުކްލިއަރ ބާރުތަކުގެ ތެރޭގައި ހިމެނޭ ދެ ގައުމުކަމަށްވާ އިންޑިއާއާއި ޕާކިސްތާނުން މިވަނީ ނުރައްކާތެރި ހަނގުރާމައަކަށް އަނެއްކާވެސް މިސްރާބުހިފައިފައެވެ.

އިނގިރޭސީންގެ އަޅުވެތިކަމުން، 1947 ވަނަ އަހަރު ޕާކިސްތާނާއި އިންޑިއާ މިނިވަންވީއިރު، އެ ދެގައުމުގެ ބޯޑަރު ހިއްސާކުރާ ސަރަހައްދުކަމަށްވާ ކަޝްމީރަށް މިނިވަންކަމެއް ނުލިބެއެވެ. އޭގެ ބަދަލުގައި، އިންޑިއާއިން ބައެއް (ޖަމްމޫ އެންޑް ކަޝްމީރު) އަދި، ޕާކިސްތާނުން ބައެއް (އާޒާދު ކަޝްމީރު) ކޮންޓްރޯލްކުރާ ގޮތަށް، އެ ސަރަހައްދު އޮތީ ދެގައުމުގެ މެދުގައި ބައިއަޅާފައެވެ. އަދި މީގެ އިތުރުން ހިމާލިޔާ ސަރަޙައްދަށް ނިސްބަތްވާ ކަޝްމީރުގެ ބައެއް، އަވައްޓެރި ޗައިނާއިންވެސް ދަނީ ކޮންޓްރޯލްކުރަމުންނެވެ. އެހެންކަމުން މި ސަރަހައްދަށް އަންނަ ކޮންމެ ނުރައްކާތެރި ރޯޅިއެއް، މުޅި އޭޝިއާގެ ހަމަޖެހުމާ ސަލާމަތާވެސް ކުޅެލައެވެ.

އިންޑިއާގެ ސްޓޭޓްތަކުގެ ތެރޭން، ޖަމްމޫ ކަޝްމީރަކީ މުސްލިމް އަޣްލަބިއްޔަތެއް އޮންނަ ހަމައެކަނި ސްޓޭޓެވެ. މީގެ ހަފްތާއެއްހާ ދުވަސްކުރީން، އިންޑިއާއިން ވަނީ، އެގައުމުގެ ގާނޫނު އަސާސީން، ކަޝްމީރަށް ދީފައިވާ ޚާއްސަ އިމްތިޔާޒުތައް ހިމެނޭ 370 ވަނަ މާއްދާ އުފާލަންނިންމައި، އެކަމުގެ އަމަލީ މަސައްކަތްފަށައިފައެވެ. ޖަމްމޫ އެންޑް ކަޝްމީރުގެ ނަމުގައި ކުރީން އޮތް ސްޓޭޓް އުވާލައި، އެ ސްޓޭޓް ދެ ޔޫނިއަން ޓެރިޓަރީއަށް ބައިކުރުމަށް ނިންމައި، ގާނޫނުހަދާ މަޖިލީހަށް ގަރާރެއް ހުށަހަޅައިފައެވެ. އެއީ "ޖައްމޫ އެންޑް ކަޝްމީރު"ގެ އިތުން "ލަޑާކް" ޓެރިޓަރީއެވެ. އަދި މީގެ އިތުރުން، އެ ސަރައްހަދުގެ މަޝްރަޙް އިތުރަށް ހޫނުވެދާނެތީއާއި ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށްބުނެ އިންޑިއާއިން ކަޝްމީރުގެ މުވާސަލާތީ ޚިދުމަތްތައް ކަނޑާލައި އެ ސަރަހައްދުގައި ސަލާމަތީ ފިޔަވަޅުތައް ވަރުދަގަކޮށް، އިންޑިއާއާ ދެކޮޅަށް އިހްތިޖާޖްކުރަމުންދާ ކަޝްމީރުގެ ރައްޔިތުންނާ މެދު ޖަރީމާތައް ހިންގާންވެސް ފެށީއެވެ. އެއާއެކު ކަޝްމީރުގެ ރައްޔިތުންނާއި އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުން ސިފަކުރަނީ، އިންޑިއާގެ މި ނިންމުމަކީ ކަޝްމީރުގައި އޮތް މުސްލިމް އަޣްލަބިއްޔަތު ނަގައިލާން ހިންގާ ބޮޑުވެގެންވާ ޖަރީމާއެއް ކަމަށެވެ.

ޖައްމޫ ކަޝްމީރަށް އިންޑިއާގެ ގާނޫނު އަސީން ލިބިދީފައިވާ ޚާއްސަ އިމްތިޔާޒުތަކުގެ ތެރޭގައި، އިންޑިއާގެ އެހެން ސްޓޭޓްތަކުގެ ރައްޔިތުންނަށް ކަޝްމީރުން ބިން މިލްކު ނުކުރެވުމާއި، އެ ސްޓޭޓްގެ ރައްވެހިކަން ނުލިބުމާއި، އަދި އެ ސްޓޭޓުގެ ސަރުކާރުގެ ވަޒީފާތަކުގެ އިތުރުން، ސަރުކާރުން ލިއްބައިދޭ ތައުލީމީ ފުރުސަތުތަކަށް ކުރިމަތި ނުލެވުންވެސް ހިމެނެއެވެ. އަދި ހަމަ އެހެންމެ ޖައްމޫ ކަޝްމީރަށް ވަކި ޤާނޫނުއަސާސީއަކާއި ވަކި ދިދައަކާއި ގައުމީ ސަލާމެއް އޮތުމުގެ އިހްތިޔާރުވެސް އިންޑިއާގެ ގާނޫނުއަސާސީން މީގެ ކުރީން ވަނީ ލިއްބައިދީފައެވެ.

އެންމެފަހުން މައްސަލައާ މެދު ގޮތެއް ނިންމުމަށް، ޕާކިސްތާނުން ވަނީ، ޗައިނާގެ އެހީތެރިކަމާ އެއްބާރުލުމާއެކު އދ.ގެ ސަލާމަތީ މަޖިލީހަށް މައްސަލަ ވައްދައިފައެވެ. ޗައިނާއަކީ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރެކެވެ. ބައިގަރުނާ ގާތްވެފައިވަނިކޮށް ސަލާމަތީ މަޖިލީހުން އަނެއްކާވެސް ކަޝްމީރާ ގުޅޭގޮތުން މަޝްވަރާކުރާން ބައްދަލުވީ މި ދިޔަ ހުކުރު ދުވަހުއެވެ. ސިއްރުކޮށްގެން ބޭއްވި މި ބައްދަލުވުން، 90 މިނިޓަށް ދިގުދެމިގެން ދިޔަ ނަމަވެސް، އެދެވޭ އެއްވެސް ނަތީޖާއެއް ނުނުކުތެވެ. ނުވިތާކަށް، ސަލާމަތީ މަޖިލީހުން އަޅާ އެންމެ އާދައިގެ ފިޔަވަޅުކަމަށްވާ، "މައްސަލައާ ގުޅޭ ގޮތުން ބަޔާނެއް ނެރުން" ވެސް މި ބައްދަލުވުމުގައި ފާހެއް ނުވިއެވެ.

ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރުންގެ ގޮތުގައި ތިބި، ދުނިޔޭގެ އެންމެ ބޮޑެތި ބާރުތަކުގެ މެދުގައިވެސް ވާދަވެރިކަމާއި ނުތަނަވަސްކަން އުފެދިފައިވާ މި ދަނޑިވަޅުގައި ބޭއްވި ސަލާމަތީ މަޖިލީހުގެ ބައްދަލުވުމަށްފަހު، އދ.އަށް ރަޝިއާއިން ކަނޑައަޅާފައި ހުންނަ މެންބަރު ވިދާޅުވީ، "ބައެއް ފަހަރު އެންމެ ރަނގަޅު ގޮތަކީ ހުރިހާ މައްސަލައެއްގެ ތެރެއަށް ނުވަނުން" ކަމަށެވެ. އެއޭނާ އުފަންވީ 1971 ވަނަ އަހަރު ކަމަށާއި ކަޝްމީރުގެ މައްސަލައަކީ އޭރުއްސުރެން ގޮތެއް ނުނިމި އޮތް މައްސަލައެއްކަމަށް ވިދާޅުވިއެވެ.

އެމެރިކާގެ ރައީސާ ހަވާލާދީ، ވައިޓްހައުސްއިން ބުނީ، ކަޝްމީރު މައްސަލައިގައި ގޮތެއް ނިންމާން އެންމެ ރަނގަޅުވާނީ އިންޑިއާއާއި ޕާކިސްތާނުގެ ވެރީންގެ މެދުގައި މަޝްވަރާކޮށްގެން ކަމަށެވެ.

ކަޝްމީރުގެ މައްސަލަގައި އިންޑިއާއާއި ޕާކިސްތާނާ ދެމެދު، ވަރުގަދަ ހަނގުރާމަތަކެއް ކޮށް، އެތަކެއްހާސް މީހުން މަރުވެގޮސްފައިވާއިރު، އަނެއްކާވެސް މިވަނީ ދެގައުމުގެ ގުޅުން އިތުރަށް ގޯސްވެ ހަނގުރާމައަކަށް މިސްރާބު ޖަހައިފައެވެ. އިންޑިއާއިން ދަނީ، ކަޝްމީރަކީ އެގައުމުގެ ސަލާމަތާ ގުޅިފައިވާ ބޮޑު މައްސަލައެއް ކަމަށް ބުނަމުންނެވެ. އަދި ކަޝްމީރު ވާން ޖެހޭނީ އިންޑިއާގެ އެހެން ސްޓޭޓްތަކެކޭ އެއްފަދައިން ސީދާ އިންޑިއާގެ މައި ސަރުކާރުގެ ބާރު ހިނގާ ސްޓޭޓަކަށް ކަމަށެވެ. ނަމަވެސް އިންޑިއާގެ އަމަލުތައް ކުށްވެރިކޮށް ސަރަހައްދުގައި ދަނީ، ނުތަނަވަސްކަން ފާޅުކުރަމުންނެވެ.

ކޮންމެ އަހަރެއްގެ އޯގަސްޓް މަހުގެ 14 ވަނަ ދުވަހަކީ ޕާކިސްތާނުގެ ގައުމީ ދުވަސް، ނުވަތަ އިނގިރޭސީންގެ އަޅުވެތިކަމުން މިނިވަންކަން ލިބުނު ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. އަދި 15 ވަނަ ދުވަހަކީ އިންޑިއާގެ ގައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. ނަމަވެސް ކަޝްމީރީން 15 އޯގަސްޓް ފާހަގަކުރަނީ ކަޅުދުވަހުގެ ގޮތުގައެވެ. ކަޝްމީރީން ދަނީ، އެބައިމީހުންގެ މިނިވަންކަމާއި ސަލާމަތަށް އެދި ކޮންމެ ދުވަހަކު އިހްތިޖާޖުކުރަމުންނެވެ.

ބައިގަރުނުވެފައިވާ މި މައްސަލަ ހައްލުކުރުމަށް، އދ.އިން އެތަކެއް އަހަރުފަހުން ބޭއްވި ބައްދަލުވުންވެސް ތާކުންތާކު ނުޖެހި ފަނުފުލުންދިޔައިރު، މި ދެގައުމުގެ ދެމެދުގައި މަޝްވަރާކޮށްގެން ގޮތެއް ނިންމުމަށް ކުރީންވެސް އެތަކެއް ފަހަރުމަތީން މަސައްކަތްކޮށް ވަނީ ނާކާމިޔާބުވެފައެވެ.