ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިދުވަސްވަރު، ޓައިފޮއިޑް ހުން ފެތުރުމާއެކު، ހަލުއިކަމާއެކު ބޭރަށްހިންގުމާއި ހޮޑުލުމުގެ ރޯގާ ފެތުރެމުން ދާކަމަށް، މޯލްޑިވްސް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ، މީގެ ކުރީގެ އަހަރުތަކެކޭ އެއްފަދައިން މިއަރުވެސް ޖުލައި މަހުން ފެށިގެން ބޭރަށްހިންގުން އިތުރުވެފައިވާ ކަމަށެވެ. އެހެންކަމުން، އެންމެންވެސް މިކަމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އެޗްޕީއޭއިން ބުނީ، މިއަހަރުގެ އެހެން މަސްތަކާ އަޅައިބަލާއިރު، ބޭރަށްހިންގުމާއި ހޮޑުލުން ޖުލައި މަހު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން، ޖުލައި މަހުގެ ތެރޭގައި އެކަނިވެސް 3808 ކޭސް ރެކޯޑުކުރެވިފައިވާ ކަމަށެވެ.

މީގެ އިތުރުން، ސާފުތާހިރުކަން ކުޑަވުމުގެ ސަބަބުން، ބެކްޓީރިއާގެ ޒަރީޢާއިން ފެތުރޭ ބައްޔެއް ކަމަށްވާ، ޓައިފޮއިޑް ވެސް މިހާރު ފެތުރޭން ފަށާފައި ވާކަމަށް އެޗްޕީއޭއިން ބުނެއެވެ.

ޓައިފޮއިޑު ހުމަކީ ސަލްމޮނެއްލާ ޓައިފީ ކިޔާ ބެކްޓީރިޔާއެއްގެ ސަބަބުން ޖެހޭ ފެތުރޭ ބައްޔެކެވެ. ސަލްމޮނެއްލާ ޓައިފި ބެކްޓީރިޔާގައި ތަފާތު 3 އެންޓިޖެން އެއް އެކުލެވިގެން ވެއެވެ. ޓައިފޮއިޑް ހުން ފަތުރާ މަސްދަރަކީ ޓައިފޮއިޑް ހުން ޖެހިފައިވާ ތިބޭމީހުންނާއި، އަދި ޓައިފޮއިޑް ހުން ޖައްސާ ބެކްޓީރިޔާ ހަށިގަނޑުގައި ހުރި މީހުންނެވެ.

ޓައިފޮއިޑް ފެތުރުމުގައި، ޓައިފޮއިޑް ހުން ޖައްސާ ބެކްޓީރިޔާ ސަލްމޮނެއްލާ ޓައިފި އާއި ތަޣައްޔަރުވެފައިވާ އަތް އަގަޔަށްލުމާއި، މި ބެކްޓީރިއާއިން ތަޣައްޔަރުވެފައިވާ މޭވާއާއި ތަރުކާރީއާއި ކިރުގެ ބާވަތްތައް ބޭނުންކުރުން ހިމެނެއެވެ. މެހި ފަދަ ތަކެއްޗަކީ ޓައިފޮއިޑް ހުން ފެތުރުމުގައި މެކޭނިކަލް ދައުރެއް އަދާކޮށްދޭ އެއްޗެކެވެ. ސަބަބަކީ އެކަތިން އަނެކައްޗަށް ޓައިފޮއިޑް ހުން ޖައްސާ ބެކްޓީރިޔާ މެހިފަދަ ތަކެތީގެ އެހީގައި ވާސިލްވާތީއެވެ.

ޓައިފޮއިޑް ހުމުގެ އަލާމާތްތަކުގެ ތެރޭގައި، ކާހިތް ނުވުމާއި، ބަނޑުގައި ރިއްސުން، ގަދައަށް ހުންއައުން އަދި ހަށިގަނޑުގައި ރިއްސުމާއި، ބޭރަށް ހިންގުމާއި ހަންގަނޑު ހިރުވާގޮތްވުން ފަދަ ކަންކަން ހިމެނެއެވެ.

އެޗްޕީއޭއިން ބުނީ، މިދުވަސްވަރު، ސާފުތާހިރުކަމަށް އިތުރު ސަމާލުކަމެއް ދިނުމަށާއި، ކެއުމުގެ ކުރީންނާއި، ކެއުމަށްފަހު، އަދި ފާޚާނާ ބޭނުންކުރުމަށް ފަހުވެސް ރަނގަޅަށް ސައިބޯނިލައިގެން އަތްދޮވުމަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ.